ދިވެހިރާއްޖޭގެ މާޟީގެ ތާރީޚް ގެ ގަނޑުތައް އުކަމުން ދާއިރު، ދިވެހީންނަކީ، ވިޔަފާރީގެ ޚިޔާލާތުގެ ތެތްކަމުން މަޙްރޫމް ވެފައިވާ ބައެއް ކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ. ދިވެހިންނަކީ، ހިތްވަރާއި ވަކިވެފައިވާ ބައެއްކަމަކަށްވެސް އަޅުގަނޑަކަށް ނުވިސްނެއެވެ. ޝައްކެއް ވަސްވާހެއް ނެތެވެ. އެއްޒަމާނެއްގައި ދިވެހިންނަކީ ދިވެހި ބިމުގައި ހެދުނު ކާބޯތަކެތީން ފުދިގެން، ދިވެހި އަތްތަކުން އުފެއްދި ތަކެތީގެ ބޭނުން ހިފައިގެން އުޅުނު ބައެކެވެ. އަނެއް ޒަމާނެއްގައި، ދިވެހީންނަކީ ބޭރު ތަންތަނުގައި ހެދިފައިވާ ކާބޯތަކެއްޗާއި، ބިދޭސީންގެ އަތްތަކުން ހައްދާފައިވާ ތަކެތި، ދިވެހިންގެ ފުރާދުއްވާ ތަކެތީގައި ގެނެސްގެން އެތަކެތިން ބޭނުންތައް ފުއްދައިގެން އުޅުނު ބަޔެކެވެ. އަދިވެސް އަނެއް ޒަމާނަކީ، ދިވެހީން އެބައިމީހުންގެ ވިޔަފާރި ބޭރުގެ ރަށްރަށުގައި ފަތުރައިގެން، ރާއްޖޭގެ ނަމާއި، ޢިއްޒަތް މަތިވެރިކުރި ޒަމާނެވެ. މި ޒަމާނަކީ...... އާހް! އަދުގެ އަޅުގަނޑުމެންގެ ޙާލެވެ! އަދުގެ އަޅުގަނޑުމެންގެ ހިތާމަވެރި ޙާލެވެ! އާދެ! މިޒަމާނަކީ، ދިވެހީން ދިރިދުނިޔޭގައި ތިބުމަށްޓަކައި، ބޭރު ބިންތަކުގައި އުފެދޭ ތަކެއްޗާއި، އެހެނިހެން ޤައުމުޤައުމުގެ މީހުން ހަދާ އެއްޗެތި، ބިދޭސީ ވިޔަފާރިވެރިން އެބައިމީހުންގެ ފުރާ ދުއްވާ އެއްޗެތީގައި ގެންނާން ޖެހިފައިވާ ޒަމާނެވެ. ޝައްކެއްނެތެވެ. ވިޔަފާރިކުރާ،ދިވެހިން މިޒަމާނުގައި ވަރަށްވެސް ގިނައެވެ. އިހު އުޅުނު ވިޔަފާރިވެރިންނަށްވުރެ، އެބައިމީހުންގެ ޚިޔާލާތުތައް މަތިވެރިކަމުގައިވުން އެކަށީގެންވެއެވެ. ވިޔަފާރީގެ ސިއްރުތަކާއި، ޙިކުމަތްތަކުގެ ތެރެއަށް ވަންނާނޭ ދޮރުތައް ދުވަހަކުވެސް ނުހުޅުވޭ ފަދައިން އަދުވަނީ ހުޅުވިފައެވެ. ނަމަވެސް..... އާދެ! ނަމަވެސް ވިޔަފާރީގެ މަތިވެރި ދަނޑުގައި ދިވެހި ޤައުމަށް ލިބެމުންދާ ފައިދާއަކީ ވަރަށްވެސް ކުޑަ ފައިދާއެކެވެ. ނުވަތަ ސުމެކެވެ. ޢަލީ ދޮށިމޭނާ ކިލެގެފާނެއް، ނުވަތަ ކަކާގޭ އިސްމާޢީލް ދީދީ އެއް، ނޭވާފުޅު ލެއްވި ބިމެއްގެ މަތީން، ޒަމާނާ ނިސްބަތްކޮށް ބަލާއިރު، އުފެދެންވީ އެއްވެސް ވިޔަފާރިވެރިއެއް ހަމަކަށަވަރުންވެސް އަޅުގަނޑަކަށް ނުފެނެއެވެ. ސަބަބަކީ، ސިއްރަކީ ފަހެ ކޮބައިތޯއެވެ. އަޅުގަނޑުގެ ނަޒަރުގައި، އެކަމުގެ ސަބަބަކީ، ގާތްގަނޑަކަށް ދިވެހިންގެ އެންމެންނީ، އަދު ވިޔަފާރިވެރިން ކަމުގައި ވެފައިވާކަމެވެ. ޤައުމީ ބޭނުންތަކުގެ މައްޗަށް ޢާއްމު ފައިދާއަށް ވުރެއް ބޮޑަށް އަމިއްލަ އެދުންތަކަށާއި، އަމިއްލަ މުއްސަނދިކަމުގެ މައްޗަށް ތަރުޙީބު ދެވޭކަމެވެ. ވިޔަފާރީގެ ތަނަވަސް ދަނޑުގައި ހުޅުވިފައިވާ ގިނަގުނަ ވެގެންވާ އެކިއެކި މަގުތަކުން ހިނގޭތޯ ނޫޅެ، ވިޔަފާރީގެ ވަރަށް ހަނި ދާއިރާއެއްގެ ތެރޭގައި ހުރިހައި ވިޔަފާރިވެރީންނަށްމެ އެނބުރެވޭކަމެވެ. އާދޭހެވެ! ޤައުމު މުއްސަނދިވޭތޯ، ޤައުމު ކުރިއަރާތޯ، ދިވެހީންގެ ޢިއްޒަތާއި ނަން ފެތުރޭތޯ ބޭނުންކަމަކީ، އެދެވޭ ކަމަކީ، އެންމެންގެ އެއްބާރުލުމެވެ.

(ނޯޓް:- މިއީ ހިޖުރައިން 1 ޝައްވާލު 1366 (މީލާދީން 18 އޮގަސްޓު 1947) ގައި ނުކުތް ސަރުކާރުގެ ޚަބަރުގެ 46 ވަނަ ނަންބަރު ނޫހުގައި "ދިވެހި ދަރިއެއް" ގެ ފަރާތުން ދިވެހި ވިޔަފާރިވެރީންނަށް ގޮވާލާފައިވާ ގޮވައިލުމެކެވެ. މިއީ މިހާރަށްވެސް ފުދޭ ރަނގަޅު ގޮވައިލުމެކެވެ.)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން