ރާއްޖޭގައި އެހެން ބޭފުޅަކު ވެރިކަން ކުރާތަން ބައްލަވަން ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމަށް ކެތްނުވަނީތޯއޭ ވިދާޅުވެ ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ސުވާލު އުފައްދަވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ހަފުތާއެއް ނުވަނީސް އެމަނިކުފާނާއި ދެކޮޅަށް ނުކުމެވަޑައިގަންނަވައި ޕީޕިއެމްގެ ރައީސް ޔާމީން އަބުދުލްގައްޔޫމް ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ފައްޓަވާފައެވެެ.

އެކަމާ ގުޅިގެން ދީނީ އިލްމްވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވީ އެ ކޮޅިގަނޑު އަންނަކަން މާ ކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް މިހާ އަވަހަށް ކުރީގެ ރައީސް ޔާމީން ރައީސް މުއިއްޒަށް ހަސަދަވެރިވުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ޒައިދު ވިދާޅުވިއެވެ.



"ޑރ. މުއިއްޒު އަށް އޮތީ ފަސޭހަކަނޑެއް ނޫން. ނަމަވެސް އަޅުގަނޑަށް ފެނުނު ތާނގައި މިކޮޅިގަނޑުން ސަލާމަތްވުމުގެ ގާބިލްކަން ރައީސް މުއިއްޒުގެ އެބަހުރިކަން." ނިމިދިޔަ ރިޔާސީ އިންތިހާބުގައި މުޢިއްޒު ވެރިކަމަށް ގެންނަން ތާއިދު ކުރެއްވި ޒައިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޒައިދު ވިދާޅުވީ ގައުމު އަބަދު ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި އޮންނަން ނުޖެހޭ ކަމަށެެވެ. އަދި ވެރިކަން ކުރަން ޖެހެނީ ހަމައެކަނި ރައީސް ޔާމިންތޯ ސުވާލު ކުރައްވައި އެހެން ބޭފުޅަކު ވެރިކަން ކުރައްވާ ތަން ބަައްލަވަން އެމަނިކުފާނަށް ނުހުންނެވެނީތޯ ޒައިދު ވަނީ ސުވާލު ކުރައްވާފައެެވެ.

"ރައްޔިތުން ބޭފުޅަކާއި ވެރިކަން ޙަވާލުކުރުމަކީ ވެސް ކެތްފުޅު ކުރެއްވޭވަރު ކަމަކަށް ނުވަނީތޯ؟! ހަމަ އަޖާއިބު! ގައުމު އަބަދު ސިޔާސީ ހަލަބޮލިކަމެއްގައި އޮންނާކަށް ނުޖެހޭ!" ޒައިދު ވިދާޅުވިއެވެ.

ރައީސް ޔާމިން ޕީޕިއެމުން ވަކިވެވަޑައިގެން އާސިޔާސީ ޕާޓީއެއް ހެއްދެވުމުގެ މަސައްކަތް ފެއްޓެވީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ނުހޯއްދަވާތީއާއި ވެރިކަމަށް އާދެވުނު ހިސާބުން، ރައީސް، ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނު ގުޅުއްވުމުން ފޯނު ނުނަންގަވާތީއާއި ލީޑަރޝިޕްގެ ބޭފުޅުން އެމަނިކުފާނާއި ދުރަށް ވަޑައިގެންފައިވާ ކަމަށް ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް