އުފާވެރިކަމަކީ މީހާގެ ދިރިއުޅުން އުޖާލާކޮށްދޭ ތަޅުދަނޑިއެވެ. އެކި މީހުންނަށް އެކި ކަންކަން ކުރުމުން އުފާވެރިކަން ލިބިގަނެވޭއިރު މިއީ ދިރިއުޅުމުގައި މީހާގެ ނަފްސު ޒުވާންކޮށްދީ ހިތް މަރުނުވެ ދެމިހުރުމަށް ކުރަން އެންމެ މުހިންމު ކަންތަކެވެ. އުމުރުން ދުވަސްވާވަރަކަށް ދޮށީ އުމުރުގެ ހަރު ވިސްނުންތައް ކުރިއަށްނެރެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ސީރިޔަސްވެގެން އުޅެން ފެށުމުން ތިބާގެ މޫނުން ގެނެސްދޭ އުފާވެރިކަމުގެ ހިނިތުންވުން ގެއްލިދާނެއެވެ.

ތެދެކެވެ. ކަންކަމާއިމެދު ފިކުރުކުރުމަކީ ކުރަންޖެހޭނެކަމެކެވެ. އެހެންނަމަވެސް ކޮންމެވެސް ވަގުތުތަކެއްގައި އެކުގައި އުޅޭ މީހުންނާއިއެކު ހީސަމާސާކޮށް އުފާވެރިވަގުތުތަކެއް ދިރިއުޅުމުގައި ހިމަނާލުމުން ތިމާގެ މުޅިހަށިގަނޑަށް ތާޒާކަން ލިބި، ޒުވާންކަމުގެ އިހުސާސްއާވެގެންދާނެއެވެ.

ހިތްޒުވާން މީހުން ދިރިއުޅުމުގައި ސަމާލުކަންދެނީ ކޮންކަންކަމަކަށް؟

1. އާއިލާއާއި ރައްޓެހިންނާއިއެކު ވަގުތު ހޭދަކުރުން:

ދިރިއުޅުމުގައި ނަގަންޖެހޭ ޒިންމާތަކާއި ކުރަންޖެހޭ ކަންތައްތައް ގިނަވުމުގެ ސަބަބުން މީހާގެ މޫނުމަތި މިލާ މޯޅިވުމުގެ ކުރިން އެފަދަ މީހުން އާއިލާއާއި ރައްޓެހިންނަށްވެސް އިސްކަންދޭނެއެވެ. ދިރިއުޅުމުގެ ހުރިހާ ކަމަކީ ފައިސާއާއި ވަޒީފާ ނޫންކަން އެމީހުން ދަންނާނެއެވެ. އެހެންކަމުން ވީވަރަކުން ރައްޓެހިންނާއި އާއިލާއާއިއެކު ވަގުތު ހޭދަކޮށް މަޖާކުރުމަށް ބާބަކިއު ހެދުމާއި ޕިކްނިކު ދިއުންފަދަ ކަންކަމަކީ އެފަދަމީހުން ނުހަނު ގަޔާވާނެ ކަމެކެވެ. އެއީ އެމީހުންނާއެކު ވަގުތު ހޭދަކުރުމަށް އެފަދަ މީހުންނަށް ލިބިގެންދާ ރަނުގެ ފުރުޞަތެކެވެ.

2. ޤުދުރަތީ ރީތި މަންޒަރުތައް ދެކެލަން ދިއުން:

އަބަދު ގޭތެރޭގައި ނުވަތަ ވަޒީފާގައި އެހޭދަކުރާ ވަގުތު ހަތަރު ފާރުތެރޭގައި މީހާ ބަންދުވެފައިވާ ކަމުގެ އިހުސާސްކުރެވެއެވެ. އެހެންކަމުން ހާމަ އުޑު ފެންނަ ހިސާބަށް ބޭރުތެރެއަށް ނުކުމެލާ ފިނިވައިގެ އިހުސާސް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ ސަބަބުން މީހާގެ ސިކުނޑި ތާޒާވެ، ފުނިޖެހިފައިވާ ސްޓްރެސްއިންވެސް ލުޔެއް ލިބިގެންދާނެއެވެ. އަދި ހަމައެހެންމެ ބޭރު ތެރެއަށް ނުކުމެލުމުން އެހެން މީހުންނާއި ބައްދަލުވެ އައު އެކުވެރިންވެސް ލިބުން އެކަށީގެންވެއެވެ.

3. 'އެކްޓިވް' ކޮށް އުޅުން:

މީހާގެ ހަށިގަނޑު ވަރުގަދަކޮށް އަދި 'ފިޓު'ކޮށް ހުރުމުން ކޮންފިޑެންސް އިތުރުވެ މީހާގެ ޞިއްހަތަށާއި މޫޑަށް ރަނގަޅު ބަދަލުތަކެއް އަންނާނެއެވެ. ކޮންމެހެން ޖިމަކަށް ނުދިޔަނަމަވެސް ކޮންމެ އުމުރެއްގެ މީހަކަށްވެސް ޤަވައިދުން ދުވަން ދިއުމާއި އެކިއެކި ކަސްރަތުތައް ކުރުމަށް ވަގުތު ހޯދައިގެން އެކަން ދުވަހުގެ ތާވަލުގައި ހިމެނިދާނެއެވެ.

4. ހުސްވަގުތުގައި އެކިއެކި ކަންކަން ކުރުން:

ހުސްވަގުތުގައި ކޮފީތަކުގައި އަބަދު އުޅުމުގެ ބަދަލުގައި ހިތްހަމަ ޖެހޭފަދަ ކޮންމެވެސް ކަމެއް ކޮށްލުމަކީ ހިތް ޒުވާން މީހުން އިސްކަންދޭނެކަމެކެވެ. މިފަދަ މީހުން ދިރިއުޅުމުގައި އަބަދުވެސް އިސްކަންދޭނީ އައު ކަންކަން ދަސްކުރުމަށާއި ދިރިއުޅުމުގައި ތަފާތު ކަންކަން ހިމެނުމަށެވެ. މިގޮތުން ޔޫޓިއުބުން އެކިކަންކަން ދަސްކުރާ މީހުންވެސް އުޅެއެވެ. އަދި ދުނިޔޭގެ އެކި ޤައުމުތަކުގެ ބަސް ދަސްކުރާ މީހުންވެސް އުޅެއެވެ. ކޮންމެއަކަސް އައު ކަންކަން ދަސްކުރުމުން ދިރިއުޅުމަށް ގިނަ ބަދަލުތަކެއް އައިސް ދިރިއުޅުމުގައި އެކި ކުލަޖެހި ރަހަތަފާތުކޮށްދެއެވެ.

5. އެހެން މީހުންނަށް ހޭދަކުރުން:

ޒިންމާތަކުން މީހާގެ ބޯހާސްވެފައިވާ މީހާވެސް އެހެން މީހަކަށް ކޮށްދޭ ކަމެއްގެ ސަބަބުން ނުވަތަ ދޭ ހަދިޔާއެއްގެ ސަބަބުން އެ ހަދިޔާ ދެވޭ މީހާގެ ދިރިއުޅުމަށް ރަނގަޅު ބަދަލުތަކެއް އައިކަމުގެ އިހުސާސްވުމަކީ ދިރިއުޅުން އުފާވެރިކޮށްދީ ތިމާގެ ދިރިއުޅުމުގައި އަމިއްލަޔަށް އަގުވަޒަންކުރެވޭނެ ކަމެކެވެ. އެހެންކަމުން އެހެން މީހުން ބޭނުމެއް ޖެހިފައިވާހިނދުގަޔާއި އާދައިގެ މަތީން ކަންކަމުގައި އެހީތެރިވެ އެހީފޯރުކޮށް ދިނުމަކީ ވެސް ތިމާ މީހާއަށް ނުހަނު ބޮޑު އުފަލަކާއި ހިތްހަމަޖެހުން ލިބިދެވޭ ކަމެއް ކަމުގައި ހިތް ޒުވާންކަންމަތީ ތިބޭ މީހުން ދެކޭނެއެވެ. އަދި އެފަދަ މީހެއްގެ ކިބައިން އެހެންމީހުންނަށް އޯގާތެރިވުމާއި އަޅާލުން ފެނިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން