ކްލަބް އަޕްރައިޒިންގެ ފަރާތުން އިންތިޒާމުކޮށްގެން މުލަކަތޮޅު މަޑުއްވަރީގައި ބޭއްވި ސީޔޫ ޗެމްޕިއަންޝިޕް 2023ގެ ޗެމްޕިއަންކަން ޖެހިޖެހިގެން 3 ފަހަރު ހޯދައި ދަ ގްރާންޑޭއިން އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ.

2019 ވަނަ އަހަރު މިމުބާރާތް ފެށުނީއްސުރެ މުބާރާތުގެ ރަސްގެފާނުގެ ގޮތުގައި ދެމިއޮތް ދަ ގްރާންޑޭ އިން 3 ވަނަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ފޫލްސް އެސްސީ 5 ލަނޑު 2 ލަނޑުން ބަލި ކުރުމަށް ފަހުއެވެ.

މި މެޗުގައި ދަ ގްރާންޑޭގެ ގޯލްތައް ކާމިޔާބު ކޮށްދީފައިވަނީ މި މުބާރާތުގެ ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އިބްރާހިމް އަތީޤް ޙަސަނާއި ޠަލާލް ނަސީރާއި މޫސާ ނައިސާން އެވެ. އޭގެތެރެއިން އިބްރާހިމް އަތީޤާއި ޠަލާލް ނަސީރު ވަނީ ކޮންމެ ކުޅުންތެރިޔަކު 2 ގޯލް ކާމިޔާބު ކޮށްދީފައެވެ.

ފައިނަލް މެޗުގައި ފޫލްސް އެސްސީގެ 2 ގޯލްވެސް ކާމިޔާބު ކޮށްދީފައިވަނީ މުބާރާތުގެ އެންމެ ގިނަ ގޯލް ޖަހައިގެން ޓްޕް ސްކޯރަރގެ މަޤާމު ހޯދި މުޙައްމަދު ނާއިމްއެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ދަ ގްރާންޑޭގެ ޒައިދާން އަޙްމަދާއި އިބްރާހިމް އަތީޤް ޙަސަނާއި ޠަލާލް ނަސީރާއި ފޫލްސް އެސްސީގެ މުޙައްމަދު ނާއިމާއި އަޙްމަދު ސިޒާން އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކީ ރައިޒިންގ ރޫކީސްގެ ޙުސައިން ރާކިން އެވެ.

ސީޔޫ ޗެމްޕިއަންޝިޕަކީ ކްލަބް އަޕްރައިޒިންގެ ފަރާތުން އިންތިޒާމުކޮށް މ. މަޑުއްވަރީ ކައުންސިލް އިދާރާއިން އެންޑޯޒްކޮށްގެން 2019 އަހަރުން ފެށިގެން ސިލްސިލާކޮށް އަހަރަކު އެއްފަހަރު ކުރިއަށްގެންދާ މުބާރާތެކެވެ. މިއީ މުބާރާތް ބޭއްވި 3 ވަނަ އަހަރެވެ.

މިއަހަރުގެ މުބާރާތުގައި މ. އަތޮޅުގެ 4 ރަށަކުން 7 ޓީމާއި މީމު އަތޮޅު ފުލުހުންގެ ޚިދުމަތުން ޓީމަކާއެކު ޖުމްލަ 8 ޓީމެއް ބައިވެރިވެފައިވާއިރު އަންނަ އަހަރުވެސް މުބާރާތް އޮންނާނެ ކަމަށް މުބާރާތް އިންތިޒާމްކުރާ އަޕްރައިޒިންގެ ފަރާތުން ހާމަކޮށްފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ސްވިފްޓް ޕްރައިވެޓް ލިމިޓެޑެވެ. މި މުބާރާތުގެ ބޭންކިންގ ޕާޓްނަރަކީ ބީއެމްއެލް އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މީޑިއާ ޕާޓްނަރަކީ ރަސް އޮންލައިންއެވެ. މީގެއިތުރުން ބެވަރެޖް ޕާޓްނަރަކަށް ކަބީސާ ހަމަޖައްސާފައިވާއިރު ކިޓް ޕާޓްނަރަކީ ފޭލި އާޓެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މައިދޫ ސްޕީޑެވެ.

މިމުބާރާތުގެ ޕާޓްނަރުންނަކީ ޒަމާލިކް ޓްރޭޑަރސް، ދޮންބެ ހޮޓާ، ނިޔަނދުރު ހޯލްޑިންގސް އަދި އައިޑީޒެޑް ލިންކް. ކޮމް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން