ކަންނެތްކަމާއި ކަންފަސޭހަކަމުގެ ސަބަބުން ދިރިއުޅުމުގައި ގިނަ ފުރުޞަތުތަކެއް ގެއްލިގެންދެއެވެ.
ކަންނެތްކަމާއި ކަންފަސޭހަކަމުގެ ސަބަބުން ދިރިއުޅުމުގައި ގިނަ ފުރުޞަތުތަކެއް ގެއްލިގެންދެއެވެ.
ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވުމަށްޓަކައި ތަފާތު އުނދަގޫ ހާލަތްތަކާ ކުރިމަތިލާންޖެހެއެވެ. ހިތްހަމަ ނުޖެހޭ އެތައް ކަމަކާއި ކުރިމަތިލައި ނަފްސާއި ޖިސްމުން ހިއްވަރު ނެރެގެން ކަންކަން ހައްލުކުރަން މަސައްކަތް ކުރަންޖެހެއެވެ. އެހެން ނޫންނަމަ ލިބެން އޮންނަ މޮޅަކާއި ކުރިއެރުމެއް އަތުން ދޫވެގެން ހިނގައިދާނެއެވެ. ނަމަވެސް މިފަދަ ކަންކަން ކުރުމަކީ ބައެއް މީހުން ޖެހިލުންވާ ކަމެކެވެ. މިފަދަ މީހުންގެ ކަންނެތްކަމާއި ކަންފަސޭހަކުރުގެ ނުރަނގަޅު އާދައާއިހުރެ ދިރިއުޅުން އަރާސްތުކުރުމަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. ދިރިއުޅުމުގައި އެއީ އަދި ކިތަންމެ ތަނަވަސް އަދި ކިތަމެން ފުރުސަތުތަކެއް ފަހިވެފައިވާ ބަޔަކަށްވީނަމަވެސް މިފަދަ މީހުންނަށް އެފުރުސަތުތައް ގެއްލެނީ މިދެންނެވި ނުރަގަނޅު އަމަލުތަލުގެ ސަބަބުންނެވެ.

މިލިއުމުގައި މިބަލާލަނީ ދިރިއުޅުމުގައި ކުރިއެރުން ލިބެން އޮވެ، މީހާގެ ނުރަނގަޅު އާދަތަކުގެ ސަބަބުން ފުރުސަތުތައް ގެއްލިގެންދާ ސަބަބުތަކަށެވެ.

1. ފަހުން ކުރަން ބެހެއްޓުމުގެ އާދަ:

އިނގިރޭސިބަހުގައި ކިޔާ 'ޕްރޮކްރަސްޓިނޭޝަން' އަކީ ކަންކަން ފަހުން ކުރަން ބެހެއްޓުމުގެ އާދައަށް ކިޔާ ނަމެވެ. މިގޮތަށް މިއާދަ ހުންނަ މީހުން ފަހުން ކުރަން ބަހައްޓާ ކަންކަމުގައި ބަހަނާ ދައްކާ އުޛުރުވެސް ދައްކާނެއެވެ. ނަމަވެސް މި އުޛުރުތަކަކީ ހަމައެކަނި އެކަމެއް ކުރުމުގެ ބުރަ ނުއުފުލުމަށް ނުވަތަ ކަންފަސޭހަކޮށްލުމަށް ދައްކާ ބޭކާރު ބަހަނާތަކެވެ. އަދި ފަހު ވަގުތުގައި ކުރުމަށް ބަހައްޓަނީ، ފަހުވަގުތުގެ ޕްރެޝަރުގައި އެމީހުންނަށް މާރަނގަޅަށް މަސައްކަތް ކުރެވޭނޭ ބުނެއެވެ. އެހެންނަމަވެސް ކޮންމެ ކަމެއްވެސް އެންމެ ފުރިހަމައަށް ކުރުމަށް ވަގުތު ބޭނުންވާނެކަން މިއީ އެންމެންވެސް ދަންނާނެ ހަގީގަތެކެވެ. ތިބާގެ ކިބައިގައި މިއާދަ ހުރިނަމަ، މަޑުމަޑުން މިކަން ހައްލުކުރުމަށް މަސައްކަތް ކުރާށެވެ. ކޮލެޖުން ދީފައިވާ ނުވަތަ އޮފީހުން ހަވާލުކުރާ ޕްރޮޖެކްޓްތައްވެސް ޑެޑްލައިން ދިގު މުއްދަތެއް ދީފައިވީނަމަވެސް މަޑުމަޑުން ދުވާލަކު ކޮންމެވެސް މިންވަރެއް ނިންމަމުން މަސައްކަތްތައް ތަރުތީބުކޮށް ތިޔަ ހިފާފައިވާ އާދަ ބަދަލުކޮށްލެވޭތޯ މަސައްކަތް ކުރާށެވެ.

2. ކަންކަން ބަދަލުވެދާނެ ކަމުގެ ބިރު:

ބޮޑެތި ކަންކަން ކުރުމަށް މީހާ ފަސްޖެހޭ ސަބަބެއް ކަމުގައި 'ބިރު ގަތުން' އެކަށީގެންވާ ކަމެކެވެ. ޚާއްސަކޮށް ފައިސާއާއި ބެހޭ ކަންކަން ކުރުމަށް ގިނަ ބަޔަކު ފަސްޖެހެނީ އޭގެ ރިސްކު އޮވެފައި ދިރިއުޅުމަށް އައިސްދާނެ ބޮޑު ބަދަލަކާއި އެކަމަށް ކުރިމަތިލާން އުނދަގޫ ވެދާނެތީއެވެ. އެހެންނަމަވެސް، ކުރިއެރުމަށް އޮތް ފުރުޞަތުތަކުގެ މައްޗަށް ބިރު އިސްކުރަން ފަށައިފިނަމަ އަބަދުވެސް ދިރިއުޅެންޖެހޭނީ މިހާރު ތިޔަހުރި ހިސާބުގައެވެ. އިތުރަށް ކުރިއަރައި ދިއުމަކީ ރިސްކުނަގައި ކަންކަމާއި ކުރިމަތިލުމުން ނޫނީ ހާސިލްވާނެ ކަމެއްނޫނެވެ. ތިބާގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމާއި ތިބާއާއިދެމެދުވާ ހުރަހަކީ މިދެންނެވި ބިރު ކަމުގައިވާނަމަ ކުދިކުދި ކަންކަމުން ފަށާށެވެ. ރިސްކު ކުޑަކަމަކުން ފެށިގެން މަސައްކަތްތައް ކުރަންފެށުމުން ފަހުން ބޮޑެތި ޕްރޮޖެކްޓްތަކުގައި ތިބާ ޖެހިލުމެއް ނެތި އިންވެސްޓްވެސް ކުރާނެއެވެ. ނަމަވެސް އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނީ ފެއިލިވުމަކީ އަދި ނިމުމެއް ނޫންކަމުގައެވެ. އަދި އެއަށްފަހު އަނެއްކާވެސް ކުރިއަށް ދިއުމުގެ ފުރުޞަތު އޮންނާނެކަމެވެ.

3. ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ނެތުން:

ކުރިއަށް އޮތް 5 އަހަރު ތެރޭ ތިބާ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީ ކޮބައިހެއްޔެވެ؟ މިސުވާލުގެ ޖަވާބު ސިކުނޑީގައި ހަރުލާފައި ނެތްނަމަ ތިބާގެ ދިރިއުޅުމުގެ ކުރިއެރުމާއިމެދު ތިބާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. ކާމިޔާބު މީހުންނަކީ ދިރިއުމުގެ މިހާރުގެ ހާލަތު ބަދަލު ކުރުމަށް މާދަމާ ހާސިލް ކުރަން ބޭނުންވާ ކަންކަމާއިމެދު ކުރިއާލައި ވިސްނާ މީހުންނެވެ. އެފަދަ މީހުން ކުރިއަށް ދާންބޭނުންވާ ހިސާބު ކަނޑައަޅާފައި އޮތުމުން އެމަގު ކޮށައި އެމުއްދަތުގައި އެމަގުން ކުރިއަށް ދާނެއެވެ. ވީމާ، ދިރިއުޅުމަކީ ސަމުގާއެއްނެތް ނަވެއްހެން ދާނެ ގޮތަކަށް ދާން ދޫކޮށްލުމުގެ ބަދަލުގައި ތިބާގެ ދިރިއުޅުމުގައި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ކަނޑައަޅާށެވެ. އަދި އެމަގުން ކުރިއަށް ހިނގާށެވެ.

4. ނަފްސު ތަރައްޤީ ކުރުމަށް ސަމާލުކަން ނުދިނުން:

ޒަމާނަށް އަންނަ ބަދަލާއިއެކު ވިސްނުމަށްވެސް ބަދަލުތަކެއް ގެންނަންޖެހެއެވެ. މިއީ ކޮންމެހެން ތިބާގެ ހުރިހާ ޤަބޫލުކުރުންތައް މުޅިން ބަދަލުކުރުމެއް ނޫނެވެ. ނުވަތަ ގެންގުޅޭ އުސޫލުތައް އެއްކޮށް ދޫކޮށްލުމެއްވެސް ނޫނެވެ. ދިރިއުޅުމުގެ އެކިއެކި ފަސޭހަތަކާއި އަދި ވިޔަފާރީގެ ކުރިއެރުމަށް ބޭނުންކުރެވޭނެ އައު އުކުޅުތަކާއި ގޮތްތައް ދަސްކުރުމުން ތިބާ މިހާރު ހުރި ހިސާބަށްވުރެ ކުރިއަށް ދެެވިދާނެއެވެ. ކުރީގެ ގޮތްތަކަށް ތަބާވެ އެގޮތްތައް މަސައްކަތުގައާއި ވިޔަފާރީގައި ގެންގުޅެންވެއްޖެނަމަ ތިބާ ދާނީ ދުވަހަކަށްވުރެ ދުވަހެއް ފަހަތަށެވެ. ވީމާ، ތިބާ އިސްކަންދޭންވީ އައު ކަންކަން ދަސްކުރުމަށާއި ވަށައިގެންވާ މާހައުލަށް ލޯހުޅުވުމަށެވެ. މިއީ ތިބާގެ ނަފްސު ތަރައްޤީވާނެ ކަންކަމެވެ.

5. ނައްސި ވިސްނުން ގެންގުޅުން:

ނައްސި ވިސްނުން ގެންގުޅޭ މީހުން އާއްމުކޮށް ބުނެއުޅޭނީ ތިމަންނަ ވާހަކަ ދައްކަނީ ދިރިއުޅުމުގެ ހަޤީގަތަށް ބިނާކޮށްކަމަށެވެ. ނަމަވެސް ދިރިއުޅުމުގެ ހަޤީގަތަކީ އަބަދުވެސް ނައްސި ގޮތްތައް ވުން ކަމަށްވާނަމަ ކުރިއަރައިދާނެ މީހަކު ނުހުންނާނެއެވެ. އަދި ކަންކަމާއި ކުރިމަތިލާނެ މީހަކުވެސް ނުހުންނާނެއެވެ. ބޮޑު ކަމެއް ކުރުމަށް ގަސްދު ކުރާއިރު ދެބަޔަށް ވިސްނުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް ނައްސި ވިސްނުން އާއްމުކޮށް ގެންގުޅޭ މީހުންނަށް ކޮންމެ ކަމަކުންވެސް ފާހަގަވާނީ ނައްސިކަންތައްތަކެވެ. މީގެ ސަބަބުން އެއްވެސް ކަމަކާއި އެމީހުން ކުރިމަތިނުލައި ލިބޭ ފުރުޞަތުތައް ދޫކުރަމުންދާނެއެވެ. އެހެންކަމުން ތިބާގެ ވިސްނުމުގެ މިސްރާބު ކާމިޔާބީއާއި ދިމާލަށް ބަދަލުކޮށްލައި ވިސްނުމުގައި ގެންގުޅޭ ނައްސި ވިސްނުން ދޫކޮށްލާށެވެ. އަދި އަމިއްލަ ނަފްސަށް އިތުބާރުކޮށް ތިމަންނައަށްވެސް ވާނެކަމަށް ހިތުގެ އަޑިން ޤަބޫލުކުރާށެވެ.

6. ޒިންމާނުނެގުން:

ދިރިއުޅުމުގެ ހާލަތު ބަދަލުނުވެ އޮތީ މިވެނިހެން ދިމާވުމުންނޭ ނުވަތަ އެވެނި ކަމެއް ދިމާނުވިނަމަ ތިމަން މިހާރު ހުންނާނީ ކުރިއަރާއިގޮސް މިވެނި ހިސާބެއްގައޭ ބުނާމީހުންނަށް ވާނޭހާވެސް ވަރަކީ އެގޮތަށް ބަސްތައް ދުލުން ބޭރުކޮށްލުމެވެ. އަދި ދިރިއުޅުމުގައި ކުރިއެރުން ނުލިބުނީ ކޮންމެވެސް އެހެން ބައެއްގެ ސަބަބުން ނުވަތަ ބާރު ނުފޯރުވޭ ކަންތައްތަކެއްގެ ސަބަބުން ކަމުގައި ބުނެ އެފަދަ މީހުން އެ ޒިންމާވެސް އަޅުވަންބޭނުންވަނީ އެހެންބައެއްގެ ބޮލުގައެވެ. އެފަދަ މީހުން ދެކޭގޮތުގައި އެކަމުން އެމީހުން ކުރާނެ އެއްވެސް ކަމެއްނެތެވެ. މިއާޚިލާފަށް ކަމެއް ހާސިލްކުރަން ބޭނުންވާ މީހާ ފުރަތަމަ އެކަމެއް ހާސިލްކުރުމަށް ގަދައަޅައި މަސައްކަތް ކުރާނެއެވެ. އަދި މަސައްކަތްކޮށް އެކަމެއް ހާސިލްނުކުރެވުނު ނަމަވެސް އެކަމުގެ ފުރިހަމަ ޒިއްމާ އެމީހާއަށް އަމިއްލަޔަށް ނަގާނެއެވެ. އަދި އެމީހުން ދިރިއުޅުމުގައި އަޅާ ކޮންމެ ފިޔަވަޅެއްވެސް އަޅާނީ އެމީހުންގެ އަމިއްލަ އިޚްތިޔާރުގައެވެ. ފުރަތަމަފަހަރު ފެއިލިވެއްޖެނަމަ ދެވަނަފަހަރަކު އެކަމަކާއި ކުރިމަތިލާނީ ފެއިލްވީ ސަބަބު ދެނެގަނެ އެކަންކަން ރަނގަޅުކޮށް ކުރިއަށްވުރެ އަޒުމުވަރުގަދަކޮށް އާހިއްވަރަކާއެކުގައެވެ.

އަމިއްލަ މީހާގެ ފަރުވާކުޑަކަމާއި ކެރުންތެރިކަން ނެތްކަން ޤަބޫލުކޮށް ޒިންމާނުނަގާ މީހަކަށް ނަފްސުގެ އުނިކަންކަން އިސްލާހުކުރުމުގެ ޤާބިލުކަމެއް ނުލިބޭނެއެވެ. އެހެންކަމުން، ތިބާއަކީ އަބަދުވެސް ހާލަތަށް ތަފާތު އުޛުރުތައް ދައްކާ މީހެއްކަމުގައިވާނަމަ ދިރިއުޅުމުގައި ލިބޭ ފަހި ފުރުޞަތުތަކުގެ ބޭނުން ހިފުމުގައި ތިބާ ކަންތައް ކުރާ ގޮތާއިމެދު ފުންކޮށްވިސްނާލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން