އެކަމަނާއަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ނާގާބިލު މީހެކޭ ވިދާޅުވެވޭނެ މަޖިލީސް މެމްބަރަކު ނުހުންނާނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް، އީވާ އަބްދުالله ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލައިގެ ބަހުސް ފެށުމުގެ ކުރިން ވާހަކަ ދައްކަވަމުންނެވެ.

އީވާ މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވަނީ 50 މެންބަރުން ސޮއި ކުރެއްވުމަށް ފަހުއެވެ. މި މައްސަލަ ހުށަހެޅީ އީވާ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވުމުންނެވެ.

މަޖިލީހުގެ ނައިބުރައީސް މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލައިގައި ދިފާޢުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ އީވާ އަކީ ނާގާބިލު ނައިބު ރައީސެކޭ ބުނެވޭނެ ފެންވަރުގެ މެމްބަރެއް ރައްޔިތުންގެ މަޖިލީހުގައި ނުހުންނާނެ ކަމަށާއި، އަދި ގާނޫނު އަސާސީގެ އެއްވެސް ގާނޫނަކާވެސް ހިލާފުވެ ވަޑައިގެންފައެއް ނޯންނާނެކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އަޅުގަނޑު ނާގާބިލޭ ވިދާޅުވެވޭނެ އެއްވެސް މެމްބަރަކު ނީންނަވާނެ. އަދި ގާނޫނު އަސާސީ އާއި، މަޖިލިލީހުގެ ގަވާއިދާއި ގާނޫނަކާވެސް އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަން ކުރުމުގައި ހިލާފުވެފަކާއެއް ނޯންނާނެ. އަދި އިހަކަށް ދުވަހު ނެރުނު ސުޕްރީމު ކޯޓުގެ ހުކުމަކާވެސް އަޅުގަނޑު ހިލާފުވެފަކާއެއް ނޯންނާނެ."

މިމޭރުމުން ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާއި ބެހޭގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމުގައި އޮތީ ނައިބު ރައީސް އުޒުވެރިވާ ހާލަތެއްގައި އެހެން މީހަކު ރިޔާސަތު ބަލަހައްޓައިގެން މަޖިލީސް ކުރިއަށް ގެންދެވޭނެ ކަމަށާއި، ނަމަވެސް އެޖަލްސާއަށް ނައިބުރައީސް ހާޒިރުވެ އިންދާ އެހެން މީހަކު ރިޔާސަތު ބަލަހައްޓައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަގާމުން ދުރުކުރުމުގެ ޖަލްސާ ކުރިއަށް ގެންދިއަކަމަށެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމުގެ ޖަލްސާ ތަކުގެ ރިޔާސަތު ބަލަހައްޓާފައިވާނީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އަމީން އާންމު ސިޓީ ފޮނުވުމުން ކަމަށާއި، އެހެން ކަމުން ސުޕްރީމް ކޯޓުގެ ހުކުމަކާއި އެއްވެސް ވަރަކަށް ހިލާފުވެވަޑައިގެންފައި ނޯންނާނެ ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މަޖިލީހުގެ ނައިބުރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ އަކީ އެމްޑީޕީގެ ސަރުކާރާ ނުރުހުނީމާ ދޭ އަދަބެއް ކަމަށެވެ.

"ހަގީގަތަކީ ނާގާބިލު ކިބުރުވެރި ސަރުކާރަކާއި ދިމާލަށް އަޅުގަނޑު ނާގާބިލު ކިބުރުވެރި ސަރުކާރަކޭ ބުނީ. ހަގީގަތަކީ އެސަރުކާރުން މާބޮޑަށް އަޅުގަނޑާ ނުރުހުނީ. އަދި އަޅުގަނޑުވެސް އެސަރުކާރާ މާބޮޑަށް ނުރުހުނީ. އެހެންވީމާ އިއްޔެގެ ސަރުކާރަށް، އެމްޑީޕީގެ ސަރުކާރަށް އަޅުގަނޑު ނުރުހިގެން، އަޅުގަނޑު ބަސްބުނެގެން ހަގީގަތުގައި އަޅުގަނޑަށް ދޭ އަދަބު މިއީ." އީވާ ވިދާޅުވިއެވެ.

"މިއީ އެމްޑީޕީގެ ސަރުކާރަށް ވެރިކަން ގެއްލުނީމާ އަދަބު އަޅުގަނޑަށް ދިނުން."



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް