މޯލްޑިވްސް ސްޓޭޓް ޝިޕިންގެ އެމްއެސްއެސް އޯޕަލް އައްޑޫ ސިޓީއަށް ދަތުރުތައް ފަށައިފިއެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެމްއެސްއެސް އިން އައްޑޫސީޓީއަށް ރާއްޖޭން ބޭރުން މުދާ އުފުލަން ގަތް ބޯޓުގެ ފުރަތަމަ ދަތުރުގައި އައްޑޫގައި މިހާރުވަނީ ބަނދަރު ކޮށްފައެވެ. "އެމްއެސްއެސް އޯޕަލް" ބޯޓަކީ ރާއްޖޭން ބޭރުން އައްޑޫ އަތޮޅަށް މުދާ އުފުލާ ބޯޓެއް ކަމަށާއި އައްޑޫއަށް ގެންދާ މުދާ މާލޭ ބަނދަރުގައި ޓްރާންސިޓް ކުރުމަށް ފަހު އައްޑޫއަށް ދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދީފައިވެއެވެ.

ހަމައެއާއެކު އައްޑޫގެ ވިޔަފާރިވެރިން މާލެއިން ގަންނަ މުދާ އެބޯޓުން އައްޑޫއަށް ގެންގޮސް ދޭނެއެވެ. "އެމްއެސްއެސް އޯޕަލް" ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާނެ އެވެ. އެއީ މާލެ - ހިތަދޫ - ކޫއްޑޫ - މާލެ ރޫޓުގަ އެވެ.

މިއީ 105 ކޮންޓެއިނާ އުފުލުމުގެ ގާބިލްކަން ލިބިފައިވާ، ދިގުމިނުގައި 67 މީޓަރު ހުރި 3.2 މީޓަރުގެ ޑްރާފްޓްގެ ބޯޓެކެވެ. ސިމެންތި ވެސް އުފުލޭ މި ބޯޓަކީ 1553 ޓަނުގެ ޑެޑްވެއިޓް އުފުލޭ ބޯޓެކެވެ.

ކްރޭންވެސް ހަރުކޮށްފައިވާ މި ބޯޓަކީ ބައިނަލްއަގްވާމީ ބާޒާރުން އައްޑޫއަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑޫއަށް ގެންދިއުމާއި އަދި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދިއުމަށް ބޭނުންކުރާނެ އުޅަނދެކެވެ. މިއީ އެމްއެސްއެސްގެ 5 ވަނަ ބޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން