ހިޔާވަހި ސްކީމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-
ހިޔާވަހި ސްކީމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-
ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރުމަށް ބީއެމްއެލް އިން ދޫކުރާ "ހިޔާވަހި ލޯނު" ހޯދަން ރައްޔިތުންނަށް ދަތިތައް ދިމާވަމުންދާ ކަމަށް ބުނެ، ލޯނުގެ މިންގަނޑު ކުޑަކޮށްދޭން އެދި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒަށް މިކަމާ ގުޅިގެން ސިޓީ ފޮނުއްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.

ކުޑޫ ފޮނުއްވި ސިޓީގައި ވަނީ، އެ ލޯނު ދޫކުރުމުގައި ލުއި ގޮތްތަކެއް ނެތްކަން ފާހަގަކުރައްވާފައެވެ. އަދި ލޯނުގެ ކަންކަން ކުރިއަށް ގެންދަނީ، ބޭންކުތަކުން ލޯނު ދޫކުރާ "އާންމު އުސޫލު"ގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.

އެގޮތުން އާމްދަނީގެ 40 އިންސައްތައަށްވުރެ ބޮޑު އަދަދެއް ލޯނަށް ދައްކަން ޖެހޭނަމަ ލޯނަށް ޝަރުތު ހަމަނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިސާލެއް ދައްކަވައި، ކުޑޫ ވިދާޅުވީ ހަ މިލިއަން ރުފިޔާގެ ލޯނެއް، ފަސް ޕަސެންޓު އިންޓްރެސްޓުގައި 25 އަހަރުން ދައްކާ ގޮތަށް ނަގާނަމަ، މަހަކު 35،000 ރުފިޔާ ލޯނަށް ދައްކަން ޖެހޭނެ ކަމަށެވެ. އާންމު އުސޫލުގައި އިމާރާތުގެ 80 ޕަސެންޓު ދިރިއުޅެން ބޭނުންކުރަން ޖެހޭ ކަމަށް އޮތުމުން ކުއްޔަށް ދީގެން ވެސް އާމްދަނީއެއް ހޯދައިގެން ލޯނު ދެއްކޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ކުޑޫ ވަނީ ފާޅުކުރައްވާފައެވެ.

ކުޑޫ ވިދާޅުވީ މިހާރު ބީއެމްއެލްއިން 'އާންމު އުސޫލުން' ލޯނު ދޫކުރާތީ ގިނަ ރައްޔިތުން ލޯނަށް ޝަރުތު ހަމަނުވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެހެންކަމުން އެކަމާ މެދު ވިސްނާވަޑައިގެން، ލުއި ގޮތެއް ހައްދަވައިދެއްވުން އެދި، ކުޑޫ ވަނީ ސިޓީއެއް ރައީސަށް ފޮނުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު