ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ އެމްއެމްޕީއާރުސީ ރީބްރޭންޑްކޮށް، ފަތުވެރިކަން ސިންދަފާތުކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރ ފައިސަލް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ ފަތުވެރިކަން ކުރިއެރުވުމަށް އުފައްދާފައިވާ ވިޒިޓަރ އިކޮނޮމީ ކައުންސިލްގެ ފަރާތުން މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުން ނެވެ.

ވިޒިޓަރ އިކޮނޮމީ ކައުންސިލްގެ ކޯ ޗެއާރގެ މަގާމު އަދާކުރައްވާ، ޓޫރިޒަމް މިނިސްޓަރ ފައިސަލް ވިދާޅުވީ ކައުންސިލުން ކުރަމުންދާނީ ފަތުރުވެރިކަމާއި ގުޅޭ ސްޓްރެޓިޖިކް މަސައްކަތްތަކެއް ކަމަށާއި މަސައްކަތްތައް ހިންގާނީ ކަމާއި ގުޅޭ އިދާރާތަކުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެމްއެމްޕީއާރްސީ ރީބްރޭންޑް ކުރުމަކީ ރައީސް މުއިއްޒުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެހެންކަމުން އެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހަމައެކަނި މިހާރު ހުރި މާކެޓްތަކަށް ފޯކަސްކުރުމުގެ ބަދަލުގައި އެހެން މާކެޓްތައްވެސް އެކްސްޕްލޯކޮށްގެން އެރައިވަލްސް އިތުރު ކުރަން. ކޯވިޑާއި އެކު ވަރަށް ބޮޑަށް ދަށަށްދިޔަ. ނަމަވެސް މިހާރު އެ ދަނީ މަޑުމަޑުން ހަމައަކަށް އެޅެމުން." ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އިކޮނޮމިކް ކައުންސިލާއި ވިޒިޓަރ އިކޮނޮމިކް ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ކުރެވޭ މަސައްކަތުން ވަރަށް ބޮޑު ކުރިއެރުންތަކެއް ފަތުވެރިކަމުގެ ދާއިރާއަށް އަންނާނެކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތުން 5 ބިލިއަނެއްހާ ޑޮލަރުގެ އާމްދަނީއެއް ރާއްޖޭގެ އިގްތިސާދަށް ވަދެގެންދާނެކަމަށް ލަފާކުރެވޭކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ޓޫރިޒަމް މިހާރު އޮތް ހާލަތުން އަރައިގަތުމަށް ސިންދަފާތުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުންވެސް ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުންތަކެއް އަންނާނެކަމަށް ފައިސަލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން