ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފްލެޓާއި ގޯތި ދޭނެކަމަށް ބުނެ ލިޔުން ދީފައިވާ މީހުންގެ ފްލެޓާއި ގޯތިތައް އަތުލަން މިސަރުކާރުން ނިންމައިފިނަމަ އެކަމާއި ދެކޮޅަށް އިހުތިޖާޖްކުރާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައުްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ ފްލެޓާއި ގޯތި ދިނުމުގެ މަސައްކަތަކީ ސަރުކާރަކުން ކޮށްފައި އޮތް ކަމެއްކަމަށާއި އެއީ ރައްޔިތުންނާ ގުޅުންހުރި ކަމެއްކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ކުރިއަށް ދާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައުްޔާޒު ވިދާޅުވީ މި ސަރުކާރުން މާލެ ސަރަހައްދުން ދީފައިވާ ގޯއްޗާއި ފުލެޓުތައް އަތުލަން އުޅުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި އެކަމާއި ދެކޮޅަށް އެމްޑީޕީން އިހުތިޖާޖުކުރާނެކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އެކަމަށް އިހުތިޖާޖު ވެސް ކުރާނަން، އެނޫން ގޮތަކަށް އެބޭފުޅުން އެކަން ކުރައްވާ ކަމަކަށް ވަންޏާ،" ފައްޔާޒް ވިދާޅުވި އެވެ.

ހައުސިންގ މިނިސްްޓަރ ޑރ. ހައިދަރު އަހުމަދު އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކުރީ ސަރުކާރުން ފްލެޓާއި ގޯތި ދޭން ނިންމާފައިވާ މީހުންގެ ލިސްޓް މުރާޖަޢާ ކުރާނެކަމަށް ވިދާޅުވެފައެވެ.

ހައުސިންގ މިނިސްޓަރގެ ވާހަކަފުޅާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ރައްޔިތުން ފާޑު ކިޔާ މައިގަނޑު ސަބަބަކީ ފްލެޓާއި ގޯތި އަތުނުލާނެކަމަށް އިންތިހާބުގައި ވައުދުވުމަށްފަހު އެކަމާއި ދިމާ އިދިކޮޅަށް ސަރުކާރުން މަސައްކަތް ކުރަމުންދިއުމެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކުރީސަރުކާރުން ދޫކޮށްފައިވާ ގޯއްޗެއްވެސް އަދި ފްލެޓެއްވެސް އެމަނިކުފާނުގެ ސަރުކާރުގައި އަތުނުލާނެ ކަމަށެވެ.

ކުރީސަރުކާރުން ދޫކޮށްފައިވާ ގޯއްޗާއި ފުލެޓް އަތުލައިފި ނަމަ އިހުތިޖާޖު ކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވިއިރު 2018ގައި ނިމުނު ޕީޕީއެމްގެ ސަރުކާރުގައި ޑރ. މުއިއްޒުގެ ހައުސިން މިނިސްޓަރ ކަމުގައި ދޫކުރި ހިޔާ ފްލެޓްތައް އެމްޑީޕީ ސަރުކާރުން ދޫކުރީ އަލުން ފޯމުތައް މުރާޖަޢާކޮށް އާލިސްޓެއް އެކުލަވާލައިގެންނެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް