44 މެމްބަރުންނަށްވުރެ ގިނަ މެންބަރުންގެ ސޮޔާއެކު އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފިނަމަ، މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ 44 މެމްބަރުންނަށް ވުރެ ގިނަ މެމްބަރުން ސޮއިކޮށްފައި އިތުބާރު ނެތްކަމުގެ މައްސަލައެއް މިއަދު ލިޔަސް، އެ މައްސަލަ ލައިފިކަން އެނގޭ ހިސާބުން، މަޖިލީހުން ނުކުމެ ވަޑައިގަންނަވާނީ އިސްތިއުފާގެ ސިޓީގައި ސޮއިކުރަށްވާފައި ކަމަށެވެ.

"އަޅުގަނޑާ ހެދިއެއް މަޖިލިސް ހުއްޓިގެން ދާކަށް ނުޖެހޭނެ." އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، އަސްލަމް ވިދާޅުވީ އޭނާއާއި ބެހޭގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފިނަމަ، މަޖިލީހުގެ މަސައްކަތްތަކަށް ބުރޫ ނާރުވާ، މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާގޮތަށް މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވީ ހޯމަ ދުވަހުއެވެ. ނަޝީދު މަޤާމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ ޤަރާރު ދެވަނަ ފަހަރަށް ހުށަހަޅައިގެންވެސް އެ މައްސަލަ ކުރިއަށްނުގެންދެވިގެން އުޅެނިކޮށެވެ. އެ ޤަރާރު ފަހުން ބޭއްވި މަޖިލީސް ޖަލްސާތަކުގައި އެޖެންޑާކޮށްފައި ނުވުމުން އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް