މީގެކުރިން އެހެން މަގާމުތަކުންވެސް އިސްތިއުފާ ދެއްވާފައި ވަނީ މުއައްސަސާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރަން ކަމަށް ރައްޔިތުންެގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ނަޝީދަކީ މީގެކުރިންވެސް ދައުރު ފުރިހަމަނުވަނީސް އެހެން ބައެއް މަގާމުތަކުން ވެސް އިސްތިއުފާ ދެއްވާފައިވާ ބޭފުޅެކެވެ. އެކަމާއި ގުޅިގެން ނޫސްވެރިން މިއަދު ވަނީ އެމަނިކުފާނާއި ސުވާލުވެސް ކޮށްފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވާއިރު އަބަދުވެސް ބައްލަވަނީ މުއައްސަސާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްކަަމަށެވެ.

"ތިބޭފުޅުން ބައްލަވާ އަޅުގަނޑުގެ އިސްތިއުފާގެ ހުރިހާ ސިޓީއެއްގައިވެސް އޮންނާނެ މުއައްސަސާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރާށޭ." ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި ރައީސް ނަޝީދު ވަނީ ދައުރު ހަމަނުވަނީސް މިއަހަރު ކުރީކޮޅު އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި 2012 ވަނަ އަަހަރު ރާއްޖޭގެ ރައީސްކަމުގެ މަގާމުންވެސް އިސްތިއުފާ ދެއްވީ ދައުރު ހަމަނުވަނީހެވެ.



ކިޔުންތެރިންގެ ހިޔާލު