ހަތަރުކަޅި ހަމަކޮށްގެން ވާހަކަ ދެއްކުމަކީ އެކަކު އަނެކަކަށް އޮންނަ އިތުބާރާއި ގުޅުން ވަރުގަދަކޮށްދޭނެ ކަމެކެވެ.
ހަތަރުކަޅި ހަމަކޮށްގެން ވާހަކަ ދެއްކުމަކީ އެކަކު އަނެކަކަށް އޮންނަ އިތުބާރާއި ގުޅުން ވަރުގަދަކޮށްދޭނެ ކަމެކެވެ.
މިޒަމާނުގައި ކައިވެނިކޮށްގެން އުޅޭ މީހުންނާއި ރައްޓެހިވެގެން އުޅޭ މީހުން އެމީހުންގެ ބައިވެރިޔާއާއި ކުރާ އެންމެ ބޮޑު ޝަކުވާއަކީ އެމީހުންނަށް ބައިވެރިޔާ ވަގުތު ނުދިނުމުގެ ޝަކުވާއެވެ. ދިރިއުޅުމުގައި ދެމީހުންނަކީވެސް އެހައިމެ ބުރަކޮށް އުޅެންޖެހިފައިވާ ދެމީހުންނެވެ. ވަޒީފާ އަށްފަހު ގެއަށްއައިސް ގޭތެރޭގެ ޒިންމާއެވެ. ނުވަތަ އިތުރު މަސައްކަތްކުރުމާއި ކިޔެވުމަށް ބޭނުންވާ ވަގުތު ގިނަވުމުން ދުވަސް ފެށިގެން ނިމެންދާއިރުވެސް ދެމީހުންނަށް ވަގުތު ނުލިބެއެވެ. މިއީ ދެމަފިރިންގެ ދެމެދުގައި މައްސަލަތައް ދިމާވާ އެންމެ ބޮޑު މައްސަލައެވެ.

ނަމަވެސް އެންމެވެސް ގަބޫކުކުރާ ހަޤީޤަތަކީ ކިތަންމެ ބުރަކޮށް އުޅެންޖެހުނު ކަމުގައިވިޔަސް އެމީހަކު ހިތްއެދޭ މީހެއްނަމަ އެމީހަކަށް ވަގުތު ހުސްކުރާނެއެވެ.

ބުރަކޮށް އުޅެންޖެހުން އެއީ އުޒުރެއް ކަމުގައި ދެކިގެން ގިނަ ފަހަރަށް ފިރިންގެ ފަރާތުން އަނބިންނަށް އަޅާލުން ކުޑަވުމުގެ ސަބަބުން އަނބިންވެސް ފިރިމީހާދެކެ ފޫހިވާގޮތް މެދުވެރިވެއެވެ. ނަތީޖާއަކަށްވެގެންދަނީ މިފަދަ ދެމަފިރިން ގިނަފަހަރަށް ވަކިވާން ޖެހުމެވެ.

ހިތްއެދޭ ކަމަކަށް ވަގުތު ހުސްކުރާނެކަން ޔަގީންވާއިރު ބައިވެރިޔާ ތިބާއަށް އެސަމާލުކަން ނުދެނީ ކީއްވެތޯ އަމިއްލަ ނަފުސާ ސުވާލު ކުރެވޭނެއެވެ. ތިބާގެ ބައިވެރިޔާގެ ސިކުނޑީގައި ތިބާގެ ޚިޔާތުތައް ހުންނަނަމަ ތިބާގެ މަތިން ހަނދާންވާނެއެވެ. އަދި ބުރަކޮށް އުޅެންޖެހުނު ކަމުގައިވިޔަސް ތިބާއަށް ސަމާލުކަންދޭނެއެވެ.

ތިބާއަށް ބައިވެރިޔާ ސަމާލުކަން ނުދޭނަމަ އެއީ ކީއްވެގެންކަން ހޯދައިދަނެގަންނާށެވެ. އަދި އެކަމަކީ ތިބާގެ އަމަލުތައް ބެހެއްޓޭގޮތުން ދިމާވާ ކަމެއް ކަމަށްވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ، ތިބާގެ ބައިވެރިޔާގެ ފަރާތުން ތިބާއަށް ބޭނުންވާ ވަގުތާއި ސަމާލުކަން ހޯދާނީ ކިހިނެއްކަން ދެނެގަންނާށެވެ. އަދި އެގޮތަށް ޢަމަލުތައް ބަހައްޓާށެވެ.

ބައިވެރިޔާގެ ސަމާލުކަން ހޯދުމަށް ކުރެވިދާނެ ކަންތައްތައް

1- ވަކި ވަގުތެއް ކަނޑައަޅައި ކޮންމެ ދުވަހަކުވެސް މެސެޖެއް ފޮނުވުން:

ވަކި ވަގުތެއްގައި ޓެކްސްޓް މެސެޖެއް ބައިވެރިޔާއަށް ފޮނުވާށެވެ. އާންމުގޮތެއްގައި ކޮންމެ ދުވަހަކު ވަކި ވަގުތެއްގައި ކަމެއް ކުރާއިރު އެކަމަށް އާދަވެއެވެ. ހަމައެފަދައިން ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއްގައި އޭނާއަށް ޤަވައިދުން މެސެޖު ފޮނުވާށެވެ. މިސާލަކަށް ކޮންމެ ދުވަހެއްގެ ހެނދުނު ހޭލައި ތިބާއޭނާއަށް މެސެޖް ކުރާނަމަ، ތިބާއަށް މެސެޖު ނުކުރެވުނު ނުވަތަ މެސެޖުކުރުން ދޫކޮށްލި ދުވަހެއްގައި ބައިވެރިޔާ އެވަގުތު ތިބާއާ މެދު ވިސްނާނެއެވެ.

2 - ބައިވެރިޔާގެ ވާހަކަތައް ރަނގަޅަށް އަޑުއެހުން:

ތިބާގެ ބައިވެރިޔާ އަކީ ޢާއިލާއާއި އެއްވަރަށް ނުވަތަ އެއަށްވުރެވެސް ގާތް މީހެއްކަން ހަނދާނުގައި ބަހައްޓާށެވެ. އެހެންކަމުން އެމީހުންގެ އަމިއްލަ ކަންކަމާ މެދު ތިބާއަށް އިތުބާރުކުރާނެއެވެ. ވީމާ، އެމީހުން ސްޓްރެސްވެގެން އައުމުން އެވާހަކަ ރަނގަޅަށް އަޑުއަހާށެވެ. އަދި އޭނާއަށް ބޭނުންވާ އެހީތެރިކަންދޭށެވެ. އެންމެ ބޭނުންވާ ވަގުތުގައި އެހީތެރިކަންދޭ މީހާއަކީ ކޮންމެ މީހަކުވެސް ޤަދަރުކުރާނެ މީހެކެވެ. އަދި ދިރިއުޅުމުގައި ކޮންމެ ކަމެއް ދިމާވިޔަސް ތިބާމަތިން ހަނދާން ކުރާނެއެވެ. އަދި ތިބާއަކީ އޭނާގެ ދިރިއުޅުމުގައި ވަރަށް މުހިންމު މީހެއްކަމުގައި ބަލައި ތިބާ އޭނާއަށް ބޭނުންވާ ވަގުތުގައި އޭނާވެސް ވަގުތު ހުސްކުރެވޭތޯ ބަލާނެއެވެ.

3- އައި ކޮންޓެކްޓް ނުވަތަ ވާހަކަ ދައްކާއިރު ހަތަރުކަޅި ހަމަކުރުން:

ވާހަކަ ދައްކާއިރު ބައިވެރިޔާގެ ލޮލަށް ބަލާލުމަކީ ތިމާ އަޅާލާ މިންވަރާއި އެމީހުން ދެކެ ލޯބިވާ މިންވަރު ދައްކުވައިދީ އެލޮލުން ތިބާގެ ހިތުގެ އަޑު އިއްވައިދޭފަދަ ކަމެކެވެ. އެހެންކަމުން ބައިވެރިޔާއާއި ވާހަކަ ދެއްކުމުގައި އޭނާއަށް ސަމާލުކަންދީ އޭނާގެ ސަމާލުކަން ހޯދާށެވެ. ވާހަކަދެއްކުމުގައި ބައިވެރިޔާގެ މޫނަށް ބެލުމެއްނެތި ވާހަކަ ދައްކާނަމަ ގާތްކަމުގެ އިހުސާސްނުކުރެވޭނެއެވެ. އަދި މިހެންވާނަމަ ބައިވެރިޔާ ތިބާއަށް އޮންނަ ސަމާލުކަން ގެއްލި މަޑުމަޑުން ދުރަށްދާން ފަށާފާނެއެވެ. ވީމާ ދިރިއުޅުމުގެ ވާހަކައެއް ދެއްކި ނަމަވެސް ފޯނުތައް އެއްފަރާތްކޮށްލައި ވާހަކަ ދައްކާށެވެ.

4 - އަބަދު ތިބާ ގާތުގައި ހުރުމަށް މަޖުބޫރު ނުކުރުން:

ބައިވެރިޔާ މަސައްކަތުގައި ނުވަތަ ކޮންމެވެސް ތަނެއްގައި ބުރަބޮޑުވެ، ގިނަ ވަގުތުތަކެއް ހޭދަވާނަމަ، ތިބާ ހަމަޖެހިލާށެވެ. އޭނާއަށް އިތުބާރުކޮށް ތިބާ ކުރަންހުރި ކަމަކާއިގެން ކުރިއަށްދާށެވެ. އަދި އޭނާ ނިމިގެން އަންނަދެން ޓެކްސްޓް ނުވަތަ ކޯލްތައްކޮށް އުނދަގޫ ނުކުރާށެވެ. ބައިވެރިޔާއަކީވެސް ތިބާއާއި ނުލައި އެކި ކަންކަމުގައި މަޝްއޫލުވެ އުޅޭނެ މީހެކެވެ. އެކަންކަމާއި ތިބާ ރުޅިއިސްކޮށް ހަދާނަމަ އޭނާ ތިބާ މަތިން ފޫހިވާނެއެވެ. ވީމާ، މިވަގުތުތަކުގައި ތިބާއަށް ކުރެވިދާނެ ކަމެއް ހޯދައި އެކަމެއްގައި މަޝްއޫލުވެލާށެވެ. އޭރުން އޭނާގެ ވަގުތަށް ތިބާ އިހުތިރާމް ކުރާކަން އޭނާއަށް އިހުސާސްވާނެއެވެ.

5 - ބައިވެރިޔާއާއި ވާހަކަ ދެއްކުމުގައި އަތުގައި ހިފާލުން:

ވާހަކަ ދައްކާއިރު ނުވަތަ ކަމަކާއި މަޝްވަރާކުރާއިރު، ގުޅުން ބަދަހިކޮށްދޭފަދަ އޯގާތެރިކަމުގެ ކުދި ކުދި އިޝާރާތްތައް ބޭނުން ކުރެވިދާނެ އެވެ. އޭގެ ތެރޭގައި އަތުގައި ހިފައިގެން ވާހަކަ ދެއްކުމާއި، ވާހަކަ ދެއްކުމާއި އެކަކު އަނެކަކަށް ހިނިތުންވެލުމާއި ހަރުކަށިގޮތްތައް ދޫކޮށްލުން ހިމެނެއެވެ. މިކަންކަމަކީ ކުދިކުދިކަންކަން ކަމުގައި ހީވިނަމަވެސް މިފަދަ ކަންކަމަކީ ދެމީހުންގެ މެދުގައި ގުޅުން ބަދަހިކޮށްދޭ އަދި އެކަކު އަނެކަކު ދެކެވާ ލޯބި އިހުސާސްކުރުވައިދުނުމަށް މުހިންމު ކަމެކެވެ. އަދި ތިބާ މިހެން އާދަކޮށް ކަންތައް ކުރާނަމަ ބައިވެރިޔާވެސް އެފަދައިން ކަންތައް ކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ބައިވެރިޔާ

03-Nov-2023

ތިދެއްކުނީ ހަމައެކަނި އެއްފަރާތުގެ ވާހަކަ, ޙަމަ ތިއުސޫލުން އަނެއްމީހާވެސް ގޭތެރޭގާ ވަރަށް ބުރަކޮށްއުޅޭނެ އަދި ރަނގަޅަށް ވިއްޔާ ދަރީންތަކެއްވެސް ބަލާ ތަރުބިއްޔަތު ކުރާނެ, ބައިވެރިޔާގެ އެއްފަޅިން ވާހަކަދެއްކުމަކީ އިންސާފުކަމަކަށް ނުދެކެން އޮފީހުގާއުޅޭ ބައިވެރިޔާއަށްވުރެ ގޭގާއުޅޭބައިވެރިޔާ މާ ބިޒޫވެފަ ތެންސަންވެސް ބޮޑުވާނެ, ލޮލަށް ބެލިއަސް އަދި އަތުގާހިފާލިަސް ހިނިއަޔަސް އަދި އެހެންގުޅުމެއް ބޭއްވިއަސް ތިވައްތަރުގެ ބިޒީވާމީހުން އެ އުސޫލެއް ނުހުއްޓޭނެ, އެއީ އާދައިގެ ބިޒީއެއްނޫން.



ޓްރެންޑިން