އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު
ރާއްޖެ ދެރުމުން ގެއްލުންވާނީ އެންމެނަށް ކަމަށާއި، މީ ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިމޭރުމުން ވިދާޅުވެފައިވާއިރު، ރާއްޖޭގެ މާލީ ހާލަތު ގޯސް ކަމަށް ބުނެ ވާހަކަ ދައްކަނީ ސިޔާސީ ގޮތުން ބަޔަކު މާޔޫސްވެގެން ކަމަށް މި ސަރުކާރުގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މާލީ ހާލަތު ވެއްޓިފައިވާ އަޑިގަޑުން ނެގުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމުގައި ބައިވެރިވާން އުޅޭ ކަމަށް ބުނެ މީސްމީޑިޔާގައި ފެތުރިފައިވާ އަޑުތަކާ ގުޅިގެން އަމްރު ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާ މިދަނޑިވަޅުގައި އެކަން ސިއްރު ކުރުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ.

އަދި އެކަމުގައި އެންމެ ބުއްދިވެރި ގޮތަކަށް ވާނީ އިދިކޮޅު ސިޔާސީ ޕާޓީތަކާ ކަންކަން ހިއްސާކޮށް، މިކަމުން އަރައިގަތުމަށް އެކީގައި މަސައްކަތް ކުރުން ކަމަށް އަމްރު ވިދާޅުވިއެވެ.

"ރާއްޖެ ދެރުމުން ގެއްލުންވާނީ އެންމެނަށް. ސިޔާސީ ފަރާތެއް، ވިޔަފާރިއެއް، ސަރުކާރު މުވައްޒިފެއް އިސްތިސްނާއެއް ނުވާނެ." އަމްރު ވިދާޅުވެފައިވެއެވެ.



އަމްރު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ވަރަށް ގިނަ ކަންކަން ކުރަންޖެހޭ ކަމަށެވެ. އެގޮތުން ޓެކްސް ފައިސާ ޚަރަދު ކުރާއިރު ރައްޔިތުންނަށް އެކަމުން ފައިދާއެއް ވޭތޯ ޔަގީންކުރަންޖެހޭ ކަމަށް އަމްރު ވިދާޅުވިއެވެ.

އޭގެ އިތުރުން މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، ދައުލަތުގެ އެންމެންގެ މުސާރަ އެއްކީލި ކުރަންޖެހޭ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

އަމްރު މިބީދައިން ވިދާޅުވެފައިވާއިރު، ރައީސް ޑރ މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް ސަރުކާރުން ބުނެއެވެެ. އޭގެ އެންމެ ބޮޑު އެއްސަބަބަކީ ކުރީ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕްކުރުމުން ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

ދާދިފަހުން އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ވަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި ބައްދަލު ކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ މި ސަރުކާރުގެ އިގުތިޞާދީ އެޖެންޑާއަށް އައިއެމްއެފްގެ އިތުބާރު އޮތް ކަމަށާއި، ސަރުކާރުން އަޅަމުންގެންދާ އިސްލާހީ ފިޔަވަޅުތަކަށް އައިއެމްއެފުން ތަޢުރީފް ކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

ދުއްރާސް

19-Feb-2024

އަމްރުގެ ވާހަކައަށް ޙަމަ ސަތޭކަ


0

ޢަމަލް

19-Feb-2024

ވަރަށް ބަރާބަރު ވާހަކައެއް. މިހާރަކަށް އައިސް މިއިވެނީ މިސަރުކާރުން ކުރީ ސަރުކާރުކުށްވެރިކޮށް ވަަހަކަ ދައްކާތަން. މިހާރުގެ ސަރުކާރުންވެސް އޮޅުވާލަން ވާހަކަ ދައްކަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް މާމޮޅެއްވެދާނެ ކަމަށް ހީކޮށް



ޓްރެންޑިން