ފިރިމީހާ ތިބާއަށް ބޭވަފާތެރިވުމުން އެކުގައި ނޫޅެވޭނެކަމަށް ނިންމައި އޭނާ ދޫކޮށްދާންވީ ކިހާހިސާބަކުންހެއްޔެވެ؟ މިއީ އަޅުގަނޑެންގެ ތެރެއިން ފިރިމީހާއަށް ވަފާތެރި އެހެންނަމަވެސް ނުރަނގަޅު ފިރިންނާއެކު މާޔޫސްކަމާއެކު ދިރިއުޅެމުންދާ ގިނަ އަންހެނުންނަށް ހިތުގައި އުފެދޭނެ ބޮޑު ސުވާލެވެ.

އަޅުގަނޑުގެ ސްކޫލް ދައުރުގެ އެކުވެރިޔަކު ދާދިފަހުން އަޅުގަނޑަށް ގުޅައި އޭނާގެ ޒަވާޖީ ހަޔާތުގެ ޝަކުވާ ކުރިއެވެ. މީގެ ކުރިންވެސް އޭނާގެ ފިރިމީހާއާއި ބެހޭގޮތުން ރަށުތެރޭގައި ނުރަނގަޅު އަޑުތަކެއް ވަނީ ފެތުރިފައެވެ. އެހެންނަމަވެސް އެކުވެރިޔާ ގަސްތުކުރީ ދެމީހުންގެ ދެމެދުގައި ދަރިޔަކު ހުރެފައި އޭނާގެ ލޯބީގެ ހައްޤުގައި ފިރިމީހާއަށް އިތުރު ފުރުޞަތުތަކެއް ދޭށެވެ. ނަމަވެސް، ފިރިމީހާގެ އުޅުން އިސްލާހުވާތަނެއް ނުފެނެއެވެ. އެކުވެރިޔާ ގޮތްހުސްވެގެން ކޮންމެ ފަހަރަކުވެސް ފިރިމީހާ ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާގެ ނަންބަރު ހޯދައިގެން އޭނާއަށް އެއްޗެތިގޮވައި އެތައް އާދޭހެއް ކުރެއެވެ. މިކަންކަމުގެ ތެރެއިން މީހާގެ މިޒާޖާއި ނުގުޅޭ އެތަކެއް ކަމެއް ފިރިމީހާގެ ލޯބީގެ ހައްޤުގައި މަޖުބޫރުވެގެން ކުރަންޖެހުނު ވާހަކައާއި އަދި އަމިއްލަ ނަފްސުދެކެ ލަދުގަންނަ ވާހަކަ އޭނާ ކިޔައިދިނެވެ.

އެހެންނަމަވެސް ދަރިފުޅަށްޓަކައި އަދި ފިރިމީހާ ދެކެވާ ލޯއްބެއްގެ ބޮޑުކަމުން އެކައިވެނި ރޫޅެން އެކުވެރިޔާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ޢުމުރު ދުވަހުވެސް އެކުގައި ދިރިއުޅޭށެވެ. ފިރިމީހާ އިސްލާޙުވެދާނެ ކަމުގެ ފޮނި އުއްމީދާވެސް އެކުގައެވެ. އޭނާގެ މިޒާޖާ ނުގުޅޭ ކަންކަން މިހާރު އެކުރަނީ އެހެންވެގެންނެވެ.



އެހެންނަމަވެސް ސުވާލަކީ ތާއަބަދު ފިރިމީހާގެ ފާރަވެރިޔަކަށްވެގެން އުޅެވޭނެ ބާއެވެ؟ ދެމަފިރިންގެ ހަނގުރާމަޔަކަށް ދިރިއުޅުން ބަދަލުވެ އެކަކު އަނެކަކަށް އިހުތިރާމް ކުޑަވެ، މުދަލާއި ގެދޮރަށްވެސް ގެއްލުންދެމުން އެކަކު އަނެކަކަށް ޖެއްސުން ކުރަމުން ދިރިއުޅެވިދާނެ ހެއްޔެވެ؟ އެގޮތަށް ކައިވެންޏެއްގެ މަތީގައި ދެމިހުރެ އެކަކު އަނެކެއްގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ލިބުމަށްވުރެ ދުރުވުން މާރަނގަޅު ނޫންހެއްޔެ؟ އަޅުގަނޑު އަޅުގަނޑުގެ އެކުވެރިޔާއަށް ވަކި ސީދާ ޖަވާބެއް ނުދެމެވެ. އެހެންނަމަވެސް އޭނާގެ ޝަކުވާތައް އަޑުއެހުމަށްފަހު މިކަމާއިމެދު ވިސްނާލަން ބޭނުންވިއެވެ. އަދި މިމައުލޫއާއި ބެހޭގޮތުން ކޮންމެވެސް ވަރަކަށް އެހެން މީހުންގެ ޚިޔާލުތައް ހޯދައިލީމެވެ. ތިރީގައި މިވަނީ މިކަމާއި ބެހޭގޮތުން އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުތަކުގެ ޚުލާސާއެކެވެ.

ދުރުވާންތޯ ނުވަތަ އެކުގައި އުޅޭނީތޯ ކުރެވޭ ސުވާލުގައި ތިރީގައިވާ 5 ކަމަކަށް ވިސްނާލާށެވެ.

1. ފިރިމީހާ އެކަމަށް އިޢުތިރާފްވެ މާފަށްނޭދުން:

ކުށެއް ކުރުމުން އިޢުތިރާފް ނުވާ މީހާއަށް ދުވަހަކުވެސް އެކަމަކުން ދުރަށް ނުދެވޭނެއެވެ. ސަބަބަކީ ކުށްކުރެވުމުން ފުރަތަމަ ޖެހޭނީ އަމިއްލަޔަށް އެކުރެވުނު ކުށް ޤަބޫލުކުރާށެވެ. ވީމާ ފިރިމީހާ އެއީ ކުށެއް ކަމަށް ޤަބޫލުނުކުރާނަމަ އަދި ތިބާގެ ކިބައިން މާފަށް ނޭދޭނަމަ ތިޔަ ކަން އަދިވެސް ތަކުރާރުވާނެކަން ދަންނާށެވެ. އެހެންކަމުން މާފަށް ނޭދޭ ކުށް ޤަބޫނުކުރާ މީހަކު އިސްލާހުވެ، ތިބާއާއިއެކު އުފާވެރި ދިރިއުޅުމެއް ބިނާކުރުމުގެ ޤާބިލުކަން އޭނާގެ ކިބައިގައި ހުންނާނެތޯ ތިބާ އަމިއްލަޔަށް ނިންމާށެވެ.

2. ދެމީހުންގެ މައްސަލަ ހައްލުކުރުމަށް ތިންވަނަ މީހެއްގެ އެހީތެރިކަން ބޭނުންނުވުން:

ދިވެހިންނަކީ ކައުންސިލިންނެގުމާއި ދުރުބައެކެވެ. އެހެންނަމަވެސް ތަންދޮރު އޮޅުންފިލާ ކިޔަވައިގެން ހުރި ތިބާގެ ފިރިމީހާ އެކަމަށް އިންކާރު ކުރަނީ ތިބާއާއި އޭނާއާއިމެދު މިހިނގާ ހަނގުރާމައަށް ނިމުމެއް ގެންނަން ބޭނުންނުވާތީއެވެ. އޭނާއަށް ބޭރުތެރެއިން ލިބޭ އުފާ ތިޔަ ދެމީހުންގެ ދެމެދުގައި ހުރި މައްސަލަތައް ހައްލު ކުރުމަށްވުރެ މުހިންމެވެ. ޕްރޮފެޝަނަލް ކައުންސިލިން ނޫނަސް އާއިލާ މީހަކާއި ބައްދަލުކޮށް ކަންކަން ހައްލުކުރުމަށްވެސް ފިރިމީހާ ބޭނުންނުވާނަމަ ދެން އިތުރަށް ތިބާއަށް ތިޔަ ކައިވެނީގައި ކަމެއް ހައްލުކުރުމަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އެހެންކަމުން މިއީވެސް ވިސްނާލަންޖެހޭ ނުކުތާއެކެވެ.

3. ޒަވާޖީ ހަޔާތް އާބާދުކުރުމަށް މަސައްކަތް ނުކުރުން:

ތިބާގެ އެތައް އާދޭހަކަށްފަހު ފަހަރުގައި ފިރިމީހާ ކައުންސިލިން ނެގުމަށް އެއްބަސްވީއެވެ. ނުވަތަ އާއިލާގެ މީހަކާއި ބައްދަލުކޮށް ކަންކަން ހައްލުކުރުމަށް ވާހަކަ ދައްކައިފިއެވެ. ނަމަވެސް އެފަރާތުން ދިން ނަސޭހަތް ޤަބޫލުކޮށް އުޅުން އިސްލާހުކުރުމުގެ ބަދަލުގައި ހަމަ ކުރިން އުޅުނު ގޮތަށް އުޅޭނަމަ ނުވަތަ ރަނގަޅުވާން އެއްވެސް ވަރަކަށް މަސައްކަތް ނުކުރާނަމަ ތިޔަ ކުރަނީ ބޭކާރު މަސައްކަތެކެވެ. ތިޔަކަމުގައި ހޭދަވަނީ ތިބާގެ ހަކަތައާއި އުމުރުން ނަގާލެވޭ ދުވަސްތަކެކެވެ.

4. ރައްޓެހިވެގެން އުޅުނު ކުއްޖާއާއި ގުޅުން ކަނޑައިނުލުން:

ތިމަން އިސްލާހުވެއްޖައީމެ ބުނެ ތިބާ ހިތްހަމަ ޖައްސާލަން އެހެން ބުނެފައި އެކުއްޖާއާއި ބައްދަލުވާނެހެން ހީވާ މީހުންނާއިއެކު އުޅުމާއި އެފަދަ ތަންތަނަށް ގަސްތުގައި ދިއުމަކީ މިފަދަ ފިރިހެނުންގެ އާދައެކެވެ. އާދަވެފައި ހުރި ލައިފްސްޓައިލެއްކަމުން އެކަންކަމުން އޭނާއަށް ދުރުވަން އުނދަގޫވެދާނެއެވެ. އެހެންނަމަވެސް ވާހަކަ ނުދައްކާނަމޭބުނެފައި ލިބޭ ކޮންމެ ފުރުސަތެއްގައި އެކުއްޖާއާއި ވާހަކަ ދައްކާނަމަ ފިރިމީހާގެ ނިޔަތް ރަނގަޅެއް ނޫނެވެ. އަދި އަބަދު އެގޮތަށް ތަކުރާރުވާނަމަ އެކަން އިސްލާހު ކުރުމަކީ ނާދިރު ކަމެކެވެ.

5. ދޮގުހެދުން:

ދޮގުހަދާ މީހުންނާއިއެކު ދިރިއުޅެން ގަސްތުކުރާނަމަ އެންމެ އެކަށީގެންވަނީ ދިރިއުޅުމުގައި ފިރިމީހާއަށް އޮންނަންޖެހޭ އިތުބާރު ގެއްލުމެވެ. އަދި އިޙްތިރާމުކުރަން އުނދަގޫވުމެވެ. އަދި އަބަދުހެން ފިރިމީހާ ކުރާ ހުރިހާ ކަމަކަށް ފާރަލަމުން އޭނާގެ ފަސްފަހަތުން އުޅެންޖެހުމެވެ. އަމިއްލަ ނަފްސަށް އިޙުތިރާމުކުރާ އެއްވެސް މީހަކަށް ދުނިޔެ އުމުރު މިހެން އުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ޒަވާޖީ ޙަޔާތަކީ ދުނިޔޭގައި ދިރިއުޅުމުގައި އުފާވެރިކަން ހޯދުމަށް، ވަރަށް މަތިވެރި މާތް މަޤްޞަދަކާއި ޙިކުމަތަކާއެކު އެކުލަވައިލައްވާފައިވާ ކައިވެނީގެ ގުޅުމަކުން ﷲ ސުބްހާނަހޫ ވަޠަޢާލާ ކަނޑައެޅުއްވި މެގެވެ. ވީމާ، ކައިވެނީގެ އަގުދުގައި ތިބޭ ދެމީހުންވެސް އެކަކު އަނެކަކަށް ވަފާތެރިވާންވާނެއެވެ. އަދި އެކަކަށްވެސް ނުބައި ފިޔަވަޅެއް އެޅިއްޖެނަމަ އެކަން ހައްލު ކުރުމަށް އަނެއް މީހާގެ ފަރާތުން އެހީތެރިކަން ހޯދައި ދިރިއުޅުމަށް ހިޔަނި ނޭޅޭހެން ކަންކަން ނިންމަންވާނެއެވެ.

ފިރިހެނުން ގިނަ އަނބިންތަކެއް ހޯދުންވަނީ ވަކި ޝަރުތުތަކަކާއިއެކުއެވެ. ވީމާ ކައިވެނިން ބޭރުގައި އެހެން އަންހެނުން ގެންގުޅެ އަނބިމީހާއަށް ދެރަ ދިނުމުގެ ބަދަލުގައި ރަނގަޅު ގޮތުގައި ކައިވެނި ކުރާށެވެ. ނުވަތަ ދެމީހުންގެ މައްސަލަތައް ހައްލުނުވާނަމަ ބޭރުތެރެއިން އެހެން މީހުން ހޯދުމުގެ ބަދަލުގައި، އެކުގައި ނޫޅެވޭނެކަމަށް ނިންމައި އަނބިމީހާ ވަރިކުރުމަށްފަހު އެހެން މީހަކު ހޯދައިގެން ކައިވެނިކުރާށެވެ. ތިޔަހެން ކަންތައް ކުރުމުގައި ދެމިހުރެ އެކަކު އަނެކަކަށް ގެއްލުން ދިނުމަށްވުރެ އެގޮތް މާރަނގަޅެވެ.

އަޅުގަނޑުގެ އެކުރެވިޔާފަދަ މިކަން ތަހައްމަލުކުރާ ހުރިހާ އުޚުތުންނަށް ބުނެލަންބޭނުންވަނީ ފިރިމީހާގެ މިކަންކަން އިސްލާހު ކުރަން ކުރެވެން ހުރިހާ މަސައްކަތެއް ކޮށްފައި ދެންވެސް އިސްލާހުނުވާނަމަ ދުރުވާން ވިސްނުމަކީ އަމިއްލަ ނަފްސަށާއި އަދި ފިރިމީހާއަށްވެސް އެންމެ ރަނގަޅު ގޮތެވެ. އަދި ފިރިމީހާ ދެވަނަ އަންބެއް ޚިޔާރުކުރަން ބޭނުންވާނަމަ އެކަމަށް ތިބާއަށް ކެތްތެރިނުވެވޭނަމަ އެކަމާއި ދެމީހުންގެ ދެމެދުގައި މަޝްވަރާކޮށް ތިބާގެ ޚިޔާލުފާޅުކޮށް ގޮތް ނިންމާށެވެ. ނަމަވެސް އަބަދު ފިރިމީހާއަށް ފާރަލަމުން އުޅުން ދޫކޮށްލައި އަމިއްލަ ނަފްސަށް އިސްކަންދޭށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން