ރައްޔިތުން ވޯޓް ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ މެނިފެސްޓޯއަށްކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ނެތަސް ސިޔާސީ ގޮތުން އެއްވެސް އުނދަގުލެއް ނުވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން، އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ދަނޑިވަޅެއްގައެވެ.

ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ބެލެވުނު އަދުރޭ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޔާމީން، ޕީޕީއެމް ދޫކުރެއްވުމުން "ކަންކަން މިހާރު ވަރަށް ސާފު" ކަމަށެވެ. އަދި މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށްވެސް ވޯޓްލާންވީ ގޮތުގެ އޮޅުމެއް ނާރާ، ފަސޭހަވާނޭކަމަށް އަދުރޭ ވިދާޅުވިއެވެ.

"ކެންޑިޑޭޓަކީ ކޮބައިކަން ނޭނގިގެން ތިބޭކަށް ނުޖެހޭނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމް ޕީއެންސީގައި ރައީސް ޔާމީން ނެތަސް މަޖިލިސް އިންތިހާބަށް މާ ބޮޑު އުނދަގުލެއް ކުރިމައްޗެއް ނުވާނެކަމަށާއި މަޖިލިހުގެ އަޣުލަބިއްޔަތު ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

ރައްޔިތުން ރިޔާސީ އިންތިހާބުގައި ވޯޓް ދިނީ ރައީސް ޔާމީނަށްކަމަށް މީގެކުރިން އަދުރޭ ވިދާޅުވިނަމަވެސް، އަދުރޭ މިހާރު ވިދާޅުވަނީ ދިވެހިން ވޯޓު ދިނީ ރައީސް ޑރ. މުއިއްޒުގެ ވައުދުތަކާއި މެނިފެސްޓޯއަށްކަމަށެވެ.

"ޖުމުލަ ގޮތެއްގައި ދިވެހި ރައްޔިތުން އެ ބަލައިގަތީ ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯ. އެ ތަންފީޒު ކުރުމަށް ފުރުސަތު ދެއްވީ ރައްޔިތުން." އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިިޝަނުން ރައީސް ޔާމީނާއި އެމަނިކުފާނު ސަޕޯޓަރުން ވަކިވެފައިވާއިރު، ކުރިއަށް އޮތްތަނުގައި ވާނެ ގޮތެއް ޔަގީނާއި ގާތަށް ބުނަން އެއްވެސް ބަޔަކަށް ނޭނގެއެވެ. ޕީޕީއެމް ޕީއެންސީގެ ތެރޭގައި އުފެދުނު މައްސަލަގަނޑުގައި މޮޅުވާނީ ކޮންބައެއްތޯ ބުނަން އަދި މާ އަވަހެވެ. ނަމަވެސް މަޖިލިސް އިންތިހާބުގައި ގޮނޑިތައް ބެހޭގޮތުން މޮޅުވާނީ ކޮން ބައެއްކަން ވަރަށް ބޮޑަށް ސާފުވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް