ޕޮސްޗަރ ނުވަތަ އިށީނދެ އިނުމުގައިއާއި ކޮއްޅަށްހުންނަ ހުރުމުގައި ހަށިގަނޑު ތެދަށް ނުބެހެއްޓުމުގެ ސަބަބުން ހަށިގަނޑުގެ ކަށިތައް ސީދާނުވުމުގެ މައްސަލައަކީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. މިމައްސަލަ އެންމެ ބޮޑަށް ދިމާވަނީ އޮފީސްތަކުގައި ދުވާލެއްގެ މައްޗަށް 8-9 ގަޑިއިރަށް ވުރެ ގިނައިރު، ކޮމްޕިއުޓަރު ދޮށުގައި މަސައްކަތް ކުރަންތިބޭ މީހުންނަށެވެ.

އެހެންނަމަވެސް އިރުގައިއާއި އިސްދަށަށްޖަހައިގެން އަބަދު ސްމާޓްފޯނާއިކުޅެން ތިބޭތިބުމުގައިއާއި ޓެބްލެޓް ނޫނީ ލެޕްޓޮޕުން މަސައްކަތް ކުރުމުގެ އިތުރުން ފިލްމާއި ސީރީޒް ބަލަން އާދަވެފައި ތިބޭ މީހުން އެކަމަށް އެހޭދަކުރާ ވަގުތު ސޯފާގައި އިށީނދެއިންނަ ގޮތުންވެސް ބުރަކަށީގައިއާއި ކަނދުރާގައި ރިއްސާއި ހަށިގަނޑުގެ ކަށިތައް ސީދާނުވެވޭ މައްސަލަ ދިމާވާނެއެވެ.

މިމައްސަލައަކީ ހަމައެކަނި ބުރަކަށިގައި ރިއްސުމުގެ އުނދަގޫއެކަނި ކުރިމަތި ކުރުވާ ކަމެއް ނޫނެނެވެ. މީގެ އިތުރުން މިކަމުގެ ސަބަބުން ސިކުނޑިއަށްވެސް ގެއްލުންލިބޭކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ.



ހާވާޑް މެޑިކަލް ސްކޫލުން ބުނާ ގޮތުގައި ޕޮސްޗާގެ މައްސަލަތަކުގެ ސަބަބުން ހަށިގަނޑު ބެލެންސް ކުރުން ނުވަތަ ހަމައަށް ސީދަލަށް ހުރުމުގައި އުނދަގޫތައް ދިމާވުމާއި ބޮލުގައި ރިއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ މައްސަލަތައް ދިމާވެއެވެ. އަދި މީގެ އިތުރުން މީހާގެ މޫޑާއި ނިދުމަށް އަސަރުކޮށް ވަރުބަލިވުމާއި 'ޖޯލައިން' ނުވަތަ ކަތުރުކަށިގަނޑުގެ އެލައިންމަންޓަށް ވެސް އަސަރު ކުރުވަ އެވެ. ހަމަމިއާއެކު މަސްތަކަށް މާބޮޑަށް ބާރުވެ މަސްތަކަށް ގެއްލުންވުމުގެ އިތުރުން ސިކުނޑިއަށް ލޭ ދައުރުވުން މަދުވެ، ސިކުނޑީގައި ހިނގާ ވިސްނުމާއި ގުޅުންހުރި މަސައްކަތްތަކަށް ހުރަސް އެޅި އެކަމަށް އަސަރު ކުރާނެއެވެ.



އަދި ހަމައެހެންމެ މީހާ ގުދުލައި ޕޮސްޗަރ ހަޑިވުމުން، ކޮންފިޑެންސް ނުވަތަ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދަށްވެ އަދި އެހެން މީހުން ތިބާއާ މެދު ދެކޭ ގޮތް ބަދަލުވެދާނެއެވެ. މީގެ ސަބަބުން ނުސީދާ ގޮތެއްގައި ތިމާގެ ނަފްސާނީ ހާލަތާއި ސިކުނޑީގެ ދުޅަހެޔޮކަމަށްވެސް އަސަރު ކުރެއެވެ.

ޕޮސްޗަރގެ ސަބަބުން ސިކުނޑިއަށް އަސަރު ކުރަނީ ކިހިނެއް؟

ދިރާސާތަކުން ދައްކާ ގޮތުގައި އިށީނދެ އިންނައިރު ދެކޮނޑު ކައިރިވާގޮތަށް ފޯނަށް ބަލަން އިނުން ނުވަތަ އެނޫންވެސް ކަމެއްގައި އަބަދު އެހެން ހުރުމުގެ ސަބަބުން ރިބް ކޭޖް/ މޭކަށިގަނޑަށް ބާރުވެ، ހަށިގަނޑަށް އޮކްސިޖަން އެތެރެކުރުމަށްޓަކައި އިންހޭލްކުރުމަށް މޭކަށިގަނޑު ފުޅާކޮށްލަންޖެހޭ މިންވަރަށް ނުކުރެވުމުގެ ސަބަބުން ހަށިގަނޑަށް އޮކްސިޖަން ލިބިދޭ މިންވަރު މަދުވެ އެވެ. އެހެންކަމުން ހަށިގަނޑުގެ އެކި ސެލްތައް މަސައްކަތްކުރުމަށް އެންމެ ބޮޑަށް ބޭނުންވާ އޮކްސިޖަން، ވަކިން ޚާއްޞަކޮށް ނާރުގެ ސެލްތައް، މަސައްކަތް ކުރުމަށް ބަރޯސާވަނީ ހަމައެކަނި އޮކްސިޖަންއަށްކަމަށްވާތީ މިކަމުގެ ސަބަބުން ސިކުނޑީގެ މަސައްކަތްތައް ކުރުމަށް ދަތިތަކެއް ކުރިމަތިކުރުވައެވެ. އަދި ދިގުމުއްދަތެއްގައި ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަކީ އެކަށިގެންވާކަމެކެވެ.



ޕޮސްޗަރ ރަނގަޅުކުރާނީ ކިހިނެއް؟

1. ސްޓްރެޗްކުރުން:

ސްޓްރެޗް ކުރުމަކީ ކަށިތައް ގުޅިފައިވާ ގޮތް ނުވަތަ އެލައިންމަންޓް ރަނގަޅަށް ބެހެއްޓުމަށް ބޭނުންވާ މަސްތަކުގެ ފްލެކްސިބިލިޓީ އާއި ބާރު އިތުރުކޮށްދޭނެކަމެކެވެ. އަދި ޕޮސްޗާރ ރަނގަޅުކުރުމަށް އެހީތެރިވެދިނުމަށްޓަކައި ގަވާއިދުން ސްޓްރެޗް ކުރުމާއިއެކު ކަށިތަކާއި މަސްތަކަށް ކަސްރަތު ލިބިދޭ އެކިއެކި ކަންކަން ކުރުންވެސް ވަރަށް މުހިންމެވެ. ގަވާއިދުން ސްޓްރެޗް ކުރުމުގެ ބޭނުމަކީ މަސްތަކަށް ބާރުވުމުން އުފެދޭ ރިއްސުންތައްވެސް ފިލުވައިލުމެވެ.

2. މަސައްކަތްކުރާތަން 'އޮޕްޓިމައިޒްކުރުން':

ކޮމްޕިއުޓަރކައިރީގައި މަސައްކަތްކުރާ މީހުންނަށް ވޯކްސްޓޭޝަން އޮޕްޓިމައިޒް ކުރުމަކީ ގޯސް ޕޮސްޗާރ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަމެކެވެ. އެގޮތުން ކޮމްޕިއުޓަރުދޮށުގައި އިށީންދެ އިންނަ ގޮނޑީގެ އުސްމިނާއި މޭޒުގެ އުސްމިން ހަމަޖެއްސުމާއި ކޮމްޕިއުޓަރު މޮނިޓަރު ރަނގަޅު އުސްމިނުގައި ބެހެއްޓުމާއި އަތާއި ބުރަކަށްޓަކައި ސްޓްރެސް ކުޑަކުރުމަށް ކީބޯޑް ޓްރޭ ނުވަތަ ސަޕޯޓިވް ޗެއާ ކުޝަން ފަދަ އެޑްޖަސްޓްކުރެވޭ އެކްސެސަރީޒް ބޭނުންކުރުން ހިމެނެ އެވެ.

3. ރަނގަޅު ފައިވާން ޚިޔާރުކުރުން:

އެކަށީގެންވާ އާކް ސަޕޯޓް ނުވަތަ ފައިތިލައިގެ ހުންނަ އަޑިބަޔަށް ފަސޭހަވާނެ ހެޔޮވަރު އަދި ކުޝަން ބޫޓުތަކުން ހަށިގަނޑުގެ ބަރުދަން ފައިމައްޗަށް ބެހުމުގައި އެހީތެރިވެދީ، ހަށިގަނޑުގެ ބަރު އުފުލާ ފައިގެ ގުނަވަންތަކަށް ކުރިމަތިވާ ސްޓްރެއިން ކުޑަކޮށްދީ، ހަށިގަނޑުގެ ބެލެންސް އަދި އެލައިންމަންޓް ރަނގަޅުކޮށްދެއެވެ. މިކަމަކީ މީހާ ކޮޅަށް ހުރުމުގައިވެސް ޕޮސްޗަރ ރަނގަޅުކޮށްދޭނެކަމެކެވެ.

4. އަބަދު އެއްގޮތަކަށް އިށީނދެނުއިނުން:

ގިނަވަގުތު އެއްގޮތަކަށް އިށީނދެތިބުމަކީ މަސްތައް ވަރުބަލިވުމާއި މަސްތައް ސްޓިފްވެ ނުވަތަ ހަރުވުމުގެ ސަބަބުން ރިއްސުމަށް މެދުވެރިވާކަމެކެވެ. ސީދާކޮށް އިށީނދެތިބުމާއި، ކުޑަތަންކޮޅެއް ފަހަތަށް ލެނބި، އަދި ކުރިއަށް އިށީނދެލައި ހަށިގަނޑުގެ ޕޮސްޗަރ ދޭތެރެއަކުން ބަދަލުކުރުމަކީ އެކި މަސްތަކުގައި ޕްރެޝަރު ބެހުމަށާއި ކޮންމެވެސް އެއް ސަރަޙައްދެއްގައި ސްޓްރެއިން އަބަދުވެސް ކުޑަކުރުމަށް އެހީތެރިވެދޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން