ޗެމްޕިއަން ޓްރޮފީއާ އެކު ރެއާލް މެޑްރިޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޗެމްޕިއަން ޓްރޮފީއާ އެކު ރެއާލް މެޑްރިޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ރެއާލް މެޑްރިޑުން 34 ވަނަ ފަހަރަށް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ތިން އަހަރަށް ފަހު ރެއާލުން ސްޕެނިޝް ލީގު ކާމިޔާބުކުރިއިރު، ސްޕެނިޝް ލީގުގެ އެންމެ ކާމިޔާބު ޓީމަކީވެސް ރެއާލެވެ. ރެއާލުން ޗެމްޕިއަންކަން ކަށަވަރުކުރީ ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި ވިޔަރެއާލް އަތުން 2-1 ން މޮޅުވެގެންނެވެ. މިއީ ލީގުގައި ޖެހިޖެހިގެން ރެއާލް ކާމިޔާބުކުރި 10 ވަނަ މެޗެވެ.

މެޗުގައި ރެއާލުން ލީޑު ނެގީ 29 ވަނަ މިނެޓުގައެވެ. މިޑްފިލްޑަރު ލުކާ މޮޑްރިޗްގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް ކަރިމް ބެންޒެމާއެވެ. ރެއާލުން ލީޑު ފުޅާކުރީ 79 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބެންޒެމާއެވެ. އެ ދެ ގޯލާ އެކު އޭނާ މި ސީޒަނުގައި ޖެހި ގޯލުގެ އަދަދުވަނީ 21 އަށް އަރާފައެވެ. މި މެޗުގައި ވިޔަރެއާލުން ފަރަގު ކުޑަކުރީ މެޗުގެ 83 ވަނަ މިނެޓުގައި ވިސެންޓޭ އިބޯރާ ކާމިޔާބުކުރި ލަނޑުންނެވެ.

ވިޔަރެއާލް ބަލިކޮށް ރެއާލުން ޗެމްޕިއަންކަން ކަށަވަރުކުރިއިރު، މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން ހޯދި ބާސެލޯނާ ވަނީ ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި އޮސަސޫނާ އަތުން 2-1 ން ބަލިވެފައެވެ.

މި ނަތީޖާތަކާއެކު ޗެމްޕިއަންކަން ހޯދި ރެއާލް އެއްވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާއެކުއެވެ. ރެއާލަށް ކުޅުނު 37 މެޗުން ލިބުނު 86 ޕޮއިންޓު ލިބިފައިވާއިރު، ވާދަވެރި ބާސާއަށް 37 މެޗުން ލިބިފައިވަނީ 79 ޕޮއިންޓެވެ. އަދި ބުރާސްފަތި ދުވަހުގެރޭ ގެޓާފޭ އަތުން 2-0 ން މޮޅުވި އެތުލެޓިކޯ މެޑްރިޑް ތިންވަނައިގައި އޮތީ 37 މެޗުން ލިބިފައިވަނީ 69 ޕޮއިންޓާއެކުއެވެ.

ރޭ މެޗަށްފަހު ވާހަކަ ދައްކަމުން ރިއާލްގެ ކޯޗު ޒިދާން ބުނީ މި އަހަރުގެ ލަލީގާ ލިބުމުން މިއަދަކީ އޭނާއަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މި ލިބުނު ކާމިޔާބީ އަކީ ޗެންޕިއަންސް ލީގު ލިބުމަށްވުރެ ބޮޑު އުފަލެއް ކަމެވެ. އެންމެ ފަހުން ރެއާލް އިން ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން