Rangalhu vaahaka eh. Bayeh beleniverinnah afford eh nukureveyne aa uniform fahaakah ves. Mihen hedheema bayeh kudhinnah uniform nuhoadhi thiben ves jehidhaane aharu feshey iru. Kihaa dhera . Anehkka mihaaru fotheege haradhuves mi vee bodu.
— Kiokee (@Kioskyes) December 6, 2025
ސަރުކާރުން ދާދި ފަހުން ތަޢާރަފްކުރި ޔުނީފޯމްގެ އާ ސިޔާސަތާއެކު ކުރިން ހުރި، އެއްބައިވަންތަކަން ރަމްޒުކޮށްދޭ ސަގާފީ ހުދު ޔުނީފޯމްގެ ބަދަލުގައި، ކުލަކުލައިގެ ޔުނީފޯމާއި އަންހެން ކުދިންނަށް ސްކާޓްގެ ދަށުން ހަރުވާޅު ލާން މަޖުބޫރުކުރުވުމަކީ ބައެއް ފަރާތްތަކަށް ކަންބޮޑުވުންތަކެއް ގެނުވި ކަމެކެވެ. މި ބަދަލުތަކާ ގުޅިގެން، ކުރީގެ ޔުނީފޯމުން ދަރިވަރުންނަށް ލިބުނު ލުއިކަމާއި، އަމަލީ ގޮތުން ފަސޭހަ ކަމާއެކު ހަރަކާތްތެރިވެ އުޅުމަށް ލިބުނު ލުއިކަން އެއްބަޔަކު ފާހަގަ ކުރަމުންދާއިރު، ގެނެވުނު ބަދަލަށް ހޭދަވާނެ ޚަރަދާ މެދުވެސް ސުވާލު އުފެދިފައިވެއެވެ.
އާންމުންގެ ނަޒަރުގައި، ޔުނީފޯމް ރިފޯމް ކުރުމަކީ ސްކޫލްތަކުގައި ހުރި ސުލޫކީ މައްސަލަތަކަށް އަޅާލުމެއްނެތި، ހަމައެކަނި ސަރުކާރުގެ މޫނުމަތި ރީތިކޮށްލަން ބަދަލެއް ގެނައުމަށް ކުރެވޭ މަސައްކަތެކެވެ. އެހެންކަމުން، މިއީ ހަގީގީ ކުރިއެރުމަކަށްވުރެ ބޮޑަށް، ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ކުރެވޭ މަސައްކަތެއް ކަމަށް ބެލެވެއެވެ.
In a country as hot as the #Maldives, adding trousers under skirts for schoolgirls raises real concerns about comfort and practicality. Uniform policies should prioritise student wellbeing and offer reasonable choice — not edge toward controlling what women and girls wear.…
— Mizna Shareef (@MiznaShareef) December 5, 2025
މިފަދަ ބަހުސްތައް ހޫނުވެފައިވަނީ، ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އަޚުލާގީ މިންގަނޑާ ގުޅޭ ސީރިއަސް މައްސަލަތައް އިތުރުވެފައިވާއިރު، އެކަން މުހިންމުކަމަކަށް ނުވީމައެވެ. މިކަމުގައި އެންމެ ފާހަގަކުރެވޭ އެއް މިސާލަކީ މިފަހަކުން އައްޑޫ ހައި ސްކޫލުގައި ހިނގި ބައެއް ހާދިސާތަކެވެ. ދަރިވަރުން ޓީޗަރަކަށް ބިރުދައްކައި، އުނދަގޫކޮށް، އަދި ޖިސްމާނީ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް ވައިރަލްވުމަކީ، ސަރުކާރުގެ ސްކޫލްތަކުގެ ޑިސިޕްލިން ނިޒާމު ފެއިލްވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ. މިފަދަ ހާދިސާތަކުގައި ޓީޗަރުންވެސް ޖިސްމާނީ ގޮތުން ބަދަލު ހިފަން މަޖުބޫރުވުމަކީ، ސަރުކާރުގެ ސްކޫލްތަކުގައި ޓީޗަރުންނަށް ސަޕޯޓް ސިސްޓަމްތައް ނެތްކަން ދައްކުވައިދޭ ކަމެކެވެ. މީގެ އިތުރުން، ކްލާސްތަކުގެ ތެރޭގައި އެކަށީގެންނުވާ އަމަލުތައް ހިންގާ މަންޒަރު ފެންނަ ވީޑިއޯ ތަކުންނާއި އަޑުތަކުން ހާމަވަނީ، ސަރުކާރުގެ ސްކޫލްތަކުގެ ސުޕަވައިޒަރީ އަދި ޑިސިޕްލިން ސްޓްރަކްޗަރތައް ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމެވެ.
ސަރުކާރު ސްކޫލްތަކުގައި މިހާރު ކުރިމަތިވެފައިވާ ޑިސިޕްލިން ކްރައިސިސްގެ ތެރޭގައި އަނިޔާވެރިކަމާއި، އިޙްތިރާމް ކުޑަކުރުމާއި، ވަކި ޙައްދުތަކެއް ނެތުމާއި، ކްލާސްރޫމް ކޮންޓްރޯލް ދަށްވުން ހިމެނެއެވެ. މިފަދަ މާހައުލެއްގައި ތަޢުލީމު ދިނުމާއި، ދަރިވަރުންނަށް އެކަށީގެންވާ ތަރުބިއްޔަތެއް ދިނުމަކީ ވަރަށް ދަތިކަމެކެވެ. މިފަދަ މައްސަލަތައް އިތުރުވަމުންދާއިރު، މިސަރުކާރުން ސްކޫލްތަކުގައި ކައުންސެލަރުންނާއި، މޮނިޓަރިންގ ސިސްޓަމްތަކާއި، ޓީޗަރުންނަށް ބޭނުންވާ ސަޕޯޓް ސިސްޓަމް ގާއިމުކޮށް ދަމަހައްޓަން އިސްކަމެއް ނުދޭކަން މިދަނީ ފާހަގަކުރެވެމުންނެވެ. މިފަދައިން އެކަށީގެންވާ އިންޓަރވެންޝަނެއް ނެތި ސުލޫކީ މައްސަލަތައް އިތުރުވުމަކީ، ދިވެހި ތަޢުލީމީ ނިޒާމަށް ނުރައްކާވެފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ.


ދަރިވަރުންނަކީ މުޖުތަމަޢުގެ މުސްތަޤުބަލެވެ. އެހެންކަމުން، އެ ކުދިންގެ ކިބައިގައި ރަނގަޅު އަޚުލާޤާއި ހެޔޮ ސުލޫކު އަށަގެންނެވުމަކީ ތަޢުލީމީ ނިޒާމުގެ އެންމެ އިސް މަޤްޞަދަށް ވާންޖެހެއެވެ. ޔުނީފޯމަށް ގެނައި ބަދަލުތަކަކީ ވަގުތީ އަދި މޫނުމަތި ނަލަ ކޮށްލުމުގެ ކަމެކެވެ. ނަމަވެސް ދަރިވަރުންގެ މެދުގައި އިޙްތިރާމްކުރުމާއި، ޒިންމާދާރުވުމާއި، އަނިޔާވެރިކަމުން ދުރުހެލިވުމުގެ ރީތި އަޚުލާގު އަށަގެންނެވުމަށް މަސައްކަތް ކުރުމަކީ ދުރުރާސްތާއަށް ބެލިނަމަވެސް މުޖުތަމަޢަށް ނުހަނު ފައިދާހުރި ސިފަތަކެކެވެ. ސަރުކާރު ސްކޫލްތަކުގެ ޑިސިޕްލިން ކްރައިސިސްއަށް ޙައްލެއް ހޯދުމަށްޓަކައި، ސަރުކާރާއި ސްކޫލްތަކުން އިސްކަންދޭންވީ އަޚުލާޤީ ތަރުބިއްޔަތު ވަރުގަދަކުރުމަށާއި، ޓީޗަރުންނަށް އެކަށީގެންވާ ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަޚުލާޤީ ތަރުބިއްޔަތު ރަނގަޅުނުކޮށް، ލާ ހެދުމަށް ބަދަލު ގެނައުމަކީ، އަސްލު މައްސަލަ ހައްލުކުރުމަށް ހުރަސްއަޅާ ކަމެއް ކަމަށް ބެލެވިދާނެއެވެ.
In early Edhuruge schools we wore what was customary in our island communities, free from formal uniforms. Boys wore a sarong with or without a shirt. Girls wore colorful dresses or hedhun buri blouses with feyli.
— Ibrahim Sasaki (@ibrahimsasaki) December 4, 2025
Focus was on learning, not on appearance or enforced uniformity. https://t.co/s3w8TljbCZ pic.twitter.com/klwVGQRDec
އިސްވެ ދެންނެވުނު ކަންތައްތަކަށް ބަލާއިރު، ދަރިވަރުންގެ ސްކޫލް ޔުނީފޯމަށް ބަދަލު ގެނައުމަށްވުރެ މުހިންމީ އެ ކުދިންގެ އަޚުލާޤު ރަނގަޅުކުރުންކަމަށް ގަބޫލުކުރެވޭއިރު، ޔުނީފޯމަށް ގެނައި ބަދަލުތަކަކީ ހަޤީޤީ މައްސަލަތަކުގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ސަރުކާރުން ކުރާ ކަމެއް ކަމަށްވެސް ބައެއް އާންމުން ދެކެއެވެ. ސްކޫލްތަކުގައި ސުލޫކީ މައްސަލަތައް ގޯސްވެފައިވާ މި ދަނޑިވަޅުގައި، ތަޢުލީމީ ދާއިރާގެ އިސް ފަރާތްތަކުން ވިސްނަންވީ ތަޢުލީމީ ނިޒާމުގެ ފެންވަރު ރަނގަޅުކޮށް ޓީޗަރުންނާއި ދަރިވަރުންގެ ސަލާމަތާއި، ސްކޫލުގެ ރަނގަޅު ސުލޫކީ މިންގަޑުތަކާއި ގަވާއިދުތަކަށް އިސްކަންދީ، އަޚުލާޤީ ތަރުބިއްޔަތުގެ މުހިންމުކަން ދެނެގަނެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަކީ މުސްތަޤުބަލުގެ ކާމިޔާބީގެ އަސާސުކަމުގައި ގަބޫލުކޮށް އެއަށް އަމަލު ކުރުމެވެ.
ކިޔުންތެރިންގެ ހިޔާލު