ސީރިއަސްކޮށް މީހަކާއި ރައްޓެހިވާން ބަލާއިރު އެކި ކަހަލަ މީހުންނާއި ދިމާވެއެވެ. މީގެތެރެގައި އެއްފަހަރާ އެތައް ލޯބިވެރިންނެއް ގެންގުޅެ ދޮގު ހަދައި އޮޅުވާލާ މީހުންނާއި، އިތުރު ކައިވެންޏެއް ކުރުމުގެ ހިއްވަރާއި ޤާބިލުކަމެއްނެތް ފިނޑި ފިރިހެނުންނާވެސް ދިމާވެއެވެ. ނުވަތަ އެއްގޮތަކަށްވެސް ކައިވެނި ކުރުމުގެ ނިޔަތެއްނެތް ވަގުތު ބޭކާރު ކުރާ އަންހެނުންނާވެސް ދިމާވާނެއެވެ. މިހެންގޮސް ދެން ބައްދަލުވެވެނީ ކުދިންތިބި މީހަކާއެވެ. އޭނާއަކީ އަޚުލާޤުގެ ގޮތުން އެއްވަނައެވެ. ނުހަނު ހަރުދަނާއެވެ. އަދި އެހައިމެ ލޯތްބާއި އަޅާލުންދެއެވެ. އެކަމަކު ކުދިން ތިބެއެވެ. އެހެންކަމުން ތިބާއަށް އިތުރަށް ވިސްނަން މަޖުބޫރުވެއެވެ.

ތިބާގެ އަމިއްލަ ދަރިޔަކު ނެތެވެ. މިއީ ތިބާގެ އަލަތު ކައިވެންޏެވެ. ނުވަތަ ޅައުމުރުގައި މީހަކާއި އިނދެ އެހެންނަމަވެސް ކައިވެނި ރޫޅިގެން ދިޔައިރު ކުއްޖެއް ނެތް މީހެކެވެ. އަދި ނޫކަށިފުރައިގެ ޒުވާނެއްވެސްމެއެވެ. މިދިރިއުޅުމަށް ގޮސްފިނަމަ، އަމިއްލަ ދަރިން ނުލިބެނީސް އެހެން މީހެއްގެ ދަރިއެއް އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލައިގަންނަންޖެހޭނެއެވެ. މިކަމަށް ގިނަބަޔަކު ނޫނެކޭ ބުނެއެވެ. އެމީހުން އެކި ސަބަބުވެސް ދައްކައެވެ. މިކަމާމެދު ގޮތްނިންމަން ނޭނގި ވިސްނާ ބަޔަކު މިހާރުވެސް އަޅުގަނޑުމެންގެތެރޭގައި ތިބޭނެއެވެ. އެއީ ނުވެނުދާނެ ކަމެކެވެ. ރައްޓެހިވެގެން އުޅޭއިރު ދުވަހަކުވެސް ތިބާއަށް ނުލިބޭ ހުރިހާ އުފަލެއް އޭނާ ގެނެސްދީފިއެވެ. ވީމާ ދަރިން ތިބުން އެއީ ހަމަ އެހައި ބޮޑު މައްސަލައެއްތޯއޭ ސުވާލުއުފެދެއެވެ.

އެއްބަޔަކު ބުނާގޮތުގައި ދަރިން ތިބެނީ އަންހެން މީހާގެ ގާތުގައި ކަމަށްވެފައި ފިރިހެންމީހާ އޭނާއާއި އެވަރަށް ބައްދަލުކުރަން ނުޖެހޭނަމަ އިންނަން އުޅޭ ފިރިހެންމީހާއާއި ތިބާއާއިއެކު ކުރިއަށް ދިއުމުގައި މާބޮޑު މައްސަލަތަކެއް ނުޖެހޭނެއެވެ. ނަމަވެސް އޭގެ އަނެއްކޮޅުގައިނަމަ ދަރިންނާއިއެކު އުޅޭ އަންހެނަކާއި އިންނަނަމަ އެއަންހެންމީހާ އެކުދިންގެ ބައްޕައާއިވެސް މުއާމަލާތު ކުރަންޖެހޭނެކަން ދަންނަންވާނެ ކަމަށެވެ. އެމީހުންގެ ދިރިއުޅުން ރޫޅުނަސް ތިޔައީ ތަޞައްރަފުފުދިފައިތިބި ތިން މީހުންކަން ދަނެ ދިރިއުޅުމުގައި ޅަކުދިންފަދައިން އެކަކު އަނެކަކަށް ޖެލަސްވުމާއި ޝައްކުކުރުމުގެ ބައި ދޫކޮށްލަންޖެހޭނެއެވެ. މިފަދަ ކަމަކާއި ކުރިމަތިލާއިރު ތިބާއަކީ އެކަންކަން ދަންނަ އަދި އެވަރަށް 'މެޗުއަރ' މީހަކަށްވާންވާނެއެވެ. އަދި ތިބާއަށް އެކަންކަމަށް ކެތް ނުކުރެވޭނަމަ އަވަހަށް ތިކަމުން ދުރުވާށެވެ.

ތިބާ އަކީ ދަރިންނެތް އަންހެނެއްވިޔަސް ނުވަތަ ފިރިހެނެއްވިޔަސް ވިސްނާލުން އެންމެ މުހިންމު ކަމަކީ ތިޔަ ކައިވެނިކުރަން އުޅެނީ މިހާރުވެސް އެހެން ޒިންމާތަކެއް އަދާކުރާ މީހަކާއިކަމެވެ. ކުދިންގެ ޚަރަދާއި ދޭންޖެހޭ ވަގުތަކީ ވަރަށްވެސް މުހިންމު އެއްޗެކެވެ. އެހެންކަމުން ތިބާގެ އަމިއްލަ ދަރިއެއްނެތުމުން ދަރިންބެލުމުގެ މަސްޢޫލިއްޔަތު އެހައި ރަނގަޅަށް ވިސްނިފައިނެތުމަކީ އެކަށީގެންވާކަމެކެވެ. ވީމާ ބުނެދޭން މިއުޅޭ ވާހަކައަކީ، އޭނާ އޭނާގެ ދަރިފުޅަށްޓަކައި ވަގުތު ހޭދަކުރަންޖެހުމުން އެކަމާއި ތިބާ ރުޅިއިސްކުރުމަކުން ވާނެކަމެއް ނޯންނާނެއެވެ. އެގޮތަށް ތިބާ ފިރިހެންމީހާ އަށް ރުޅިއިސްކުރާނަމަ، ތިދެމެދުގައި އޮތް ގުޅުން ހީނަރުވެގެން ދިޔުން ނޫންކަމެއް ނުވާނެއެވެ.

ޤަބޫލުކުރަންޖެހޭ ޙަޤިޤަތަކީ ތުއްތު ކުދިންނަކީ ގިނަ ވަގުތާއި ސަމާލުކަން ބޭނުންވާނެ ބަޔެކެވެ. ވީމާ، ތިބާ އޭނާއާއިއެކު ވަގުތު ހޭދަކުރަން ބޭނުންވާއިރު ދަރިފުޅު އައިސް އުނގުތެރެއަށް ވަނުމުން ނުވަތަ ދަރިފުޅުގެ ކޮންމެވެސް ކަމެއް ކުރަންޖެހުމުން އެކަމަށް އިސްކަންދެވޭނެއެވެ. މިހަޤީގަތްތަކަށް ހޭވެރިކަންވާންވީ ކައިވެނިކުރުމަށްފަހުގައިކަމަށް ނުދެކޭށެވެ. ކައިވެނީގެ ކުރިން މިކަންކަމާދޭތެރޭ ސަމާލުވެ ދިރިއުޅުމުގައި ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާއިމެދު ތިމާގެ ސިކުނޑި ބޭނުންކޮށް ވިސްނައި ހޯދައިބަލާށެވެ. އުފާވެރި ޒަވާޖީ ހަޔާތެއްލިބޭނީ އޭރުންނެވެ.

ކައިވެނި ކުރަން ތިޔަ އުޅޭ ބައިވެރިޔާ ފުރަތަމަ ކައިވެނިކުރި މީހާއާއިއެކު އެދެމީހުންގެ ދަރިން ބަލާނެ ގޮތުގެ ޕްލޭންއެއް ހެދިފައިއޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެކުއްޖާ ކިޔެވުމުގައި ގެންގުޅޭނެ އުސޫލުތަކާއި ތަރުބިއްޔަތު ކުރުމުގައި އެދެމީހުން ގެންގުޅޭނެ އުސޫލުތައް އެދެމީހުންވާނީ، ތިބާއަށް އޭނާ ފެނުމުގެ މާކުރިން ވާހަކަ ދައްކައި ގޮތް ނިންމާފައެވެ. ވީމާ ތިބާ އެކުއްޖާ ތަރުބިއްޔަތު ކުރުމުގައި އާގޮތްތައް ކަނޑައަޅަންވާނީ ބައިވެރިޔާގެ މަޝްވަރާ ހޯދާފައެވެ. އެދެމީހުންނަކީ މާބޮޑަށް ދަރިފުޅަށް ޝެޑިއުލްތައް ހަދައިގެން ކަންކަން ގަދަކަމުން ދަސްކުރުވާ އުސޫލުގެންގުޅޭ ބަޔަކަށް ނުވެދާނެއެވެ. ނަމަވެސް ތިބާއަކީ އެހެން ބޮޑުވެފައި ހުރި މީހަކަށްވުމުން ދަރިފުޅުގެ ކަންކަން ތަރުތީބުކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވެދާނެއެވެ. އެއީ ތިބާ ދަރިފުޅަށް އޮންނަ ލޯތްބަކުން ބޭނުންވާ ކަމަކަށްވިޔަސް ދަރިފުޅުގެ ކަމެއްގައި މަޝްވަރާނުކޮށް ކުރިއަށް ނުގެންދާށެވެ.

ޚަރަދުކުރުމުގެ މައްސަލައަކީވެސް ޖެހުން އެކަށީގެންވާ މައްސަލައެކެވެ. ކޯޓުން އޮންނަނީ ދަރިންގެ ޚަރަދު ވަކިގޮތަކަށް ކަނޑައެޅިފައެވެ. އެހެންކަމުން ދަރިންގެ ބައްޕަ އެކުދިންނަށް ކޮންމެ މަހަކުވެސް ދިނުން ލާޒިމުކުރާ އަދަދެއް އޮންނާނެއެވެ. ދަރިން ތިބި ނަމަވެސް ފިރިމީހާ ޚަރަދުކުރުން ވާޖިބާނީ އަނބިމީހާއަށް އެކަންޏެވެ. ނަމަވެސް ތުއްތުތުއްތު މައުސޫމު ކުދިންތަކެއް ތިބޭއިރު ތިބާއަށް އެކުދިންނަށް ކޮންމެވެސް މިންވަރަކުން ހޭދަކުރުމުގެ ކުޅަދާނަކަން ނެތްނަމަ ތިޔަކަމާއި އުޅުން ބުއްދިވެރިއެއް ނޫނެވެ. އެކުދިންގެ ބައްޕަ ނެތްތަނުގައި ތިބާއަކީ އެކުދިންގެ ބައްޕައެވެ. އެހެންކަމުން ވަގުތާއި ޚަރަދުދިނުމުގައި އެކުދިންނަށްވެސް ތިބާ ސަމާލުކަންދޭންވާނެއެވެ. އަދި ވަކިން ޚާއްސަކޮށް އަދުގެ މިޒަމާނުގައި ދަރިންގެ ޚަރަދު ނުކުރާ ބައްޕައިން އިންތިހާއަށް ގިނައިރު އެފަދަކަމަކާއި ތިބާ ކުރިމަތިލާންވާނީ ވަރަށް ވިސްނާފައެވެ.

ދެންއޮތީ ދަރިންތިބި ފިރިހެނުންނާއި ކައިވެނިކުރާ އަންހެނުންނަށް ބުނެލަން އޮތް ވާހަކައެވެ. ތިބާ ކުރިން ރައްޓެހިވި މީހުން ތިބާއަށް ހުސްވެ އެދުނު އެއްޗެއް ހޯދައިދިނަސް މިއަދު ތިޔަ ގުޅެނީ ޚަރަދުތަކެއް ކުރަންޖެހޭ ޒިންމާދާރު ބައްޕައަކާއިއެވެ. ވީމާ އޭނާއަށް ވީމިންވަރަކުން ތިބާއަށް ސަމާލުކަން ދޭނެކަން ދެނެގަނެ އަބަދު ތިބާ ބޭނުންވާ ހުރިހާކަމެއް ކޮށްނުދެވިދާނެކަން ދަންނަންވާނެއެވެ. އެހެންނަމަވެސް ތިބާގެ ޒިންމާތައް އޭނާ ފުރިހަމައަށް އަދާކުރާނަމަ އެއީ ރަނގަޅުމީހެކެވެ.

މިފަދަ ކައިވެންޏެއް ކުރަން އުޅޭއިރު އެންމެ ބޮޑަށް ވިސްނާ ފިކުރުކުރާނީ ތިބާކަމުގައި ހީކޮށްގެންނުވާނެއެވެ. ތިބާއަށް ނޭގުނަސް އޭނާވެސް އެތައް ކަމަކާއި ވިސްނާނެއެވެ. ތިބާއާއި ދިމާވުމުގެ ކުރިން އެކި ފަހަރުމަތިން އޭނާގެ ދަރިން ތިބކަމަށްޓަކައި ކައިވެނި ކުރަން އެއްބަސްނުވާ މީހުނާއިވެސް ވާހަކަ ދެކެވިފައިވާނެއެވެ. އަދި އެތައް ބަޔަކު އޭނާގެ ދަރިން ތިބުމުން އިންނާނެ ރަނގަޅު މީހަކު ނުލިބޭނޭ ބުނާއަޑުވެސް އަބަދުމެ އިވިއިވި ހުރުން އެކަށީގެންވެއެވެ. އަދި އޭގެ މައްޗަށް ދަރިފުޅަށް ތިބާގެ ފަރާތުން ނިކަމެތިކަމެއް ލިބިދާނެ ކަމުގެ ބިރުވެސް އޭނާގެ ސިކުނޑީގެ އެއްފަރާތުގައި އޮންނާނެއެވެ. ވީމާ ތިބާގެ ޒިންމާއަކަށްވާންވީ މިއީ ތިބާއަށް ކުރިއަށް ގެންދެވިދާނެކަމެއްނަމަ އޭނާއަށް ހުރިހާގޮތަކުން ސަޕޯޓްދީ ހިއްވަރުދިނުމެވެ. އަދި ދެމީހުންގެ ދެމެދުގައި ކުރަން ތިޔައުޅޭ ކައިވެންޏާއި ބެހޭގޮތުން ހިތުގައި ހުރި ހުރިހާ ކަންބޮޑުވުންތަކެއް ހިއްސާކޮށް ވާހަކަ ދެއްކުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

މުޖުތަމައުގައި އެތައް ކައިވެންޏެއް ރޫޅެމުންދާއިރު ދަރިންނާއިއެކު ބިކަވާ އާއިލާތައް އިންތިހާއަށްދަނީ ގިނަވަމުންނެވެ. ވީމާ ދަރިންތިބި މީހުންނާއި ކައިވެނި ކުރުމަކީ، ރަނގަޅުގޮތުގައި އުޅެން އެނގިއްޖެނަމަ ތިބާއަށްވެސް އެތައް ހެވަކާއި އުފަލެއް ލިބިގެންދާނެ ކަމެކެވެ. މިއީ އެތައް ގޮތަކުން ދިރިއުޅުމުގައި އައު ތަޖުރިބާތަކައި ތަފާތު ގޮންޖެހުންތައްވެސް ކުރިމަތިވާނެ ދިރިއުޅުމެއްކަން ދެނެގަނެ ކަންކަމަށް ދެމީހުންގެ ދެމެދު ވާހަކަ ދެކެވިގެން ހައްލުހޯދައިގެން ކުރިއަށް ގެންދިއުމުން ދިރިއުޅުން އާރާސްތުވާނެއެވެ. ދަރިން ތިއްބަސް އަދި ނެތަސް އެންމެ މުހިންމުވާނީ އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި ލޯތްބާއި އަޅާލުންދިނުމެވެ. އެކަންކަން އުނިވިޔަނުދީ ދިރިއުޅުން ބިނާކުރެވިއްޖެނަމަ ދަރިން ތިބުމަކީ ތިބާގެ ދިރިއުޅުމަށް، ވަކި ދަރިން ނެތް މީހަކާއި އިނުމާއި މާބޮޑު ތަފާތުތަކެއް އަންނާނެ ކަމެއް ނޫނެނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން