ބައިވެރިޔާގެ ފަރާތުން ތައުރީފު ލިބުމަކީ ކޮންމެ މީހަކުވެސް އެދޭނެ ކަމެކެވެ. އަދި އެއީ ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކޮށްދޭ އަދި ބައިވެރިޔާ ތިބާގެ މައްޗަށް އޮންނަ ލޯބި ހާމަކޮށްދޭވެސް ކަމެކެވެ. އަދި މިއީ ތިބާގެ ނަފްސާނީ ދުޅަހެޔޮކަމަށް ނުހަނު މުހިންމުވެސް ކަމެއްމެއެވެ. ނަމަވެސް ބައިވެރިޔާ ތައުރީފުކުރުމުގައި ބައެއްފަހަރު ތިބާއަށް ކެހިދޭކަން އެނގޭހެއްޔެވެ؟ ތިބާއަށް އޮޅުވާލައިގެން އޭނާ ތައުރީފުކުރުމުގައި ގެންގުޅޭ ތަފާތު އުކުޅުތަތަކީ ތިބާގެ ސިކުނޑިއާއި ކުޅެލުމަށް ބޭނުންކޮށްލާ އުކުޅުތަކެކެވެ.

ތިރިގައި މިވަނީ މިފަދަ ބައިވެރިން އެމީހުންގެ ތައުރީފުތައް އަމުނާލުމުގައި ބޭނުންކުރާ ބައެއް ކެހިވެރިގޮތްތަކެވެ.

1. ހަމައެކަނި ކަމެއް ބޭނުންވުމުން ތައުރީފުކުރުން:

މިއީ ވަރަށް އާއްމުކޮށް މަކަރުވެރިކަން ފަރުދާވެފައިވާ ބާވަތުގެ ތައުރީފުކުރުމެކެވެ. ތިބާއަށް ފެންނާނީ ބައިވެރިޔާ ނުހަނު ލޯބިން ތިބާއަށް ރިވެތި ބަސްތަކުން ތައުރީފުކުރާ މަންޒަރެވެ. އަދި އެއާއެކު އެވަގުތުގައި އެހައިމެ ލޯބި އިހުސާސްވެސްކޮށްދޭނެއެވެ. ނަމަވެސް ވިސްނާލާށެވެ. އެންމެފަހުން ބައިވެރިޔާ ތިބާއަށް ތައުރީފު އޮއްސާލީ ކޮންކަމަކަށް އެދެން ބޭނުންވީމައިތޯއެވެ؟ ނުވަތަ ކޮންމެ ފަހަރަކުވެސް އޭނާގެ ތައުރީފަށްފަހު ކޮންމެވެސް ކަމަކަށް އެދެއެވެ.

މިއީ ތިބާއަށް ހެޔޮއެދިގެން ކުރާ ތައުރީފެއް ނޫނެވެ. މިއީ ތިބާގެ ފައިދާނެގުމުގެ ބޭނުމުގައި އޭނާގެ އަމިއްލަ އެޖެންޑާއެއް އޮވެގެން ބުނެލާ ބަސްތަކެކެވެ. ތަކުރާކުކޮށް މިހެންވާނަމަ ތިބާ ހެއްލުމަކީ ފަސޭހަކަމެއްކަމުގައި އޭނާ ދެކޭނެއެވެ. އަދި މިއީ ވަގުތީ އުފަލެއްދީގެން ތިބާގެ ސިކުނޑިއާއި ކުޅެ، ތިބާގެ ހިތް އަތުލުމަށް ޖަހާ މަޅިއެކެވެ. އޭރުން ތިބާގެ އަމިއްލަ ނަފްސު ބަލިކަށިވެ އޭނާގެ މަޅީގައި ރަނގަޅަށް ބެދި އޭނާގެ އޮޅު ދޫންޏަކަށް ތިބާ ބަދަލުވެދެއެވެ.

މިކަމުން ސަލާމަތްވުމަށް ދެންފަހަރަކު އޭނާ ތިބާއަށް ތައުރީފުކުރާއިރު 3 ކަމަކަށް ސަމާލުވާށެވެ.



- ވަގުތު:

ކަމަކަށް އެދުމުގެ ކުރިން ތައުރީފު ކުރާނަމަ އެއީ ތިބާ އޭނާ އެދޭ ކަމަކަށް ވަގުތުން އާއެކޭ ބުނާނެ ކަމަށް ބަލައި ތިބާ އެވަގުތުގައި އުފާކޮށްލުމަށް ބުނާބުނުމެކެވެ. އެވަގުތު ތިބާ އުފަލުން ހުރުމުން އެބޭނުންވާ ކަމެއް ކޮށްދިނުމުގެ ޗާންސް ބޮޑުވާނެތީ މިގޮތަށް ކަންތައް ކުރަނީއެވެ.

- ރާގު/ބަސްތައް އަމުނާލާގޮތް:

ބައެއްފަހަރު ބައިވެރިޔާ ކުރާ ތައުރީފުތައް ދޮހޮއްކޮބޭގެ ލަވަތަކުގައި ހުންނަ އެމުނުންތަކަށްވުރެވެސް ފަށުވިހެން ތިބާއަށް ފާހަގަވާނެއެވެ. އެހައިވެސް އޮމާންވެފައި ރިވެތިކޮށް މިފަދަ ބައިވެރިން ތައުރީފުކުރަން ދަންނާނެއެވެ. ނަމަވެސް އަސްލު ހަޤީގަތަށް ތައުރީފު ކުރާ މީހުންގެ ތައުރީފަކީ ދޭތެރެއަކުން ތިބާ އެންމެ ޤަބޫލު ނުކުރާ ވަގުތު ތަކުގައިވެސް ލިބިދާނެ އެއްޗެކެވެ. އަދި އެއީ އެމީހުންގެ އަމިއްލަ ދުލުން އަންނަ އެމީހުންގެ ބަސްތަކެކެވެ. ތިބާގެ ބައިވެރިޔާ ތިބާއަށް ތައުރީފު ކުރުމަށް އެހެން މީހުންގެ ބުނުންތައް ނަގާ ކޮޕީކުރަން ވެއްޖެނަމަ ގާތީ އެއީ ތިބާ ހައްދާލަން ބުނާ ބަސްތަކަކަށް ވުމެވެ.

- ނުބައެއް އުޅޭކަމަށް އިހުސާސްވުން:

ގިނަފަހަށް ކަމެއް ގޯސްވާން އުޅޭނަމަ ހިތަށް އުނދަގޫތަކެއްވެ މުޅިހަށިގަނޑަށް ކޮންމެވެސް ސިގްނަލްތަކެއް ލިބެއެވެ. އެހެންކަމުން ބައިވެރިޔާ މިފަދަ ތައުރީފުތައް ބަންޑުން ކުރަންފެށުމުން މޭގުޑައި އުނދަގޫވާނަމަ އޭނާގެ ނިޔަތް ގިނަފަހަރު ރަނގަޅެއް ނުވާނެއެވެ. އަމިއްލަ ނަފްސަށް މިކަމުގައި ބަރޯސާވުން މުހިންމެވެ.

2. އޭނާ ތައުރީފުކުރުމުން ބަދަލުގައި ކަމެއް ކޮށްދޭންވާނެ ކަމަށް އިހުސާސްވުން:

ބައިވެރިޔާ ބައެއް ފަހަރު ބުނެފާނެއެވެ. " ތިއީ އަހަރެންގެ ދިރިއުޅުމުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ނިޢުމަތެވެ" މިހެން ބުނުމުން ތިބާވެސް އޭނާގެ މުހިންމުކަން އިހުސާސްކޮށްދޭން ބަސްތަކެއް ބުނުމަށް ނުވަތަ ކަންތައްތަކެއް ކޮށްދިނުމަށް ބޭނުންވާނެއެވެ. ނުވަތަ ނުބުނެވޭނަމަ ނުވަތަ ނުކޮށްދެވޭނަމަ ހިތަށް އުނދަގޫވޭނޫން ހެއްޔެވެ. އެހެނަނަމަވެސް ތިޔަގޮތަށް ހީވާނަމަ އެއީ އޭނާ ތިބާގެ ބޭނުން ހިފުމަށް ބުނެލާ ބަސްތަކެކެވެ. މެނިޕިއުލޭޓްކޮށް ތިބާގެ ފައިދާނެގުމަށް އުޅޭ މީހުން ބޭނުންވާނީ ތިބާއަކީ އޭނާގެ ދިރިއުޅުމުގައި ވަރަށް މުހިންމު މީހެއްކަމަށް ބުނެލުމަށެވެ. އޭރުން އެކަމުގެ ބަދަލުގައި އޭނާއަކީ ތިބާގެ ދިރިއުޅުމުގައި މުހިންމު މީހެއްކަމަށް ބަލާނެއެވެ. ހަޤީޤީ ލޯބިވާނަމަ އެކަކު އަނެކަކަށްވުރެ މިކަންކަމުގައި ކުރިއަރައިދާ ވިސްނުން ނުގެންގުޅޭނެއެވެ. ލޯތްބަކީ އެއްވެސް ކަމަކާއި ގުޅުވައި އޭނާ ކަމެއް ކޮށްދިނުމުން ތިމާ ބަދަލުދޭންޖެހޭކަމަކަށް ނުހަދާށެވެ. ކޮންމެ ކަމަކީވެސް ހިތުގެ އިޚުލާސްތެރިކަން އޮންނަންޖެހޭނެ ކަމެކެވެ.

3. ބުނާ އެއްޗަކާއި އުޅޭގޮތާއި ޚިލާފުވުން:

'އަހަރެންގެ ދިރިއުޅުމުގައި ތިޔަށްވުރެ މުހިންމު މީހެއް ނުހުންނާނެ" މިހެން ބުނެފައި ތިބާއަށް ވަގުތު ދިނުމުގައި ބައިވެރިޔާ ފަރުވާ ކުޑަކުރާނަމަ އެއީ ތިބާއަށް ހެޔޮއެދޭތީ ބުނާ އެއްޗެއް ނޫނެވެ. މިބަސްތަކަކީ އޭނާގެ ދިރިއުޅުމުގައި ބޭނުންވާ ހުރިހާ ގޮތަކަށް އުޅެފައި ތިބާ ޝަކުވާކޮށްފާނެތީ އެކަން ހައްލުކުރަން އަޅާ ބޭސްމަލަންކޮޅެއްފަދަ އެއްޗެކެވެ. އޭރުން އޭނާގެ އަމަލުތަކުން ޒަޚަމުވަމުންދާ ހިތުގައި ވަގުތީގޮތުން ހައްލެއް ހޯދައިދެވުނީކަމަށް އޭނާ ދެކެއެވެ. މިހެން ކަންތައް ކުރާނަމަ ބައިވެރިޔާއާއި ވާހަކަދައްކާށެވެ. އަދި އޭނާގެ ބަސްތަކަށް ހެއްލި އަސްލު މައްސަލަ ހަނދާން ނައްތާނުލާށެވެ.

4. ބޭރުގައި ތައުރީފުކޮށްފައި ގެޔަށް އައުމުން ކުރާ ރަނގަޅު އެއްކަމެއްވެސް ނުފެނުން:

ބައެއް ފަހަރު ބޭރުތެރޭގައި ބައިވެރިޔާ ކުރާ ތައުރީފުތައް ގިނަވުމުން ރަކިވެ ލަދުގަންނަހާވެއެވެ. ނަމަވެސް އެއްކަލަ މީހާ ގެއަށް އާދެވުމުން ރާގު ބަދަލުވެ ތިބާ ކުރާ އެއްވެސް ރަނގަޅު ކަމެއް ނުވާކަމަށް އިހުސާސްކުރެވޭހާ ގޮތްތަކަށް ބަސްބުނެއެވެ. އެހެންކަމުން ތިބާ ހުންނަން މިޖެހެނީ އޮޅުން ބޮޅުމެއްގެ ތެރޭގައެވެ. 'ބައިވެރިޔާއަށް ތިބާ ކަމުދޭ ހެއްޔެވެ. ނުވަތަ ކަމުދާ އެއްކަމެއްވެސް ނެތީ ބާއެވެ.' މިފަދަ ޚިޔާތުތައް ސިކުނޑީގައި އެނބުރެނީ ހަޤީގަތުގައި ތިބާގެ ބައިވެރިޔާ ތިބާ ކޮންޓްރޯލް ކުރުމަށް ތިބާގެ އިހުސާސްތަކާއި ކުޅެލާތީއެވެ.

5. ތައުރީފު ކުރިނަމަވެސް އެހެން މީހުންނާއި އަޅާކިޔުން:

ބައެއް ފަހަރު ބޭރުތެރޭގައި ތައުރީފު ކުރާއިރުވެސް އެހެން މީހަކާއި އަޅާ ކިޔާފާނެއެވެ. "އަހެން ކުރިން ގެންގުޅުން މަންޖެއަށްވުރެ ތިބާ މާރަނގަޅެވެ." "ތިބާގެ ކެއްކުން ކަމުދެއެވެ. އެހެންނަމަވެސް އަހަރެންގެ މަންމަ ކައްކާގޮތަށް ކައްކަން އާދަކުރާށެވެ". "ތިބާ އެހެން ހުރިހާ ކުދިންނަށްވުރެ ތަފާތެވެ"

ލޮބުވެތި ކިޔުންތެރީންނޭވެ! ބައިވެރިޔާ ތިބާއަށް މިގޮތަށް ތައުރީފު ކުރަނީ ތިބާއަށް ރަނގަޅަކަށް ކަމަށް އެމީހުން ބުނާނެއެވެ. ނަމަވެސް ބުނެދެމެވެ. މީގެ ފަހަތުގައި ވަނީ އެމީހުންގެ މަކަރުވެރި ރޭވުމެކެވެ. އެމީހުން ބޭނުންވަނީ ތިބާގެ މައްޗަށް އިތުރު ޕްރެޝަރުތަކެއް އިތުރުކުރުމަށެވެ. އަދި ކަމެއް ގޯސްވާއިރަށް ތިބާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ކުޑަކުރުމަށެވެ. ތައުރީފު ހޯދުމަކީ ބައިވެރިޔާގެ ރުހުން ހޯދުމަށް މަސައްކަތްކުރުމަށް މަޖުބޫރުކުރުވާ ޓްރޮފީއެއް ނޫނެވެ. އެހެން މީހުންނާއި ތިބާ ވާދަކޮށް ކަންކަން ކުރަން ވެއްޖެނަމަ ތިބާގެ ދިރިއުޅުމުގައި އުފަލެއް ނޯންނާނެއެވެ. އަބަދުވެސް އުޅެން ޖެހޭނީ ކޮންމެވެސް މީހަކާއި އަރައި ހަމަނުކުރެވިގެން އެކަމުގެ ސްޓްރެސް ބޮލަށް ލައިގެންނެވެ.

6. ތައުރިފުކުރުމުގައި ބޭރުފުށުގެ ކަންކަމަށް މާބޮޑަށް ސަމާލުކަން ދިނުން:

"ތިހާ ރީތި ކުއްޖަކު ހަޔާތަށް ގުޅޭނެކަމަށް ހީނުކުރަމެވެ" "އަހަރެން އަބަދުވެސް އަގުބޮޑު ރެސްޓޯރެންޓްތަކަށް ގެންދާތީ ވަރަށް އުފާވެއެވެ" މިފަދަ ބަސްތަކަކީ ތިބާގެ ހުރި ރަނގަޅު ސިފަތަކަކަށް ނުވަތަ މީހާގެ ދިރިއުޅުމަށް މާމުހިންމު ބަސްތަކެއް ނޫނެވެ. މިފަދަ ބަސްތަކުން ތައުރީފު ކުރާ މީހުން ތިބާ ދެނެގަނެ ތިބާގެ ކިބައިގައި ހުރި ރަނގަޅު ކަންކަން ފާހަގަ ކުރަން ބޭނުމެއް ނުވާނެއެވެ. އެހެންކަމަށްވާނަމަ ބައިވެރިޔާއަކީ ހަޤީގަތުގައި އަގެއް ނެތް މީހެކެވެ. އޭނާ ތިބާއާއިއެކު އުޅެނީ އެމީހުންގެ އަމިއްލަ ބޭނުމަކަށްޓަކައެވެ. ލޯބިވާތީއެއް ނޫނެވެ.

7. މައްސަލަހައްލުކުރުމުގެ ބަދަލުގައި އެކަމެއް އޮއްބާލުން:

ތައުރީފަކީ ދެމީހުންގެ ދެމެދުގައި ދެކެވެމުންދާ ވާހަކަތަކުގެ ސަމާލުކަން އެކަމަކުން ނަގާލަން ބޭނުންކުރާ އުކުޅެކެވެ. ބައެއްފަހަރު ބައިވެރިޔާ ތިބާ ނުރުހޭ ކަމެއް ކޮށްފައި ގެއަށް އަތުވެއްޖެނަމަ ތިބާއަށް ތައުރީފު ކުރުން ގިނަވާނެއެވެ. އެއީ ތިބާ ނުރުހޭ ކަންތައް މަތިން ހަނދާން ނައްތާލައި ތިބާގެ ސަމާލުކަން އެކަމުން ނަގާލުމުގެ ބޭނުމުގައި ކުރާކަމެކެވެ. ވީމާ، ތިބާއަށް މިފަދަ ކަމެއް ފާހަގަވުމުން އެކަމަކާއި ބެހޭގޮތުން ވާހަކަ ދައްކައި ކަންކަން ހައްލު ކުރުމުން ދުރުހެލިނުވާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން