ސަރަހައްދުގެ ސުލްހަ މަސަލަސްކަން ކުރިއެރުވުމަށް މަސައްކަތްކުރުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު، މިގޮތަށް ވިދާޅުވީ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ފޮނުއްވި ތަހްނިޔާގެ މެސެޖެއްގައެވެ.

ރައީސްގެ މެސެޖުގައި ވަނީ، ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)އަށް 39 އަހަރު ފުރުމުގެ މުނާސަބަތުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލަށާއި، ސާކްގެ ސެކްރެޓޭރިއެޓަށާއި ސާކްއާ ގުޅިފައިވާ ހުރިހާ މުއައްޞަސާތަކަށާއި ސާކްގެ މެންބަރު ޤައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ އަރިސްކުރައްވާފައެވެ. "ސާކް ޗާޓަރ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.

ރައީސްގެ މެސެޖުގައި، ދެކުނު އޭޝިއާގެ ސަރަޙައްދީ ގުޅުންތަކާގުޅޭ ހަމަތައް ކުރިއެރުވުމަށް މަސައްކަތްކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފަވެއެވެ. އަދި އެމަނިކުފާނު ވަނީ، ސަރަޙައްދީ ގޮންޖެހުންތަކާ ކުރިމަތިލައި، އެއް އަމާޒަކަށް ދަތުރުކުރުމުގައި ސާކްގެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެކުނު އޭޝިއާ ސަރަޙައްދުގައި ވިލުންތެރިކަން އިތުރުކުރުމަށް ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސާކް ޗާޓަރގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލައިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން