ރ. އުނގޫފާރުގެ މަގެއްގައި ހެދިފައި އޮތް ފެންގަނޑަކަށް އެރުނު ކުދިންތަކެއް ކަރަންޓުގައި ޖެހިގެން ފަރުވާދެމުންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގަން މެދުވެރިވީ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތިއެއްގެ ވަޔަރިން މައްސަލައެއް ދިމާވެ ފެންގަނޑަށް ކަރަންޓު ދޫވެފައި ހުރުމުގެ ސަބަބުންނެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އުނގޫފާރު ކުޑަކުދިންގެ ޕާކު ކައިރީގައި ހުރި މަގުބައްތިއެއް ކައިރީގައި އޮތް ފެންގަނޑެއްގައި ކުޅެން ތިބި ކުދިންތަކެއް ކަރަންޓުގައި ޖެހިގެން އުޅޭ ކަމަށް މިއަދު މެންދުރު 13:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖަކާއި 12 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. ފުލުހުން ބުނީ އެ ދެ ކުދިންނަށް ވެސް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން ކަމަށެވެ.

އޭގެއިތުރުން އެ ދެ ކުދިން ކަރަންޓުގައި ޖެހުނު މަންޒަރު ފެނުނު ކުއްޖަކު އަނބުރައިގަނެގެން، އެ ކުއްޖާ އަށް ވެސް އަންނަނީ ފަރުވާ ދެމުން ކަން ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން