ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށް ޕީޕިއެމުން ވަކިކޮށްފައިވާ ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ގޮވާލައްވައިފިއެެވެ.

މަލީހު މިކަމަށް ގޮވާލެއްވީ ޕީޕިއެމްގެ ރައީސް، ޔާމިންގެ މަޝްވަރާ ރައީސް މުޢިއްޒާއި ލީޑަރޝިޕުން ބަލައިނުގަންނަ ކަމަށް ވިދާޅުވެ އެޕާޓީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް ހައްދަވަން ރައީސް ޔާމިން ނިންމެވުމާއި ގުޅިގެންނެެވެ. ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ވަނީ ރައީސް ޑރ. މުޢިއްޒު ވެރިކަމުގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ވިދާޅުވެ އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.



މަލީހް ވިދާޅުވީ ރައީސް މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމިން މިނިވަން ކުރައްވާފައިނުވާ ކަމަށެވެެ. އަދި ވެރިކަމަށް ވަޑައިގެންނެވުނު ގޮތް މުޢިއްޒު ހަނދުމަފުޅު ނެތް ކަމަށް މަލީހް ވިދާޅުވިއެެވެ.

"ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ނުކުރެއްވި. ވެރިކަމަށް ވަޑައިގަތް ހުސް ގޮނޑި ހަދާން ނެތިއްޖެ. ޑރ. މުއިއްޒުގެ ވެރިކަމުގެ ލެގިޓިމަސީ ގެއްލިއްޖެ. ވަގުތުން ޑރ. މުއިއްޒު އިސްތިއުފާ ދެއްވުމަށް ގޮވާލަން." މަލީހު ވިދާޅުވިއެވެ.

ޕީޕީއެމްގެ ސެނެޓް މެމްބަރެއްގެ ގޮތުގައި ހުރެ ޕާޓީ ބަދުނާމުކޮށް ޕާޓީ ބައިބައިކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެ ޕާޓީގެ ހަރަކާތްތަކުން މަލީހު ސަސްޕެންޑްކޮށް ލީޑަޝިޕްގެ ފަރާތުން ސުލޫކީ ކޮމިޓީއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އޭނާ ޕާޓީން ވަކިކުރަން މިހާރު ވަނީ ނިންމާފައެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް