ވިސްނުމަކީ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޔުނިފޯމް ހުރިހާ މުއައްސަސާއެއްގެ އަސާސީ ތަމްރީނަކީ އެއް ތަމްރީނަކަށް ހެދުން ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ ޢިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢަލީ ޢިޙްސާން މިހެން ވިދާޅުވީ ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމްގެ 28 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މުއައްސަސާއަކުން ތަމްރީނުކުރާ އޮފިސަރުންނަކީ އެ މުއައްސަސާއެއްގެ އެންމެ ބޮޑު އެއް ރައުސުލްމާލު ކަމަށާއި އެއިރެއްގަ ދެވެންއޮންނަ އެންމެ މޮޅު ތަމްރީނެއް އެ މުއައްސަސާއެއްގައި ތިބޭ އޮފިސަރުންނަށް ދެވޭތޯ ބައްލަވާނެ ކަމަށެވެ. އަދި އެ ތަމްރީނުކުރާ އޮފިސަރުންނަކީ ވަކި ގޮތަކަށް ބައްޓަންކުރެވި، ގައުމާދޭތެރޭ ވަކި ގޮތަކަށް ދެކޭ، އިސްލާމް ދީނަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައި ގާނޫނު ނެގެހެއްޓުމުގެ ފުރިހަމަ ގާބިލްކަން ލިބިފައިތިބި އޮފިސަރުންނަށް ހެދުން ކަމަށް މިނިސްޓަރ ޢަލީ ޢިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަސާސީ ތަމްރީނަށްފަހު ކޮންމެ މުއައްސަސާއެއްވެސް އެމުއައްސަސާތަކުގެ ބޭނުމަށްޓަކައި މުއައްސަސާގެ ޚާއްސަ ތަމްރީނު އެހިސާބުން ހެދިގެންދާ ގޮތަށް ބައްޓަން ކުރުމަކީ އަމާޒެއް ކަމަށެވެ.

އަސާސީ ތަމްރީނު ފުރިހަމަ ކޮށް ހުވާ ކުރި ޕްރިޒަން އޮފިސަރުންނާ މުޚާތަބު ކުރައްވައި މިނިސްޓަރ ޢިޙްސާން ވިދާޅުވީ ކުރައްވާ ހުވާ އަކީ ގައުމީ ޚިދުމަތަށް ނުކުމެ ކުރައްވާ ބުރަ މަސައްކަތާއި އެކަމުގެ ވާޖިބު އަދާކުރާނެ ކަމުގެ ހުވައެއްކަމަށާއި ހުވާ ކުރަނީ ވަރަށް މާތް މަގުސަދެއްގައި ކަމަށެވެ.

ހުވައެއް ކޮށްގެން ގައުމީ ޚިދުމަތަށް ނުކުންނަ އޮފިސަރެއްގެ ގައިގައި ހުންނަންޖެހޭ ސިފަތަށް ދެމެހެއްޓުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ ތަމްރީނުކުރެވި ހުވާ ކުރުމާ ހިސާބަށް އެސިފަތައް ދެމެހެއްޓުނު ނަމަވެސް ވަކި ހިސާބަކުން އެސިފަތައް އެމީހާ ގައިން ނެއްޓިގެންދާތަން ބައެއްފަހަރު ފެނިގެންދާކަމަށެވެ.

"ތިބޭފުޅުންގެ ކުރިމަތީގައި އޮންނާނެ ޗެލެންޖަކީ ކުޑަ ޗެލެންޖެއް ނޫން. ރިސޯސްތައް މަދު އެހެންނަމަވެސް މަސްއޫލިއްޔަތު ބޮޑު މުއައްސަސާއެއްގެ ތެރެއިން މަސައްކަތް ކުރުމުގެ ބުރަ ޗެލެންޖެސް. މި ޗެލެންޖްތަކާއެކު މަސައްކަތް ކުރާއިރު ހުވާގެ މަތިން ތަކުރާރުކޮށް ހަނދާން ކުރަންވާނެ. މިއަދު ގްރައުންޑުގައި ހޯދި ތަމްރީނުގެ މަތިން ތަކުރާރުކޮށް ހަނދާން ކުރަންވާނެ. އެ މުދައްރިބުން ކިޔައިދެއްވި ފިލާވަޅުތައް ތަކުރާރުކޮށް ހަނދާން ކުރަންވާނެ." މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ ޢިޙްސާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް