ރޭގެ މެޗްގައި ބްރޫނޯ ފެނާންޑޭސް ޕެނަލްޓީ ވައްދާލަނީ
ރޭގެ މެޗްގައި ބްރޫނޯ ފެނާންޑޭސް ޕެނަލްޓީ ވައްދާލަނީ
އިނގިރޭސި ޕްރިމިއާ ލީގުގެ ތިންވަނަ މަޤާމް ކަށަވަރުކޮށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން މެންޗެސްޓަރ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. ލީގުގެ ކުޅުން ރޭ ނިމުނުއިރު ތާވަލުގެ ގަދަ ހަތަރެއްގައި ހިމެނި އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދީ، ލިވަރޕޫލް، މެންޗެސްޓަރ ސިޓީ، މެންޗެސްޓަރ ޔުނައިޓެޑް އަދި ޗެލްސީ އެވެ.

ރަށުން ބޭރުގައި ރޭ 2-0 ލެސްޓާ ސިޓީ ބަލިކޮށް ޔުނައިޓެޑުން ތިން ވަނައިގައި ލީގު ނިންމާލިއިރު އަމިއްލަ ދަނޑުގައި 2-0 އިން ވުލްވްސް ބަލިކޮށްގެން ޗެލްސީ ވަނީ ހަތަރު ވަނަ ކަށަވަރުކޮށްފަ އެވެ. ޔުނައިޓެޑާއި ޗެލްސީ އަށް ވެސް 66 ޕޮއިންޓް ލިބުނުއިރު ޔުނައިޓެޑަށް ކުރި ލިބުނީ ފައިދާ ގޯލު ގިނަވުމުންނެވެ.

ސީޒަނުގެ ބޮޑު ބައެއްގައި ގަދަ ހަތަރެއްގައި އޮތް ލެސްޓާ ފަހުވަގުތު ނިންމާލީ 62 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ. ލެސްޓާ އަށް ޔޫއެފާ ޔޫރޮޕާ ލީގުން ފުރުސަތު ލިބުނުއިރު ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ 1-1 އިން އެއްވަރުކޮށް ލީގުގެ ހަ ވަނަ ލިބުމުން ޓޮޓެންހަމް ހޮޓްސްޕާސް އަށް ވެސް ވަނީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ފުރުސަތު ލިބިފަ އެވެ. ހަތް ވަނަ ލިބުނު ވުލްވްސް އަށް އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ފުރުސަތު ލިބޭނީ އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ޗެލްސީން ހޯދައިފި ނަމަ އެވެ. އެފްއޭ ކަޕްގެ ފައިނަލުގައި ޗެލްސީ ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެން 56 ޕޮއިންޓާއެކު ލީގުގެ އަށް ވަނައިގައި ނިންމާލި އާސެނަލަށް ވެސް ޔޫރޮޕާ ލީގުން ފުރުސަތު ހޯދޭނެ އެވެ. މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ކުޅޭ ވުލްވްސް އިން އެ މުބާރާތް ކާމިޔާބުކޮށްފި ނަމަ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ.

ޔުނައިޓެޑާއި ލެސްޓަރ ސިޓީ މިރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ. ޖެނުއަރީ މަހު ޔުނައިޓެޑާ ގުޅުމަށް ފަހު މޮޅުކުޅުމެއް ދައްކަމުން އަންނަ ފެނާންޑޭސްގެ ޕެނަލްޓީއަށް ފަހު މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިން ގޯލު ޖަހައިދިނީ ޖެސީ ލިންގާޑެވެ. ވުލްވްސްގެ މައްޗަށް ޗެލްސީން ކުރި ހޯދީ ފުރަތަމަ ހާފުގެ ފަހުކޮޅު ޖެހި ލަނޑުތަކުންނެވެ. އެޓީމުގެ ފުރަތަމަ ގޯލު ހިލޭޖެހުމަކުން މޭސަން މައުންޓް ޖެހިއިރު އޭގެ އިރުކޮޅެއް ފަހުން ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫޑް އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު، ޗެމްޕިއަން ލިވަޕޫލުން ވަނީ ރަށުން ބޭރުގައި 3-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މެޗުގެ ކުރީކޮޅު ނިއުކާސަލުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ވާޖިލް ވެން ޑައިކާއި ޑިވޮލް އޮރީގީ އަދި ސަޑިއޯ މާނޭ އެވެ. ލިވަޕޫލުން ވަނީ ރޭ ހޯދި މޮޅާއެކު 38 މެޗުގެ ތެރެއިން 32 މޮޅު ހަމަކޮށް ކުރިން މެންޗެސްޓަރ ސިޓީ ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. ލިވަޕޫލުން 99 ޕޮއިންޓާއެކު ލީގު ޗެމްޕިއަންކަން ހޯދިއިރު މިއީ އެ ކްލަބުގެ ތާރީހުގައި ރެކޯޑެވެ. އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި 100 ޕޮއިންޓް ހަމަކުރި ހަމައެކަނި ޓީމުގެ ޝަރަފް ލިބިފައިވަނީ ސިޓީ އަށެވެ.

