ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވިސް (ޕީޕިއެމް)ގެ ލީޑަރޝިޕަށް ނޭގި ޕާޓީ ހިންގަން ސްޓިއަރިން ކޮމެޓީއެެއް ނުހެދޭނެ ކަމަށް އެޕާޓީގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެެވެ.

ޕީޕިއެމް ހިންގަން އެޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން އެއްފަރާތްކޮށް ރައީސް ޔާމިން އިއްޔެ ވަނީ ސްޓިއަރިން ކޮމެޓީއެއް އުފައްދަވާފައެެވެ. ޔާމީން އެކުލަވާލެއްވި ކޮމިޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. އިދާރީ ގޮތުން އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

އެކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ފަރާތުން ރޭ ވަނީ ޕީޕިއެމްގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެެވެ.

އެމައްސަަލައިގައި ޕީޕިއެމްގެ ސެނެޓް މެމްބަރުންގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ކޯޅުން ބޮޑުވެފައިވަނިކޮށް މީޑިޔާއަކަށް މައުލޫމާތު ދެއްވަމުން ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ޕާޓީ ހިންގަން ސްޓިއަރިން ކޮމިޓީއެއް ހެދީ އެއްވެސް ގޮތަކަށް ލީޑަޝިޕަށް އެންގުމެއް ނެތި ކަމަށެވެ. އަދި ޕީޕިއެމްގައި އިންތިހާބީ ލީޑަޝިޕަކާއި ސެނެޓެއް އޮއްވައި، އޭގެ ބޭރުން ކޮމިޓީއެއް ހަދަން ޕާޓީގެ ގަވައިދު ތަން ނުދޭކަމަށް އޭނާ ވިދާޅުވިއެވެ.

"'އަޅުގަނޑުމެން ލީޑަޝިޕުން މިކަން ބަލާނަން، އަދި އޭގެ ފަހުން އަޅަން ޖެހޭ ފިޔަވަޅެއް ވެސް އަޅާނަން،" ރައީސް މުޢިއްޒުގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

ޕީޕިއެމްގެ އަސާސީ ގަވައިދުގައި ބުނެފައިވާ ގޮތުން ޕާޓީގެ އެންމެ އިސް ގުނަވަނުގެ ގޮތުން ޕާޓީ ހިންގުމުގެ ކަންކަން ކުރާނީ ލީޑަޝިޕުންނެވެ. އެގޮތުން ލީޑަޝިޕްގައި ހިމެނެނީ ޕާޓީގެ ރައީސް އާއި ނައިބު ރައީސުންނާއި ޕީޖީ ލީޑަރާއި ޑެޕިއުޓީ ލީޑަރުން އަދި އެސްޖީ ކަމަށް އަސާސީ ގަވާއިދުގައިވެއެެވެ.

ޕީޕިއެމްގެ އަސާސީ ގަވައިދުގައިވާ ބުނާގޮތުން ޕާޓީ އިދާރީ ގޮތުން ހިންގުމުގެ ޒިންމާ އަދާކުރައްވަން ޖެހިވަޑައިގަންނަވާނީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލަށެވެ. އެހެންނަމަވެސް ޕާޓީ ހިންގަން ވަކިން ކޮމިޓީއެއް އެކުލަވާލީ ސެކްރެޓަރީ ޖެނެރަލް އަދި ޕާޓީގެ ސެނެޓަށް ވެސް އެންގުމެއް ނެތި ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ޔާމިން އެކުލަވާލެއްވި ކޮމެޓީގައި ޕީޕީއެމް ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ހިމެނިވަޑައެެއް ނުގަންނަވައެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން މިވަގުތު ތިއްބެވީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ކެބިނެޓްގެ މަގާމުތަކުގައެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް