ޔޫރަޕްގެ ޝެންގެން ޤައުމުތަކަށް ދަތުރުކުރައްވާ ފަރާތްތަކަށް ބޭނުންވާ ޝެންގެން ވިސާއަށް މާލެއިން އެޕްލައި ކުރެވޭ ގޮތް ހަދައިފިއެވެ.

މިކަމާ ގުޅޭގޮތުން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ވީ.އެފް.އެސް. ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރު މެދުވެރިކޮށް މިހާރު ޔޫރަޕުގެ ގިނަ ޤައުމުތަކަށް ދަތުރު ކުރުމަށް ބޭނުންވާ ޝެންގެން ވިސާއަށް ރާއްޖެއިން އެޕްލައިކުރުމުގެ ފުރުޞަތު ފަހިކޮށްދެވިފައިވާކަމަށެވެ. އަދި މިފުރުސަތުގެ ސަބަބުން ޝެންގެން ވިސާ ހޯދުމަށް މީގެ ކުރިން އުފުލާންޖެހުނު ތަކުލީފުތައް ނައްތާލެވި، ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ވީ.އެފް.އެސް. ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރުގެ ޚިދުމަޔް ފުޅާކުރުމުގެ ގޮތުން ޝެންގަން ޒޯނުގައި ހިމެނޭ ޤައުމުތަކުގެ ޚާރިޖީ ވުޒާރާތަކާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އެގޮތުން ވީ.އެފް.އެސް. މާލެ ވިސާ ސެންޓަރާ ރަސްމީކޮށް ސްވިޓްޒަލެންޑް އާއި މިހާރު ގުޅިފައިވާކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. މިއާއެކު މާލެ ވިސާ ސެންޓަރު މެދުވެރިކޮށް ސްވިޓްޒަލެންޑް، ބެލްޖިއަމް، ނެދަރލެންޑްސް، ޕޮލެންޑް، ލަގްޒެމްބޮރގް އަދި ސްލޮވީނިއާ ޝެންގަން ވިސާއަށް މިހާރު އެޕްލައި ކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފްރާންސް، ސްޕެއިން އަދި ޕޯޗުގަލް ގެ ޝެންގަން ވިސާއަށް ވީ.އެފް.އެސް. މާލެ ސެންޓަރުން އެޕްލައިކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފަައެވެ.

މާލޭގައި ގާއިމުކޮށްފައިވާ ވީ.އެފް.އެސް. ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރަކީ ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި ފޮރިން މިނިސްޓްރީން ގާއިމުކޮށްފައިވާ ސެންޓަރެކެވެ. މިސެންޓަރ ގާއިމުވެގެންދިޔައީ 1 މާރިޗު 2020 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު