ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ކެޕިޓަލް ކޮންޓްރިބިއުޝަން އިތުރުކުރުމުގެ ސަބަބުން މިއަހަރުގެ ބަޖެޓު ޚަރަދު އިތުރުވެފައިވާކަމަށް ފިނޭސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި، މިއަހަރުގެ ބަޖެޓު އިތުރުކުރުމަށް ސަރުކާރުން ހުށައަޅާ ސަޕްލިމެންޓަރީ ބަޖެޓް ހުށައަޅުއްވަމުން އަމީރު ވިދާޅުވީ 2023 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅައި ބަލާއިރު ޚަރަދު އިތުރުވެފައިވަނީ އާސަންދައިންނާއި، ސަބްސިޑީ، އަދި ލޯނު ދޫކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަން ދިނުމުންނާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓ ޕްރޮގްރާމް (ޕީއެސްއައިޕީ) އިންކަމަށެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް އިތުރުކުރުމަށް ހުށައަޅާފައިވަނީ މިއަހަރު ކްރޮސް ސަބްސިޑީގެ އުސޫލުގެ ތެރެއިން ދައުލަތަށް ފައިސާ ލިބުމާއެކު ކަމަށެވެ.

"ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް އަށް އިތުރުކުރުމަށް ހުށައަޅާފައިވަނީ މިއަހަރު ކްރޮސް ސަބްސިޑީގެ އުސޫލުގެ ތެރެއިން ފައިސާ ލިބިފައިވުމާއެކު، ކްރޮސް ސަބްސިޑީ އުސޫލުން ހިންގާ މަޝްރޫޢުތަކަށް ފައިސާ ދޫކުރުމަށް."

މީގެއިތުރުން، އާބަންކޯއިން މިއަހަރުގެ ތެރޭގައި ބިން ވިއްކައިގެން ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީ ނުލިބުމާއި، ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމުންނާއި، އަދި އެޗްޑީސީގެ ކޭޝްފްލޯ ހަމަޖެއްސުމަށް ދައުލަތުން އެކުންފުންޏަށް ކެޕިޓަލް ދޭންޖެހިފައިވާކަމަށްވެސް މިނިސްޓަރް ފާހަގަކުރެއްވިއެވެ. މިހެންކަމުން ކެޕިޓަލް ދޫކުރުމަށް ސަޕްލިމެންޓަރީ ބަޖެޓުގައި 611.7 މިލިއަން ރުފިޔާ ހިމަނާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަދައްކަވަމުން އަމީރު ވަނީ، ކުންފުނިތަކުގެ ވަރކިންގ ކެޕިޓަލަށް ބޭނުންވާ ފައިސާ ދޫކުރުމަށް ބަޖެޓުން ޓްރެޜަރީ ލޯނު ދޫކުރަން ޖެހިފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ފެނަކަ އާއި އާރުޑީސީގެ ޓްރެޜަރީ ލޯނަށް ޖުމުލަ 291.3 މިލިއަން ރުފިޔާ، ލޯނު ދޫކުރުމުގެ ކޯޑަށް އިތުރުކުރުމަށް ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނާފައިވާނެކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓު ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށާއި، ހާއްސަގޮތެއްގައި ބަޖެޓުގައި ހިމަނާފައިވާ ޚަރަދުގެ ސިޔާސަތުތަކަށް ގެންނަން ރޭވި ބަދަލުތައް ފަސްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށައަޅަން ޖެހުނީ މިއަހަރުގެ ބަޖެޓުގެ ޚަރަދުތައް ހުރި ގޮތާއި، އޮފީސްތަކުން ބަޖެޓަށް ކޮށްފައިވާ ރިކުއެސްޓް ތަކަށް ރިއާޔަތްކޮށް، 2023 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މިއަހަރުގެ ތެރޭގައި ޚަރަރުވެދާނެކަމަށް ބެލެވޭތީކަމަށް އަމީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު