މަރިޔަމް ލަމްޙާ ރަޝީދު   9 އޮކްޓޯބަރު 2023 - 14:33
އިންޓަނެޓާއި ޑިޖިޓަލް މީޑިއާ އާއްމުވުމާއިއެކު އަޅުގަނޑުމެންގެ ސްމާޓްފޯނަކީ ކޮންމެ ތަނަކަށް ކޮންމެ ވަގުތަކުވެސް ގެންދެވޭ އަބަދުމެ މުށުތެރޭގައި ގެންގުޅޭ އެއްޗަކަށް މިވަނީ ވެފައެވެ. އަދި ބައެއް މީހުންނަކީ އާދަވެގެން ފާޚާނާކުރުމަށްވެސް ފޯނު ހިފައިގެން ނޫނީ ވަދެވޭ ބައެއް ނޫނެވެ.

ދުނިޔޭގައި ހިނގާ ކަންކަން ދެނެގަތުމަކީ ބޭނުންތެރިކަމެކެވެ. އަދި ރައްޓެހިންނާއި އާއިލާ މީހުން މީސްމީޑއާއަށް ފޮނުވާލާ އެކިއެކި ޕޯސްސޓުތަކާއި ފޮޓޯތައް އަބަދުމެ އަޕްޑޭޓްވޭވެ ހުންނައިރު އެތަކެތިން ކުރެ އެއްޗެއް ދޫވެނުދީ ވަގުތުން ޖަވާބުދޭން ބޭނުންވެއެވެ.

ޓްރޭޑް އިން ގެޖެޓް ކުންފުންޏެއް ކަމަށްވާ 'ބޭންކް މައި ސެލް' އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި 96 އިންސައްތަ ޒުވާނުން ބުނަނީ ފޯނާ ނުލައި ފާހާނާއަށް ވެސް ނުވަދެވޭ ކަމަށެވެ. އެހެންނަމަވެސް ފާޚާނާގައި ފޯނު ބޭނުންކުރުމުން ސިއްޙީ ގޮތުން ބޮޑެތި އަދި ނުރައްކާތެރި ގެއްލުންތަކެއް ކުރިމަތިވެދާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ފާޚާނާގައި ފޯނު ބޭނުންކުރުން ރައްކާތެރިނުވަނީ ކީއްވެ ހެއްޔެވެ؟

ދިރާސާތަކުން ދައްކާ ގޮތުގައި ފާހާނާއަކީ ފޯނު ބޭނުންކުރަން އެންމެ ނުރައްކާތެރި އެއްތަނެވެ. ސަބަބަކީ ފާޚާނާ ކުރުމަށްފަހު ފްލަޝް ކުރާއިރު ފާހާނާގެ ޖަރާސީމު އެސަރަހައްދުގެ ވައިގެ ތެރެއަށް ޖަރާސީމު ބުރައިގެން ގޮސް ހުރިހާ ތަނަކަށް ވާސީލުވާތީއެވެ. އަދި ގިނަ މީހުންނަކީ ފޯނު ސާފުކުރާބަޔަކަށްވެސް ނުވުމުން މިޖަރާސީމުތައް އާއްމުކޮށް ގެންގުޅޭ މިޑިވައިސްގައި ހުންނާނެއެވެ. އަދި މިޑިވައިސްގައި އަތްލުމަށްފަހު ކެއުމާއި ބުއިމާއި އެހެން މީހުންނާއި ސަލާން ކުރުމާއި މިހުރިހައި ކަމެއްވެސް ކުރިއަށް ގެންދަނީ މިކަމުގެ ނުރައްކާ ނުވިސްނޭތީއެވެ.

ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންއިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި 92 އިންސައްތަ މީހުންގެ ފޯނުގައި އީ ކޯލީ، ސެލްމޮނެލާ އަދި ސީ ޑިފިސިލް ފަދަ ވަރުގަދަ ޖަރާސީމުތަކާއި ބެކްޓީރިއާތައް ތަޣައްޔަރުވެފައި ހުރެއެވެ. މިއީ ހަންގަނޑަށް ނުރައްކާތެރި ބަލިތައް ޖައްސާ އަދި ބޭސްކުރަންވެސް އުނދަގޫ ބަލިތައް ޖައްސުވާ ޖަރާސީމުތަކެކެވެ.

އިނގިރޭސިވިލާތުގެ 12 ސިޓީއަކުން ސައިންސްވެރިން 300 އަށް ވުރެ ގިނަ ފޯނުގެ ސާމްޕަލް ނަގައި، ހެދި ދިރާސާއެއްގައި އީ.ކޯލީ ނަމަކަށްކިޔާ ބެކްޓީރިއާއެއް 16 އިންސައްތަ މީހުންގެ ފޯނުން ފެނިފައިވެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު މިލިއަނަކަށްވުރެ ގިނަ މީހުންނަށް ބަލިޖައްސުވާ އިންސާނުންނާއި އެހެން މަންމަލި ޖަނަވާރުގެ ފެކަލް މެޓާ ނުވަތަ ނަޖިހުގައި ހިމެނޭ ބެކްޓީރިއާގެ ބާވަތެކެވެ.

މީގެ އިތުރުން ޑޮކްޓަރުން ވިދާޅުވާގޮތުގައި ފާޚާނާއަށް ފޯނު ގެންދިއުމާއި ގިނަ ވަގުތު ފާޚާނާ ތަށިމަތީގައި ހޭދަކުރުމަކީ ކަންފަތާއި ފުރަގަސްފަރާތަށް ތަފާތު ބަލިތައް ޖެހެން މެދުވެރިކުރުވާ ކަމެކެވެ. މިގޮތުން، ހެމޮރޮއިޑްސް ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވެ، ފުރަގަސްފަރާތަށްޖެހޭ ޕައިލިސްމައްސަލަތައް ދިމާވެއެވެ. އަދި މާގިނައިރު ފާޚާނާތަށިމަތީގައި އެގޮތަށް އިނުމުގެ ސަބަބުން ފުރަގަސްފަރާތުގައި ހުންނަ ލޭހޮޅިތައް ދުޅަވެ އަދި ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) އާއި ބޭރަށް ހިންގުމާއި އަދި އެކި ކަހަލަ ގޮހޮރުގެ އިންފެކްޝަންތައް ޖެހުމަށް މަގުފަހިވެއެވެ.

މިއީ ސިއްޙީގޮތުން ލިބޭ ގެއްލުމުގެ އިތުރުން ގެންގުޅޭ އަގޮބޮޑު ފޯނަށް ވެސް ގެއްލުން ވެދާނެ އާދައެކެވެ. ގިނަ ފޯނުތަކަކީ ފެނުގައި ގެންގުޅެން އެކަށީގެންވާ އެއްޗެއް ނޫން ކަމަށްވުމުން ފާޚާނާގައި ގެންގުޅުމުން އެއަށް ފެންއެޅި ބޮޑު ގެއްލުމެއްވެސް ވެދާނެއެވެ. އަދި ފާޚާނާ ތެރެއަށާއި ތަޅުމުގެ މައްޗަށްވެސް ފޯނު ވެއްޓި ފޯނު ހަލާކުވުމަކީ އެކަށީގެންވާކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ފާތިމަތު ޝިފާ

17-Oct-2023

ވަރަށް ރަނގަޅު ނަސޭހަތެއް ތި ދެއްވީ. އަދި އަޅުގަނޑު ތި ދެއްވި ނަސޭހަތް ހެޔޮ ހިތުން ޤަބޫލު ކޮށްފިން. ޟުކުރިއްޔާ.


-2

މަންޖެ

17-Oct-2023

މި ހަބަރު ކިޔުނީ ވެސް ފާހާނައިގަ ފޯނު ހިފައިގެން އިނދެގެން މި🤦🏼‍♀️🤦🏼‍♀️🤦🏼‍♀️



ޓްރެންޑިން