ރާއްޖޭގެ ހުރިހާ ސިޓީ ތަކުންނާއި އަދި ހުރިހާ އަތޮޅުތަކުން ޕާސްޕޯޓުގެ ހިދުމަތް އެ އަތޮޅެއްގައި ތިބެގެން ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން ވަޙީދު މިއަދު ވިދާޅުވީ، އެކި ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ޕާސްޕޯޓްގެ ހިދުމަތްތައް ކޮންމެ ސިޓީއަކުން އަދި އަތޮޅަކުން ލިބޭނެގޮތް ހަމަޖެއްސުމަށް ރައީސް ނިންމަވާފައިވާކަމަށެވެ.

އަދި އެ ނިންމެވުމާއި ގުޅިގެން، ދިވެހި އެތަކެއް ރައްޔިތަކަށް މާލީ ގޮތުން ލުއިވެ އަދި ވަގުތު ސަލާމަތް ކުރެވި ލުއި ފަސޭހަ ކަމާއެކު މި ހިދުމަތް ލިބިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ، މިއީ އަތޮޅު ތެރޭގެ އެތަކެއް ރައްޔިތުން ނުހަނު އެދިއެދި ހުރި ކަމެއްކަމަށާއި ލާ މަރުކަޒީ ނިޒާމު އިތުރަށް ފުރިހަމަ ވެގެން ވެސް ދާނެ ކަމެއްކަން ކަށަވަރު ކަމަށެވެ.

މިހާރު ހަމަޖެހިފައިވާގޮތުން އަތޮޅުތަކުގެ ރައްޔިތުން ޕާސްޕޯޓުގެ ހިދުމަތް ހޯދުމަށް އަންނަންޖެހެނީ ވެރިރަށް މާލެއަށެވެ. އޮންލައިންކޮށް ޕާސްޕޯޓަށް އެދެވުނުނަމަވެސް ޕާސްޕޯޓާއި ހަވާލުވުމަށް އޭގެ ވެރިމީހާ މާލެ އަންނަން ޖެހޭޖެހުން ވެފައި އޮންނަނީ ވަރަށް ބޮޑު ތަކުލީފަކަށެވެ.

ޝަމްއާން މިއަދު ވިދާޅުވީ މަހެއްގެ މައްޗަށް 1200 އެއްހާ މީހުން މިގޮތަށް މާލެ އައިސް ޕާސްޕޯޓް ނެގުމުގައި ގާތްގަނޑަކަށް 5000 އާއި 6000 އާއި ދެމެދުގެ އަދަދެއްގެ ހަރަދު ކުރާކަމަށެވެ.

ސަރުކާރުން މިފަދަ ނިންމެވުންތަކެއް ނިންމަވަމުން ގެންދަވާއިރު، މި ސަރުކާރު ހަވާލުވިފަހުން އިމިގްރޭޝަނުންވަނީ ކުއްލި ހާލަތްތަކުގައި ސީދާ އިމިގްރޭޝަނުން ޕާސްޕޯޓު ހެއްދުމަށް ފޮޓޯ ނަގައިދީ ޕާސްޕޯޓު އަތަށްލިބޭނެގޮތް ހަމަޖައްސައިދީފައިކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން