އަނެއްކާވެސް އެއްކަލަ އެކުވެރިޔާގެ ކޯލެވެ. އެގުޅަނީ ޝަކުވާ ކުރާށެވެ. ބުނެދޭ ވާހަކައެއް ޤަބޫލެއް ނުކުރާނެއެވެ. ދޭނަޞޭހަތަކަށް އަމަލު ނުކުރާނެއެވެ. ޝަކުވާތައް އޮއްސާލައި ވަގުތީ އުފަލެއް ހޯދާލައި އަނެއްކާވެސް އެފަދަ އަނެއް ކޯލެއްގެ ބޭނުންޖެހެންދެން އަނބުރައި އެޝަކުވާގެ ގޯއްޗަށް އެނބުރި ދާނެއެވެ. ދެން ތިބާ މިޖެހެނީ ކޮންމެ ފަހަރަކުވެސް އެހުރިހާ ކަމެއް ބޮލަށް ލައިގެން ދުވަހުގެ ބާކީބައި ކަމެއް ނުވާކަމަށް ހަދައިގެން ކުރިއަށް ގެންދާށެވެ.

ޝަކުވާ އަޑުއަހަނީ އެކުވެރިޔާދެކެ ލޯބިވާތީއެވެ. ނަމަވެސް ބުނާބަސް ނާހާތީ އެކަމާއި ތިބާ ހިތްހަމަ ނުޖެހޭނެއެވެ. ދެން އަމިއްލަ ސިކުނޑީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިވެސް ހަދަންވިގޮތެއް ވިސްނަން ބޭނުންވާނެއެވެ.

މިއީ ތިބާގެ އެކަނި ޝަކުވާއެއް ނޫނެވެ. އާއިލާއާއި އެކުވެރިންގެ ތެރޭގައި އުޅޭ އެތައް ބަޔަކީ އެމީހުންގެ ދިރިއުޅުމުގައި ގޮތް ނިންމަންނޭނގޭ އަދި އެކަމުގެ ސަބަބުން އަބަދުމެ އެހެން މީހުންގެ ގާތުގައި އެއްވާހަކައެއް ދައްކާ ބައެކެވެ. އެހެންކަމުން އެފަދަ މީހުންނާއިމެދު ކަންތައް ކުރާނެ ގޮތަކީ ކޮބައިކަން އަޅުގަނޑުމެން، ރަސް އޮންލައިންގެ ކިޔުންތެރިންނަށް ގެނެސްދެވޭތޯ ބެލިބެލުމުން ފާހަގަކުރެވުނު ދެތިން އެއްޗެއް ހިއްސާކޮށްލާނަމެވެ.

އެކުވެރިޔާގެ ވާހަކަތަކުން ވެގެން އުޅޭގޮތް ރަނގަޅަށް އޮޅުން ފިލުވުން:

ޝަކުވާ ހިފައިގެން އަންނަ އެކުވެރިޔާ އެއްފަހަރާ ކޮންމެ ފަހަރަކުވެސް އެތައް ވާހަކައެއް ބަންޑުންކޮށްލައެވެ. އަދި މުޅި ހާދިސާ ހިއްސާކޮށް ތިބާގެ ޖަޒުބާތުތައް އޭނާއާއިއެކުގައިވާނެ ފަދައިން ކަންކަން ހިއްސާކުރާނެއެވެ. ނަމަވެސް ތިބާ ވިސްނަންވީކަމަކީ އެދައްކާ ވާހަކައަށް އޭނާ އެދޭފަދަ ބަސްތައް ބުނުމުގެ ބަދަލުގައި މައްސަލައިގެ އަސްލު ދެނެގަތުމަށެވެ. އަދި މިހެން އަޑުއަހަން އިންނައިރު މާއަވަހަށް މިވެނިމީހަކު އެހެން ކަންތައް ކޮށްގެން ނުވާނޭ އެހެން ތިމަންނަވެސް ދުވަހަކުވެސް ނުކުރާނަމޭ ނުވަތަ އޭނާއަށް ބާރުދޭ އެއްވެސް ވާހަކައެއް ނުދައްކާށެވެ. އޭގެބަދަލުގައި އޭނާގެ ހާލަތު ތިބާއަށް އިހުސާސްކުރެވޭކަމަށް ބުނެދޭށެވެ. އަދި އެއްވެސް ވަރަކަށް އެއަށްވުރެ އިތުރަށް އެހެން މީހުންގެ ވާހަކައިން ނުވަތަ ކަންހިނގައިދިޔަ ގޮތުން އެކުވެރިޔާ އުޅޭނީ ވަރަށް ވޭނުގައިކަން އިހުސާސްވާފަދައިން ވާހަކަ ދެއްކުމުން ދުރުހެލިވާށެވެ.

ސުވާލުކުރުން:

ތިބާގެ އެކުވެރިޔާ ހިއްސާކުރި ހުރިހާ ވާހަކައަކަށް ބިނާކޮށް ތިބާ އޭނާއާއި ސުވާލު ކުރާށެވެ. ސުވާލު ކުރުމަކީ ފޮރުވިފައިވާ އެތައް ކަމެއް އިތުރަށް ފާހަގަވާނެ ކަމެކެވެ. ތިބާގެ އެކުވެރިޔާ ކުރި ޝަކުވާގެ އެއްކޮޅުގައި އެކުވެރިޔާގެ ކުށެއް ވުމަކީވެސް އެކަށިގެންވާ ކަމެކެވެ. ވީމާ އޭނާއަށް ބާރުދިނުމުގެ ބަދަލުގައި އިތުރު ސުވާލުތައް ކުރުމަކީވެސް މުހިންމު ކަމެކެވެ. ކަމާއި އެކަށީގެންވާ ނަސޭހަތެއްވެސް ދެވޭނީ އޭރުންނެވެ. އެހެންނަމަވެސް ވިސްނާލުން މުހިންމު އިތުރު ނުކުތާއެއް އެބައޮތެވެ.

އެއީ މިފަދަ ހުރިހާ އެކުވެރިންނަކީ ކޮންމެހެން ކަމެއްގެ ހައްލު ހޯދުމަށް ހިއްސާކުރާ އެކުވެރިންނެއްވެސް ނޫނެވެ. މިހެން ފާހަގަވެދާނެ ކަމަކީ ތިބާގެ މައްޗަށް ޝަކުވާތައް އޮއްސާލައި ވަގުތީ އުފާލިބިގަނެ ނަސޭހަތް ޤަބޫލުނުކުރުމުގެ އާދައެއް އަބަދުމެ ފެނިގެން ދިއުމެވެ. އަދި ދައްކާ ވާހަކަތަކުގައި ދުވަހަކުވެސް އެކުވެރިޔާގެ އަމިއްލަ ނަފްސު ގޯސްކޮށްފައި ނުވަތަ ކުށެއް ކުރެވުނުނަމަވެސް އެކަމެއް ނުވާފަދައިން ވާހަކަތައް ހިއްސާކުރުމެވެ.

ބައެއް ހާލަތްތަކުގައި ތިބާ އޭނާގެ އެއާދައިގެ ވާހަކަ ބުނެލުމަށް ބޭނުންވެދާނެއެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން އެކުވެރިޔާ ގެއްލިދާނެއެވެ. ވީމާ ތިބާ ކުރާ ސުވާލުތަކުގައި އޭނާ އެހެން ހެދީ ކީއްވެތޯއާއި ނުވަތަ ތިބާ އޭނާ ހުރި ހާލަތުގައި ހުރެއްޖެނަމަ ކަންތައް ކުރާނީ ކިހިނެއްތޯ ސުވާލުކުރާށެވެ. މީގެ ސަބަބުން އެކުވެރިޔާ އެކަންކަމާއި ވިސްނާލަން ވަގުތުލިބި ފަހަރުގައި އެގޮތް ބަދަލުކުރުން އެކަށިގެންވެއެވެ.

ފައްސި ވިސްނުން އިސްކުރުން:

އަބަދު ނައްސިގޮތްތަކަށް ވިސްނުން ހުންނަ ޝަކުވާ އުފުލާ ތިބާގެ އެކުވެރިޔާގެ ވާހަކަތައް އަބަދު އަޑުއަހާއަހައި ތިބާވެސް ވަރުބަލިވެދާނެއެވެ. ދުނިޔޭގައި އެއްވެސް އުފާވެރިކަމެއް ނުލިބޭ ކަހަލަ މީހެއްގެ ތަސްވީރު އެކުވެރިޔާގެ ވާހަކަތަކުން ކުރަހައެވެ. ދެން ތިބާ އޭނާގެ ހާލަތު ބަދަލުކުރުމަށް ވެދޭ އެހީތެރިކަމުގެ ބޭނުމެއް ނެތްކަމުގެ އިހުސާސްކުރެވި މުޅިން މާޔޫސްވެދެއެވެ. އެހެންނަމަވެސް މިހެން ވިޔަނުދިނުމަށް ތިބާއަށް ކުރެވިދާނެ ކަމަކީ ތިބާގެ އެކުވެރިޔާގެ ވާހަކައިގައި ހުންނަ ކުދިކުދި ފައްސިކަންކަން ފާހަގަކުރުމެވެ. އަދި އެކަންކަން ފާހަގަކޮށް އެކުވެރިޔާއަށް ހިއްވަރުދީ އެގޮތުގައި އޭނާއަށް މަޑުމަޑުން ދިރިއުޅުމަށް ބަދަލުތަކެއް ގެނެވިދާނެ ކަމުގައި ބުނެދިނުމެވެ.

އަމިއްލަ ނަފްސަށް އަޅާލުން:

'ވިކްޓިމް މެންޓަލިޓީ' ހުންނަ އެކުވެރިޔާގެ ވާހަކަ ދައްކަމުން އަމިއްލަ ނަފްސު އިސްކުރުމުގެ ވާހަކަ މިތަނުގައި މިގެނައީ ކީއްވެތޯ ތިބާ ސުވާލުކޮށްފާނެއެވެ. ހަޤީގަތުގައި މިފަދަ އެކުވެރިޔަކާއި އަބަދުހެން ވާހަކަ ދައްކަންޖެހުމަކީ ތިބާގެ އަމިއްލަ މީހާގެ ދުވަސް އެއްކޮށްހެން ނައްސި ވިސްނުންތަކަށް ހިނގައިދާނެ އަދި ސިކުނޑިއަށް އުނދަގޫތަކެއް ކުރިމަތިކުރުވާނެ ކަމެކެވެ. މީހެއްގެ ހުރިހާ ޝަކުވާއެއް އަޑުއިވުމާއި ދުވަހަކުވެސް އެކަމަކުން އޭނާއަށް ސަލާމަތްނުވެވިގެން އުޅުމުގެ ވާހަކަ އަބަދު އަޑުއިވުމުން ތިބާގެ އަމިއްލަ ނަފްސަކީ ބޭނުންތެރި މީހެއް ނޫންކަމުގައި އަމިއްލަޔަށް ސިފަކުރެވެންފަށާނެއެވެ.

ވީމާ މިހެން ވިޔަނުދިނުމަށްޓަކައި އަމިއްލަ ނަފްސަށް އަޅާލުން ވަރަށް މުހިންމެވެ. އަދި އެމީހުން ގުޅާ ވަގުތުގައި ތިބާއަށް 'ނެގެޓިން އެނާޖީ' ނުވަތަ ނައްސި ކަންތައްތައް އަޑުއަހާލެވޭނެ ހިއްވަރު އެވަގުތަކު ނެތްނަމަ ފަހުން ގުޅާލުމަށް އެފޯނު މިވަގުތު ބާއްވާށެވެ. އަދި އެފަދަ މީހުންނާއި ދިމާވުން މަދުކޮށްލަންޖެހިއްޖެނަމަ ކޮންމެވެސް މިންވަރަކަށް އެކަންވެސް ކޮށްލާށެވެ. ތިބާގެ އަމިއްލަ ނަފްސު ދުޅަހެޔޮ ސިއްޙަތެއްގައި ނެތި އެހެން މީހަކަށް ތިބާއަށް ހިއްވަރެއް ނުދެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ހޫކެއަރސް

24-Oct-2023

މި.ކިޔާާލީމަވެސް ހީވީ ބޮލަށް ބަރެއްލިހެން. ތަންކޮޅެއް ޒިންމާދާރު ލިޔުމެއް އަދި ހެޑްލައިން އެއްލިޔެބަލަ.



ޓްރެންޑިން