ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު ނިއުރޭޑިއަންޓުގެ ފިޔަގަނޑު ހުޅުވާލައި މިއަދު ހަވީރު ގަލޮޅު ދަނޑަށް ޖައްސަން ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ތާރީޚުގައި ރަން މާޒީއެއް އޮތް ނިއުރޭޑިއަންޓް ފުރަތަމަ ޑިވިޝަނަށް އައުމުގެ ދަތުރު ފެށުމަށް މިއަދު ހަވީރު ގަލޮޅު ދަނޑަށް ނިކުންނައިރު ސަޕޯޓަރުންގެ އެހީތެރިކަމަށް އެ ކްލަބުން މިހާރުވަނީ އެދިފައެވެ. ނިއުރޭޑިއަންޓުން އެދިފައިވަނީ އެ ކްލަބްގެ ސަޕޯޓަރުން މިއަދު ހަވީރު ގަލޮޅު ދަނޑަށް ވަދެ އެޓީމަށް ސަޕޯޓް ކޮށްދިނުމަށެވެ.

މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ނިއުރޭޑިއަންޓް ނިކުންނާނީ ދަ ގްރާންޑޭ އާ ދެކޮޅަށެވެ.

މިއަހަރުގެ ސީޒަނަށް ޓީމު ވަރުގަދަކުރުމަށްޓަކައި ނިއުރޭޑިއަންޓުން ވަނީ ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތައް އެ ކްލަބަށް ގެންގޮސް ޓީމު އިތުރަށް ވަރުގަދަ ކޮށްފައެވެ. އެ ކްލަބްގެ އަމާޒަކީ އަލުން އެނބުރި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެ ދިވެހި ފުޓުބޯޅައިގައި ނިއުރޭޑިއަންޓަގެ އަސްލު މަޤާމު އަލުން އަނބުރާ ހޯދުމެވެ.

އެކަމަށްޓަކައި މޫސުމަށް ބެލުމެއްނެތި ނިއުރޭޑިއަންޓުގެ ހުރިހާ ސަޕޯޓަރުން ނޫކުލައިގައި ދަނޑަށް ވަދެ ޓީމަށް ތަރުޙީބު ދިނުމަށް އެ ކްލަބުން ވަނީ ގޮވާލާފައެވެ. ނިއުރޭޑިއަންޓަކީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން