އުރަމަތީގެ ކެންސަރަކީ ދުނިޔޭގައި އެންމެ ގިނައިން ފެތުރެމުންދާ ކެންސަރެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 30 ޕަސެންޓް އަންހެނުންނަށް އުރަމަތީ ކެންސަރު ޖެހެ އެވެ. މިއީ ރާއްޖޭގައިވެސް ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ވޭންހުރި ބައްޔެކެވެ.

އުރަމަތީގެ ކެންސަރު ޖެހިފައިވާ ގިނަ އަންހެނުންނަށް ފަރުވާހޯދުމަށް އުރަމަތީ ނަގަން މަޖުބޫރުވެއެވެ. މިބަލީގައި އެންމެ ފަހު ސްޓޭޖްތަކަށް ދިއުމުން ފުރާނަ ސަލާމަތްކުރުމަށްޓަކައި އުރަމަތި ނަގަންޖެހުމަކީ މިބަލީގެ ބަލިމީހުންގެ ނަފްސާނީ، އިޖުތިމާއީ އަދި ޒަވާޖީ ހަޔާތަށް އަސަރުކުރާ ކަމެކެވެ. އެހެންކަމުން، އުރަމަތީގެ ކެންސަރަށް ފަރުވާ ކުރުމުގައި، މެސްޓެކްޓޮމީ (އުރަމަތި އެއްކޮށް ނުވަތަ އެއްބައި ނެގުން) އަށްފަހު އައިބު ފިލުވުމަށްޓަކައި އުރަމަތި ހުރި ސަރަހައްދުގައި 'ރީކޮންސްޓްރަކްޝަން' ސާޖަރީކުރުމާއި ބެހޭގޮތުން މިކަމުގައި މަޝްވަރާކުރަން ޖެހެއެވެ.

އިންޑިއާގެ ބެންގަލޫރުގެ ޕްލާސްޓިކް ސާޖަރީ ނާރަޔަން ހެލްތް ސިޓީގެ ޑރ. އެން ސުދަރްޝަން ރެޑީ ވިދާޅުވާގޮތުގައި މަސްޓެކްޓޮމީ އަކީ އުރަމަތީގެ ކެންސަރަށް ފަރުވާ ދިނުމަށް ނުވަތަ އިތުރަށް ބަލި ފެތުރުމުން ރައްކާތެރިވުމަށް މުޅި އުރަމަތީ ނައްތާލުމުގެ ނުވަތަ ނެގުމުގެ އޮޕަރޭޝަނެއް ކަމަށެވެ.

އެހެންނަމަވެސް، އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައު މިފަދަ ކަންކަމަށް އެހާ ހޭލުންތެރިއެއް ނޫނެވެ. އެހެންކަމުން އުރަމަތި ނެގުމަށްފަހު ދެން ބަލިމީހާއަށް ދިމާވަނީ މާބޮޑަށް ހިތްދަތިކަމަކާއެވެ. އުރަމަތި ނެގިތަން ހުސްކޮށްހުރުމުން ދޭދޭމީހުންގެ ތެރެއިން ބައެއްމީހުންގެ ފަރާތުން ކުރިމަތިވާ ފުރައްސާރައަށް މުޖުތަމަޢު ތެރެއަށް ނިކުމެއުޅެން އުދަގޫވެ އެމީހާގެ ކޮންފިޑެންސް ލެވެލް ދަށްވެގެން ދެއެވެ. މިއީ ކެންސަރު ބަލީގައި އުރަމަތި ނަގާފައިވާ ބަލިމީހަކު މުޖުތަމަޢުތެރެއަށް ނުކުންނަންފަސްޖެހޭ މައިގަނޑު ސަބަބެވެ.



އުރަމަތީގެ ރީކޮންސްޓްރަކްޝަން ހަދަންޖެހެނީ މިދެންނެވި ސަބަބާހުރެއެވެ. ރީކޮންސްޓްރަކްޝަން ހެދުމަށް އޮޓޯލޮގަސް ޓިޝޫ އަދި ސިލިކޯން އިމްޕްލާންޓް ނުވަތަ މި ދޭތި ބޭނުން ކުރެވިދާނެއެވެ. އުރަމަތީގެ ބަދަލުގައި ރީކޮންސްޓަރަކްޓްކުރާ އުރަމަތި ހެދުމަށް ބޭނުންކުރާ އޮޓޯލޮގަސް ޓިޝޫ އެންމެ ގިނައިން ނަގަނީ ބަނޑުން ނުވަތަ ބުރަކަށިންނެވެ.

ޑޮކްޓަރު ވިދާޅުވާގޮތުގައި ކެންސަރުގެ ސަބަބުން އުރަމަތި ނެގުމަށް ކުރެވޭ މެސްޓެކްޓޮމީ ސާޖަރީ ހަދާއިރު އުރަމަތީގެ ރީކޮންސްޓްރަކްޝަން ކުރެވިދާނެއެވެ. އެއީ މެސްޓެކްޓޮމީ ހަދާތާ މަހެއް ނުވަތަ އަހަރުތަކެއް ފަހުން ވެސް ކުރެވިދާނެ ކަމެކެވެ.

މެސްޓެކްޓޮމީއަށްފަހު ރީކޮންސްޓްރަކްޝަން ލަސްވުމަށްވުރެ ވަގުތުން އުރަމަތީގެ ރީކޮންސްޓްރަކްޝަން ސާޖަރީ ހެދުމަށް ގިނަބަޔަކު ބޭނުންވެއެވެ. ވަގުތުން އުރަމަތީގެ ރީކޮންސްޓްރަކްޝަންގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ރަނގަޅުވެ، ހަށިގަނޑާއިމެދު ހިތްހަމަޖެހުމެއް ލިބި، އެއް މަރުހަލާއެއްގެ ތެރޭގައި ސާޖިކަލް ޓްރީޓްމަންޓް ފުރިހަމަވެގެން ދާނެއެވެ.



މިކަމުން ދިރިއުޅުމުގެ ހާލަތަށް ވަރަށް ރަނގަޅު ހެޔޮ އަސަރެއް ކުރާނެއެވެ. ބައެއް ފަހަރު އުރަމަތީގެ ރީކޮންސްޓްރަކްޝަން ސާޖަރީގެ ތެރޭގައި އުރަމަތީގެ އެއްފަޅި ނަގާފައިވާނަމަ އަނެއްފަޅި އެއްވަރަކަށް ހުންނާނެހެން ސިލިކަން އިމްޕްލާންޓް ލައްވައި އޮޕަރޭޝަން ކުރުން ހިމެނެ އެވެ. އުރަމަތީ ރިކޮންސްޓްރަކްޓްކުރުމުގެ އެންމެ ފަހު މަރުހަލާގައި، އަލުން ހަދާފައިވާ އުރަމަތީގައި ނިޕަލް އަކާއި އެރިއޯލާވެސް ރީކޮންސްޓްރަކްޓް ކުރެވެއެވެ.

އުރަމަތީގެ ކެންސަރަށް މެސްޓެކްޓޮމީ ހަދާފައިވާ ހުރިހާ ޕޭޝަންޓުންނަށް އޮޓޯލޮގަސް ޓިޝޫ ބޭނުންކޮށްގެން ވަގުތުން އުރަމަތީގެ ރީކޮންސްޓްރަކްޝަން ހެދުމާއި އަދި މަސެކްޓޮމީއަށްފަހު ގިނަދުވަސްވެފައިވާނަމަވެސް އަލުން އެކަން ކުރުމަކީ ހުރިހާ ބަލިމީހުންނަށްވެސް އުފާވެރި ދިރިއުޅުމަކަށް ނުހަނު މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން