ސަރުކާރު ވީހާވެސް ކުޑަކޮށް އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ވަރުގަދަކޮށް ފުޅާކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވެވަޑައިގަންނަވާ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) މިހެން ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރުގައި ސިޔާސީ މަގާމުތަަކަށް ގިނަ އަދަދެއްގެ ބޭފުޅުން އައްޔަން ކުރައްވަމުން ގެންދަވާ މައްސަލަ އާއި ގުޅިގެންނެެވެ. އެކަމަށް އިޝާރަތް ކުރައްވައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވީ ސަރުކާރު ވީހާވެސް ކުޑަކުރަންޖެހޭ ކަމަށެވެ. އެގޮތުން މިނިސްޓްރީތަކާ މިނިސްޓަރު ފެންވަރު މަޤާމުތަކާއި ސްޓޭޓް މިނިސްޓަރުންނާއި ނައިބު ފެންވަރުގެ މަތިބަރު ފަށަލަތައް ބޯކޮށް ޚަރަދު ބޮޑުކުރުމުގެ ބަދަލުގައި ސަރުކާރު ވީހާވެސް ކުޑަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.



"ޚަރަދު ބޮޑުކުރުމުގެ ބަދަލުގައި، މަރުކަޒީ ސަރުކާރު ވީހާވެސް ކުޑަކޮށް، އަތޮޅު، ސިޓީ، ރަށު ކައުންސިލްތައް ވަރުގަދަކޮށް ޖާގަ ފުޅާކޮށްދޭން ޖެހޭ." އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި އުނގޫފާރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ވަހީދު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވެެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ މަހެއް ވާން ގާތްވެފައިވާއިރު މިނިސްޓްރީތަކުގެ ނައިބުގެ މަގާމަށާއި ސިޔާސީ އެކި މަގާމުތަކަށް އެމަނިކުފާނު, އަދިވެސް ގެންދަވަނީ ބޭފުޅުން އައްޔަން ކުރައްވަމުންނެވެެ. އެކަމާ ގުޅިގެން ބައެއް އާންމު ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް