އެންވަޔަރަމެންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅޭ ކޮރަޕްޝަން ހެކިތަކެއް ހުރެގެންތޯއޭ ވިދާޅުވެ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ސުވާލު އުފައްދަވައިފި އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ޝަމްނާޒް ހައްޔަރުކުރީ ރައީސް މުއިއްޒުއަށް ސިހުރު ހެދިކަމުގެ ތުހުމަތުގަ އެވެ.

އެހެން ނަމަވެސް ސަރުކާރުން ބުނަމުންދަނީ ޝަމްނާޒް ސިހުރު ހެދިކަމުގެ މައްސަލަ ހުށަހެޅީ ރައީސް މުއިއްޒުގެ އާއިލާއިން ނޫން ކަމަށެވެ.

އެކަމަށް އިޝާރާތްކުރައްވައި ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވިދާޅުވީ އެފަދަ މައްސަލަތައް ފުލުހުން އަމިއްލައަށް ނުބަލާނެ ކަމަށެވެ.

ހަމަ އެހެންމެ އެ މައްސަލަ އިންޑިއާ، ރަޝިއާ އަދި ޗައިނާ މީޑިއާތަކުން ވެސް ކަވަރުކޮށްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޝިމްނާޒްއަކީ ކުރިން ރައީސް މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ވަރަށް އަރިސްކޮށް އުޅުއްވި ބޭފުޅެއް ކަމަށެވެ.

"އެހެންވީމަ ފަހަރުގައި ވެދާނެތޯ ކައިރިން މަސައްކަތް ކުރި މީހެއް ވީމަ އޭރު ހިނގާފައި ހުރި ކަރަޕްޝަން މައްސަލަތަކުގެ ޕެންޑްރައިވެއް [ޝިމްނާޒްގެ އަތުގައި] އޮތީމަ އޭނަގެ ގެ ރެއިޑް ކުރުމުގެ ފުރުސަތެއް ހޯދީއޭ. އެހެންވީމަ މިއީ ސިހުރު ހާހުރައިގެ ވާހަކަތޯ ނޫނިއްޔާ އެހެން ކޮންމެވެސް އެއްޗެއް ހޯދާފައި، އެ ކޮންމެވެސް ގޮތަކަށް ބަދަލުވެގެންތޯ މިއުޅެނީ؟" ރައީސް ޔާމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން