ލިޔަންކިޔަން ދަސްކުރުން---ފޮޓޯ: އައިސްޓޮކް
ލިޔަންކިޔަން ދަސްކުރުން---ފޮޓޯ: އައިސްޓޮކް
ލިޔަންކިޔަން ނޭނގުމަކީ އަދުގެ ދުނިޔޭގައި ކުރިމަތިލާންޖެހޭ ބޮޑެތި އިޖުތިމާޢީ މައްސަލަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ފާއިތުވެދިޔަ 50 އަހަރުދުވަހުގެ ތެރޭގައި ލިޔަންކިޔަން ދަންނަ މީހުންގެ އަދަދު އިތުރުވެފައިވީނަމަވެސް މިހާރުވެސް ލިޔަންކިޔަން ނުދަންނަ އެތައް ބަޔަކު އެބަތިއްބެވެ.

މާނަކުރުން

"ލިޔަން ކިޔަން އެނގުން" މާނަކުރާ ގޮތް ޒަމާނަށް އަންނަ ކޮންމެ ބަދަލަކާއެކު އަންނަނީ ބަދަލުވަމުންނެވެ. އަދި އެކި މުޖުތަމައުތަކުގައި ވެސް އެ މާނަކުރެވޭގޮތް ތަފާތުވެއެވެ. އެގޮތުން، އާންމު ވިސްނުމުން ވިސްނާނަމަ ލިޔަންކިޔަން ދަތުމަކީ ތިމާ ފާޅުކުރަން ބޭނުންވާ ޝުއޫރެއް ލިޔުމުން ފާޅުކުރުމާއި، ލިޔެފައިވާ އެއްޗެއް ކިޔަން އެނގުމެވެ. ނަމަވެސް އަދުގެ ޒަމާނަށް ފެތޭގޮތުގައި ލިޔަންކިޔަން ދަތުމަކީ އެއްޗެއް ލިޔެ، އެއްޗެއް ކިޔަން އެނގުމުގެ އިތުރުން، ތިމާ ދިރިއުޅޭ މާހައުލުގައި ހިނގާ ކަންކަމާއި މެދު ހޭލުންތެރިވެ، ޒަމާނީ އީޖާދުތަކާއި ކުރިއެރުންތަކަށްވެސް ފަރިތަވުމެވެ.

ފަތުޙު ﷲ އަޙްމަދު ލިޔުއްވާފައިވާގޮތުގައި ލިޔަންކިޔަން ދަތުމަކީ ތަހުޒީބު މުޖުތަމަޢުއެއްގައި އަމިއްލައަށް ދިރިއުޅުމަށްޓަކައި އެނގުން މަޖުބޫރު އަސާސީ މައުލޫމާތާއި ހުނަރު އެނގުން ކަމަށެވެ. ވީމާ، ލިޔަންކިޔަން އެނގުމަކީ އިންސާނާއާއި ޖާޙިލުކަމާއި ދެމެދުގައިވާ ހަމައެކަނި ހުރަހޭވެސް ބުނެވިދާނެއެވެ.

އިސްލާމީ ނަޒަރަކުން ލިޔަންކިޔަން އެނގުން

މާތް ﷲ، އެކަލާނގެ ރަސޫލާ މުޙައްމަދުﷺ އަށް ބާވާލެއްވި ފުރަތަމަ ކަލިމައަކީ "اقرأ " މިއެވެ. އަރަބި ބަހުގައި މި ބަހުގެ ލަފްޒީ މާނައަކީ "ކިޔުން" އެވެ. މާތް ﷲ އެންމެ ފުރަތަމަ އަމުރުކުރައްވާފައިވަނީ އެކަލާނގެ އިޒުނަފުޅާއެކު ކިޔެވުމަށެވެ. އުނގެނުމަށެވެ.

މާތް ﷲގެ އެއަމުރުފުޅާއި އެއްގޮތަށް އުނގެނި، ކަންކަން ދިރާސާކުރުމަށް މުސްލިމުން ކުރަމުން ގެންދިޔަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ތަޢުލީމީ އަދި އީޖާދީ ދުނިޔޭގެ ބާނީންގެ ތެރޭގައާއި، މައި ޢިލްމުވެރިންގެ ތެރޭގައި މުސްލިމް ޢިލްމުވެރީންގެ ނަންތައް ފަވާލެވިގެން ދިޔައެވެ. ޢިލްމު އުނގެނޭ އަދި އުނގަންނައިދޭ ފަރާތްތަކަށް އިސްލާމްދީނުގައި މަތިވެރި ދަރަޖައެއް ލިބިގެންވާއިރު، އެމީހަކު ހޯދި ޢިލްމެއްގެ މައްޗަށް ގިޔާމަތްދުވަހު ހިސާބުވެސް ބެއްލެވޭނެކަން މާތް ﷲ ވަނީ އަންގަވާފައެވެ.

ޢިލްމު އުނގެނުމަށްޓަކައި ދަތުރުކުރާ މީހުން ސުވަރުގޭގެ މަގުތަކުގައިވެސް ދަތުރުކުރާނެކަމަށާއި، ޢިލްމު އުނގެނުމަށް ލޯބިކުރާ މުސްލިމުންނަށްޓަކައި މަލާއިކަތްބޭކަލުން އެބޭކަލުންގެ ވަރަކޮޅު ތިރިކުރައްވާނެކަމަށާއި، އުޑުތަކާއި، ބިމާއި، ކަނޑުތަކުގައިވާ މަޚުލޫޤުން ޢިލްމުވެރިންގެ ހައްޤުގައި މައާފަށް އެދޭނެކަމަށް ރަސޫލާ ހަދީޘްކުރައްވާފައިވެއެވެ. އަދި އަންހެން ސަހާބީ ކަނބަލުން އެދިވަޑައިގަތުމުގެ މަތީން އެކަނބަލުންނަށް އުނގަންނަވައިދެއްވުމަށްޓަކައި އެކަލޭގެފާނުވަނީ ވަކި ދުވަހެއްގެ ވަކި ވަގުތެއް ހަމަޖައްސަވައި ޤުރުޢާނާއި ސުންނަތް އުނގަންނަވައިވެސް ދެއްވާފައެވެ.

އިސްލާމްދީނުގައި އުނގެނުމަކީ ވާޖިބެކެވެ. އިސްލާމްދީނުގައި އުނގެނުމަށް ދީފައިވާ އަހައްމިއްޔަތުގެ ބޮޑުކަމުން ލިޔަންކިޔަން ދަތުމުގެ މުހިންމުކަން އިހްސާސްކުރެވެއެވެ.

ދުނިޔޭގެ ތަފާސްހިސާބުތަކުން

ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުނިޔޭގެ 15 އަހަރުން މަތީގެ އާބާދީގެ 87.01 އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ މީހުންނެވެ. 1979 ވަނަ އަހަރު މިއަދަދު ހުރީ 68 އިންސައްތައިގައެވެ. އެހެންނަމަވެސް، މިހާރުވެސް ދުނިޔޭގައި ލިޔަންކިޔަން ނުދަންނަ 763 މިލިއަން މީހުން ތިބިއިރު، އޭގެ ތިންބައިކުޅަ ދެބައި މީހުންނަކީ އަންހެނުންނެވެ. އަދި 250 މިލިއަން ކުޑަކުދީންނަކީ ލިޔަންކިޔަން ދަސްކުރުމުގެ އަސާސީ ހުނަރުވެސް ނެތް ކުދީންކަމަށް ޔުނެސްކޯއިން ބުނެއެވެ.

ކޯވިޑް-19ގެ އާލަމީ ވަބާގެ ކުރިން ލިޔެކިޔުމުގެ އަސާސީ ލެވެލްތަކަށް ނުފޯރާ 617 މިލިއަން ކުޑަކުދީންނާއި، ފުރާވަރުކުދީން ތިއްބެވެ. ލޮކްޑައުންތަކާއެކު ތައުލީމީ ނިޒާމު ހުއްޓި، ފާއިތުވި ގަރުނުގައިވެސް ނުފެންނަ ފަދަ ބޮޑު މެދުކެނޑުމެއް އައުމާއެކު، މިހާރު މިއަދަދުތައް އިތުރުވާނެކަމަށް ލަފާކުރެވެއެވެ.

ޔުނެސްކޯގެ 2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ލިޔަންކިޔަން ނޭނގޭ އެންމެ ގިނަ ބަޔަކު ދިރިއުޅެނީ ޗެޑްގައެވެ. އެގައުމުގެ އާބާދީގެ 72 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ ލިޔަންކިޔަން ނުދަންނަ މީހުންނެވެ. އޭގެ އިތުރުން، ބުރްކީނާ ފަސޯގެ އާބާދީގެ 65.5 އިންސައްތަ، ނައިޖަރގެ އާބާދީގެ 61.9 އިންސައްތަ، ސޯމާލިއާގެ އާބާދީގެ 59 އިންސައްތަ އަދި ބެނިން ގެ އާބާދީގެ 52.9 އިންސައްތަ މީހުންނަކީ ލިޔަންކިޔަން ނޭނގޭ މީހުންނެވެ.

ލިޔަންކިޔަން ނޭނގުމުގެ ނަތީޖާ

ލިޔަންކިޔަން ނުދަތުމަކީ ތަފާތު ގިނަ އިޖުތިމާޢީ މައްސަލަތަކަށް ޖާގަދޭ ކަމެކެވެ. ލިޔަންކިޔަން ނޭނގޭ މީހަކީ އޭނާގެ ފަރުދީ ޒިންމާތަކާއި ހައްޤުތަކަށް އަހުލުވެރި މީހަކަށް ނުވާނެއެވެ. އޭގެ ސަބަބުން، ވޯޓުލުމާއި، އާމްދަނީ ހޯދުމަށް މަސައްކަތްކުރުމާއި، އަސާސީ ބޭނުންތަކަށް ފައިސާދެއްކުމާއި، ބޯހިޔާވަހިކަން ހޯދުމަކީވެސް އޭނާއަށް އުނދަގޫ ކަންކަމަށް ވެދެއެވެ. މީގެއިތުރުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހުނަރު ލިޔަންކިޔަން ނުދަންނަ މީހުންގެ ކިބައިގައި ނެތުމުން، މުހިންމު ނިންމުންތައް ނިންމާއިރު، އެކަށީގެންވާ މައުލޫމާތުވެސް އެމީހުންގެ ކިބައިގައި ނުހުރެއެވެ. ވީމާ، މުޖުތަމަޢުގެ ކުރިއެރުމަށްޓަކައި ދެކެވޭ ސިޔާސީ އަދި އިޖްތިމާޢީ މައްސަލަތަކުގެ ވާހަކަތަކާއި، ކުރެވޭ މަޝްވަރާތަކުގައި އެމީހުންގެ ބައިވެރިވުމެއްވެސް ނޯންނާނެއެވެ.

ލިޔަންކިޔަން ނޭނގުމަކީ އިންސާނާގެ ކުރިމަތީގައި އޭނާގެ ނަފްސުގެ އަގާއި، ނަފްސަށް އޮންނަ އިތުބާރު ދަށްވާކަމެއްކަމަށް ދިރާސާވެރިން ބުނެއެވެ. އަދި ލިޔަންކިޔަން ނުދަންނަ މީހުން ގިނަވުމަކީ މުޖުތަމައުގެ ކުރިއެރުމަށްވެސް ހުރި ހުރަހެއްކަމަށް މާހިރުން ގަބޫލުކުރެއެވެ. މިފަދަ މުޖުތަމަޢުތަކުގައި ޓެކްނޮލޮޖީއާއި އީޖާދީ ކުރިއެރުން މަދުވެއެވެ. ލިބޭ އާމްދަނީ ދަށްވެ، މުޖުތަމައުގައި ފަގީރުންގެ އަދަދު އިތުރުވެއެވެ. އަދި ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވުމާއެކު، ކުށުގެ ވެށި ބޮޑުވެ، ކުށަށް އަރައިގަންނަ އަދަދާއި، ރަލާއި މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވެއެވެ.

ހަމައެއާއިއެކު، އެހެންމީހުންނާއި، ސަރުކާރުން ދޭ އެހީގެ މައްޗަށް ބަރޯސާވެ ތިބޭ އާއިލާތައް އިތުރުވެގެންދިޔުމާއެކު، އާންމު ދުޅަހެޔޮކަމާއި ސިއްހީ މިންގަނޑު ދަށްވެއެވެ. އަދި ލިޔަންކިޔަން ނޭނގޭ މީހުން ގިނަ އާއިލާތަކުގެ ދަރިވަރުން ސްކޫލް މާހައުލަށް ނުކުތުމަށް ތައްޔާރުނުކުރެވޭއިރު، އެފަދަ ކުދީން ވެގެންދާތަން ފެންނަނީ ތައުލީމީ ނިޒާމުން އުފުލާ މާލީ ބުރައަކަށެވެ.

ދިވެހީންގެ ތެރޭގައި ލިޔަންކިޔަން އެނގުން

އެންމެ ކުރިން ދިވެހީންގެ ތެރޭގައި ލިޔަންކިޔަން ދަންނަކަމަށް ބަލަނީ ދިވެހިބަސް ލިޔެ، ކިޔައި، މާނަކުރަން އެނގި، އަރަބިބަސް މާނަކުރަން ނޭނގުނު ނަމަވެސް ކިޔަން އެނގި، ހިސާބުޖަހަން އެނގޭނަމައެވެ. އަސާސީ ތައުލީމު އުނގެނުމަކީ ލިޔަންކިޔަން ދަތުންކަމުގައި ދެނެގަންނަން ފެށީ ވަރަށް ފަހުގެ ތާރީހެއްގައެވެ. އެއަށްފަހު، އިނގިރޭސި ބަހަށް ދިވެހީން އަހުލުވެރިވުމާއެކު، އިނގިރޭސި ނުދަންނަ މީހަކީ ލިޔަންކިޔަން ނުދަންނަ މީހެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރަން ފެށިއެވެ. އަދި މިހާރު ޒަމާނީ ވަސީލަތްތަކަށް އަހުލުވެރި ނުވާ މީހާއަކީވެސް ލިޔަންކިޔަން އެނގޭ މީހެއްކަމުގައި މުޖުތަމަޢު ގަބޫލެއް ނުކުރެއެވެ.

ދިވެހިރާއްޖޭގައި 15 އަހަރުން މަތީގެ 440،782 މީހުން ބޯހިމަނާފައިވާއިރު، ޔުނެސްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އާބާދީގެ 99.4 އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ މީހުންނެވެ. 2021 ވަނަ އަހަރު މިއަދަދު ހުރީ 97.86 އިންސައްތައިގައެވެ. ލަފާކުރެވޭގޮތުގައި ދިވެހިރާއްޖޭގައި މިވަގުތު ލިޔަންކިޔަން ނޭނގޭ ތިބީ 2661 މީހުންނެވެ. އެއީ 586 ފިރިހެނުންނާއި، 2076 އަންހެނުންނެވެ.

އުމުރުން 15 އަހަރާއި 24 އަހަރާއި ދެމެދުގެ ޒުވާން އާބާދީގެ 99.76 އިންސައްތައަކީ ލިޔަންކިޔަން ދަންނަ މީހުންކަމުގައި ވާއިރު، މީގެތެރޭގައި ހިމެނެނީ ފިރިހެނުންގެ 100 އިންސައްތައާއި، އަންހެނުންގެ 99.51 އިންސައްތައެވެ.

ދިވެހިރާއްޖެއަކީ ކުޑަ އާބާދީއެއް އޮންނަ ޖަޒީރާ ގައުމެއް ނަމަވެސް ދިވެހީންނަކީ ތައުލީމީ ބައެކެވެ. އެނގެނުމާއި އުނގަންނައިދިނުމަށް ލޯބިކުރާ ވާދަވެރި ބައެކެވެ. ވީމާ، ދިވެހިރާއްޖޭގެ މުޅި އާބާދީ ލިޔަންކިޔަން ދަތުމަކީ ހައިރާންވާ ވަރުގެ ކަމެއްނޫނެވެ. ތަހުޒީބީ ދުނިޔެއަށް ދިވެހީން ތިބީ ލޯހުޅުވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން