މަރިޔަމް ލަމްޙާ ރަޝީދު   26 އޮކްޓޯބަރު 2023 - 14:50
ދޮޅަހެޔޮ ޞިއްޙަތެއްގައި ތިމާ ދެމިހުރުމަށް އެދޭނަމަ، ހެނދުނުހެނދުނާ ކޮފީބުއިމުގެ އާދަ ދޫކޮށްލުމަށްފަހު ފޮނިތޮށި ފެން ބުއިމަކީ ފަސޭހަކަމާއެކު ކުރެވިދާނެ ކަމެކެވެ. ފޮނިތޮށްޓަކީ ބަދިގޭގައި އާއްމުކޮށް ގެންގުޅޭ ބާވަތަކަށްވާއިރު، އަދި މިއީ ހަށިގަނޑަށް ގިނަގުނަ ފައިދާތައް ލިއްބައިދޭ އެއްޗަކަށްވާއިރު މީގެ ފެންތަށްޓެއް ނުބޯންވީ އެއްވެސް ސަބަބެއްނެތެވެ.

ކޮންމެ ބަދިގެއެއްގެތެރޭވެސް ފޮނިތޮށި ކުނޑިވެސް ހުންނާނެއެވެ. ހޫނު ފެންތަށީގެ ތެރެއަށް ސައިގިރާހެން ސައިފަތުގެ ބަދަލުގައި ފޮނިތޮށި ޕައުޑަރު ކުޅެއް އަޅައިގިރާލުމުން ފޮނިތޮށިފެންތަށްޓަކަށް ފުދޭނެއެވެ. އެހާވެސް ފަސޭހަ ކަމެކެވެ. އެހެންކަމުން ދެން މިބަލާލަނީ ފޮނިތޮށި ފެން ބުއިމުން ލިބިދޭ ފާއިދާއަށެވެ.

ފޮނިތޮޑިފެނުން ލިބިދޭ ޞިއްޙީ ފައިދާތައް





1. ލޭގައި ހުންނަ ހަކުރުގެ މިންވަރު ރެގިއުލޭޓް ކުރުން؛

ފޮނިތޮށީގައި އެންޓިބައޮޓިކް މާއްދާތަކާއި އެންޓި އޮކްސިޑެންޓް އަދި އެންޓި އެންފްލެމޭޓަރީ މާއްދާތައް ހިމެނެއެވެ. މިއީ ހަށިގަނޑުގެ އާއްމު ޞިއްހަތު ދުޅަހެޔޮކަންމަތީގައި ބެހެއްޓުމަށް މުހިންމު މާއްދާތަކެކެވެ. އަދި މީގެ ސަބަބުން 'ބްލަޑް ޝުގަރ' ނުވަތަ ލޭގައި ހުންނަ ހަކުރުގެ މިންވަރު ހަމަޖައްސައިދެއެވެ.



2. ހަޖަމުވުމަށް ފަސޭހަކޮށްދިނުން؛

ފޮނިތޮށިފެނަކީ ބަނޑު ހަރުވުމާއި ބަނޑުގައި އުފެދޭ ހަޖަމުގެ މައްސަލަތަކަށްވެސް ހައްލު ލިއްބައިދޭ ބުއިމެކެވެ. ފޮނިތޮށީގައި ހިމެނޭ އެންޓި އންފްލެމޭޓަރީ މާއްދާތަކާއި އެންޓި މައިކްރޯބިއަލް މާއްދާތަކަކީ ގޭހުގެ މައްސަލަތަކަށް ލުއިކަން ގެނުވައިދޭ އަދި ބަނޑުގައި ވައިހެދުމާއި ރަނގަޅަށް ހަޖަމުނުވުގެ މައްސަލަތައްށް ހައްލު ގެނުވައިދޭ މާއްދާތަކެކެވެ.

3. ބަރުދަން ލުއިކުރުމަށް އެހީތެރިވުން؛

ބަރުދަން ލުއިކޮށްލުމަށްވެސް މިބުއިމަކީ އެއްވަނައިގެ ބުއިމެކެވެ. ފޮނިތޮށްޓަކީ 'އިންސުލިން ރެސިސްޓެންސް' ނުވަތަ ހަށިގަނޑަށް ބޭނުންވާ ގުލްކޯސް ރަނގަޅަށް ހަށިގަނޑަށް ލިއްބައިނުދިނުމުގެ މައްސަލައަށް ހައްލު ލިބިގެންދާ ބާވަތެކެވެ. އެހެންކަމުން ފޮނިތޮށިފެން ބުއިމުން މިމައްސަލަ ހައްލުވުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ގުލްކޯޒް ލިބުމުން ބަނޑު ފުރިފައިވާކަމުގެ އިހުސާސްކުރެވި ހަށިގަނޑަށް ބޭނުންނުވާ މިންވަރަށް ކެއުމުން ދުރުހެލިވެވޭނެއެވެ.



4. ކޮލެސްޓްރޯލް މިންވަރު ދަށްކޮށްދިނުން؛

ފޮނިތޮށިފެން ޤަވައިދުން ބުއިމުން ކޮލެސްޓްރޯލް އުފައްދާ ޓްރައިގަލައިސެރައިޑް ދަށްކޮށްދީ އެލްޑީއެލް ކިޔާ ހަށިގަނޑަށް އިތުރުވުމުން ނާރުތައް ބްލޮކް ކުރާ ކޮލެސްޓްރޯލްގެ ބާވަތް މަދުކޮށްދެއެވެ.

ފޮނިތޮށިފެން ތައްޔާރު ކުރާނެގޮތް:



ތެއްޔަކަށް ޖޯޑެއްގެ ފެން އެޅުމަށްފަހު އުދާށެވެ. އަދި ފެންގަނޑު ކެކެންދެން ބަހައްޓާށެވެ. އެއަށްފަހު އާދައިގެ ވަރުގެ 2 ގަނޑު ފޮނިތޮށި ކޮޅު އަޅާފައި 10-5 މިނެޓުވަންދެން ކައްކާށެވެ. އެއަށްފަހު ފުރާނާލާށެވެ. ބޭނުމިއްޔާ މާމުއި ނުވަތަ ލުނބޯ ހުތްފަދަ އެއްޗެއް އިތުރު ރަހަ ލައްވަން ބޭނުންނަމަ އަޅާށެވެ. ނަމަވެސް މިބުއިމަށް ހަކުރު ނާޅާށެވެ. ތައްޔާރުކުރި ފެން ފުޅިޔަކަށް އަޅައި ރައްކާކޮށްގެން 2 ދުވަސް ވަރަށް ގެންގުޅެވިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން