ކޮންޓެރެކްޓް އާކޮށް މުވައްޒަފުން ވީވަރަކުން ހިފަހައްޓަން ފެނަކައަށް އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިިއްޒު ވިދާޅުވީ ފެނަކައަކީ ވަރަށް ބޮޑަށް ދަރަނި އޮތް ކުންފުންޏެއް ކަމަށެވެ. އެ ކުންފުނިން ބަލަނީ ވީވަރަކުން ދަރަނި މެނޭޖް ކުރެވޭތޯ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފެނަކަ އިން ހިންގާ އެކި މަޝްރޫޢުތަކަށް މީހުން ނަގާފައިވަނީ މިދިޔަ ނޮވެމްބަރ 30 ގައި ކޮންޓްރެކްޓްގެ މުއްދަތު ހަމަވާ އުސޫލުން ކަމަށެވެ. އެހެންކަމުން، އެ މުއްދަތު ހަމަވުމުން މުވައްޒަފުންނާއެކު ހަދާފައިވާ އެެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރަން ނިއްމައި ފެނަކައަށް ނެގި ބައެއް މުވައްޒަފުން ދޫކޮށްލެއްވީ އެ ރަށްރަށުގައި މަސައްކަތެއް ނެތުމުން ކަމަށެވެ. އަދި އެ މުވައްޒަފުންނަކީ ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައި ކެމްޕެއިނަށް ނަގާފައި ހުރި މީހުން ކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ.

އެފަދަ މުވައްޒަފުން ދޫކޮށްލުން އެއީ ސަރުކާރު ޒިންމާދާރު ނުވުން ނޫން ކަމަަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފެނަކައިގެ ކޮންޓެރެކްޓް ހަމަވާ މުވައްޒަފުންގެ ކޮންޓެރެކްޓް އާކޮށް ވީ ވަރަކުން މުވައްޒަފުން ހިފެހެއްޓުމަށް އަންގަވައިފައިވާނެ ކަމަށެވެ.

"މުއްްދަތު 30 ނޮވެމްބަރަށް ހަމަވީމަ ދޫކޮށްލީ ބައެއް ތަންތަނުން، ދެން އެއީކީ ޒިންމާދާރު ނުވުމެެއް ވެސް ނޫން، އެކަމަކު ރީކޮންޓެރެކްޓްކޮށް ކޮންޓެރެކްޓް އަލުން ހަދަން ވެސް އަޅުގަނޑު ދަންނަވާފައިވާނީ، ވީ ވަރަކުން ހަމަ ނަގާށޭ އަދިވެސް ދޫކޮށްނުލައި. އެކަމަކު ކުންފުންޏަށް އެެއްގޮތަކަށް ނުކަތަންޏާ އާނުކޮށް ބައެއް ތަންތަނުން ދޫކޮށްލާ. އެކަމަކު ވީ ވަރަކުން ހިފަހައްޓަން އަންގައިފައިވާނީ." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން