ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ދޫކޮށްލުމަކީ އެ މެމްބަރުން އިންތިހާބުކުރި ޕާޓީގެ މެމްބަރުންނަށް ދެވޭ ދެރައެއްކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އަލީ ނިޔާޒު މިހެން ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންތަކެއް އެ ޕާޓީ ދޫކޮށް، ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރުމާއި ގުޅިގެނެވެ. އެގޮތުން އެމްޑީޕީގެ 13 މެމްބަރަކު ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ.

މިކަމާއި ގުޅިގެން އަލީ ނިޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ޕާޓީ ދޫކޮށްދިއުމަކީ ޕާޓީއަށް ސިޔާސީގޮތުން ލިބޭ ނިކަމެތިކަމެއް ކަމަށެވެ. އަދި ޚާއްސަކޮށް އެ މެމްބަރުން އިންތިޚާބުކުރި ދާއިރާގެ ޕާޓީގެ މެމްބަރުންނަށް ދެވޭ ދެރައެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.



"ވަކިވެދިޔަ މެމްބަރުން ކޮށްދިން ޚިދުމަތަށް ޝުކުރިއްޔާ." ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަލީ ނިޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ މެމްބަރުންތަކެއް ޕީއެންސީއަށް ސޮއިކުރުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކި ގޮތްގޮތަށް ޝުއޫރު ފާޅުކުރަމުންނެވެ. ބައެއް ބޭފުޅުންގެ ފާޑު ކިޔުން ވަކިވި މެމްބަރުންނަށް އަމާޒުވެފައިވާއިރު އަނެއް ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވަނީ އެމްޑީޕީގެ ލީޑާޝިޕަށެވެ.



ކިޔުންތެރިންގެ ހިޔާލު