ސިޓީން ރޭ ވަނީ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 5-0 އިން ނޯވިޗް ސިޓީ ބަލިކޮށްފަ އެވެ. ރެލިގޭޓްވެފައިވާ ނޯވިޗް ކޮޅަށް ސިޓީން ޖެހި ފަސް ލަނޑުގެ ތެރެއިން ކެވިން ޑި ބްރޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ބާކީ ތިން ލަނޑު ޖަހައިދިނީ ގެބްރިއަލް ޖެސޫސް އާއި ރަހީމް ސްޓާލިން އަދި ރިޔާދް މާރޭޒް އެވެ. ސިޓީގެ ޑި ބްރޭނާ ވަނީ މި ސީޒަނުގެ ލީގުގައި 13 ލަނޑު ޖަހައި 20 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. ޑި ބްރޭނާ ވެފައިވަނީ 03-2002 ވަނަ ސީޒަނުގައި އާސެނަލްގެ ތިއެރީ އޮންރީގެ ފަހުން ލީގުގައި 20 އެސިސްޓް ފުރިހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. މި ސީޒަނަށް ފަހު ސިޓީ ދޫކޮށްލާނެކަން އިއުލާންކޮށްފައިވާ ޑޭވިޑް ސިލްވާ ވަނީ ރޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. 10 އަހަރު ސިޓީގައި ހޭދަކޮށް އެ ކްލަބުގެ ސަޕޯޓަރުންގެ ލޯބި ހޯދި ސިލްވާ ވަނީ އެ ކްލަބާއެކު ހަތަރު ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.

އާސެނަލުން ރޭ 3-2 އިން ވެޓްފޯޑް ބަލިކުރި މެޗްގައި އޮބާމިޔަން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ޑިފެންޑަރު ކިއެރަން ޓިއާނީ އެވެ.

އިނގިރޭސި ލީގުން މި ސީޒަނުގައި ރެލިގޭޓްވީ ނޯވިޗާއި ވެޓްފޯޑް އަދި ބޯންމައުތެވެ. 21 ޕޮއިންޓާއެކު ނޯވިޗް ތާވަލުގެ ފުލަށް ދިޔައިރު ވެޓްފޯޑާއި ބޯންމައުތަށް ލިބުނީ 34 ޕޮއިންޓެވެ. ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ 1-1 އިން އެއްވަރުކޮށް އެސްޓަން ވިލާ ވަނީ ރެލިގޭޓް ނުވެ ސަލާމަތްވެފަ އެވެ. މި ސީޒަނުގެ އިނގިރޭސި ޗެމްޕިއަންޝިޕްގެ ގަދަ ދެޓީމުގެ ތެރޭގައި ހިމެނިގެން ލީޑްސް ޔުނައިޓެޑާއި ވެސްޓް ބްރޮމް މިހާރު ވަނީ އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް ކޮލިފައިވެފަ އެވެ.

ސީޒަނުގެ ރަން ބޫޓު ކަށަވަރުކުރީ 23 ލަނޑު ޖެހި ލެސްޓާގެ ޖެމީ ވާޑީ އެވެ. ވާޑީގެ ފަހަތުން ލަނޑު ލިސްޓުގެ ދެ ވަނަ ލިބުނީ 22 ލަނޑު ޖެހި ސައުތެމްޓަމުގެ ޑެނީ އިންގްސް އަށާއި އާސެނަލްގެ އޮބާމިޔަން އަށެވެ. ރަން ބޫޓާއެކު ވާޑީ ވެފައިވަނީ ލީގުގެ ތާރީހުގައި މި މަގާމް ހޯދި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. މި ސީޒަނުގެ ރަން ބޫޓު ކަށަވަރު ކުރިއިރު ވާޑީގެ އުމުރަކީ 33 އަހަރާއި 198 ދުވަހެވެ.

ޕްރިމިއާ ލީގުގެ ސީޒަން ނިމުނުއިރު އިނގިރޭސި ފުޓްބޯޅައިގެ ސީޒަން ނިމޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ޗެލްސީ އާއި އާސެނަލް ވާދަކުރާ އެފްއޭ ކަޕްގެ ފައިނަލަށް ފަހު އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން