ތިމާގެ ދިރިއުޅުމުގައި ގެންގުޅޭ އާދަކާދައާއި ވައްޓަފާޅިއަކީ ދިރިއުޅުމުގެ ކާމިޔާބީއާއި ނާކާމިޔާބީއާއި ގުޅިލާމެހިފައިވާ އަދި އެކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ދެ އެއްޗެކެވެ. އެއީ އަޅުގަނޑުމެންގެ ދުވަސްތައް ތަރުތީބުކޮށް އަޅުގަނޑުމެންގެ ނިންމުންތަކަށް އަސަރުކުރާ އަދި އަޅުގަނޑުމެންގެ ދިރިއުޅުމުގެ މިސްރާބު ބައްޓަންކޮށްދޭ އެއްޗެކެވެ. ނަމަވެސް ބައެއް އާދަތަކުގެ ސަބަބުން އަޅުގަނޑުމެން ކުރިއަށް ދާއިރު، އަނެއްބައި އާދަތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ދިރިއުޅުމުގައި ނާކާމިޔާބީތަކާއި ދިމާވެއެވެ.

އެހެންނަމަވެސް ކޮންމެ އާދައަކީވެސް ބަދަލުކުރެވިދާނެ އެއްޗެކެވެ. ގެއްލުންދެނިވި އާދަތައް ދެނެގަނެ އެ އާދަތައް ދޫކޮށްލުމުން، ދިރިއުޅުމުގެ މިސްރާބު އަލުން އަނބުރާ އިއާދަކޮށްލުމަށް ފުރުޞަތު ލިބޭނެއެވެ. އެހެންކަމުން ދިރިއުޅުމުގައި ޙާސިލްކުރަންބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލްނުވެވި ވަކި ހިސާބަކުން ފެއިލިވާން ދިމާވާ އާދަތައް ދެނެގަތުމަކީ އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް މުހިއްމު ކަމެކެވެ.

އެހެންކަމުން ދެން މިބަލާލަނީ ދިރިއުޅުމުގައި ދިމާވާ ތަފާތު ގޮންޖެހުންތަކުން އަރައިނުގަނެވި ކަންކަމުގައި ކުރިއަށް ނުދެވި ފެއިލްވެގެންދާ މައިގަނޑު ސަބަބެއްކަމުގައިވާ ނުރަނގަޅު އާދަތަކަށެވެ.

ދިރިއުޅުމުގައި ގެންގުޅެވޭ ނުރަނގަޅު އާދަތައް

1. ކަންކަން ފަސްކުރުން:

"މާދަމާ އަހަރެން އެކަން ކުރާނަން" މިހެން ބުނުމުން، މާދަމާ އަނެއް ދުވަހަށް ބަދަލުވެ، ދެން އަނެއް ދުވަހަށް ބަދަލުވެގެން ދެއެވެ. ފަސްކޮށްލުން ނުވަތަ އިނގިރޭސިބަހުގައި އޮންނަ 'ޕްރޮކްރަސްޓިނޭޝަން'އަކީ ހަމައެކަނި މަސައްކަތްތައް ލަސްވުމުގެ ގެއްލުން އެކަނިވާކަމެއް ނޫނެވެ. އެއީ އަހަރެމެންގެ ލަނޑުދަނޑިތަކާއި ހުވަފެންތައް ދޫކޮށްލުމަކީ، ރަނގަޅު ކަމެއްކަން ސިކުނޑިއަށް ވިސްނުވައިދޭވެސް އާދައެކެވެ. އެހެންކަމުން، އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަންވީކަމަކީ ދުވަސްތައް ފާއިތުވަމުން ދިއުމާއެކު މިކަމުގެ ސަބަބުން ފުރުސަތުތައް ގެއްލި ހިތާމަކުރަން ޖެހިދާނެ ކަމެވެ. ހަނދާނުގައި ބަހައްޓަންވީކަމަކީ ކޮންމެ ކުށަކީ ވެސް ދިރިއުޅުމުގައި ދަސްވާ ފިލާވަޅެއްކަމެވެ. ކަންކަމުގެ ޒިންމާނަގައި ސުންގަޑިތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރެވުމުން އަޅުގަނޑުމެންނަށް މިނުރަނގަޅު އާދަ ފިލުވައިލެވިދާނެއެވެ.

2. ނެގެޓިވް ސެލްފް ޓޯކް ނުވަތަ ނަފްސާއިކުރެވޭ ނައްސި މުއާމަލާތު: "ކަލެއަކަށް މިކަން ނުކުރެވޭނެ" ނުވަތަ "ކީއްވެ ޓްރައި ވެސް ކުރަނީ؟" ފަދަ ލަފްޒުތަކުން ނެގެޓިވް ސެލްފް ޓޯކް ނުވަތަ ނައްސި މުއާމަލާތުތަކެއް ހިތުގައި ގެންގުޅުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ނޭނގިނަމަވެސް ގެންގުޅެވޭ އާދައެކެވެ. އަޅުގަނޑުމެންގެ ސިކުނޑީގައި ކޮންމެވެސް ކަހަލަ ބަހަނާއެއް ގެންގުޅުމަކީ ކުރިއަރައިދިއުމަށް މީހާ އަމިއްލަ ނަފްސަށް ގެއްލުން ލިބިދާނެކަމެކެވެ. އެންމެ ގާތް ރަހުމަތްތެރިޔާއާ އެގޮތަށް ވާހަކަ އެއްވެސް މީހަކު ނުދައްކާނެއެވެ. ނަމަވެސް އަމިއްލަ ނަފްސާއިމެދު އެގޮތަށް އަމަލުކުރަނީ ކީއްވެގެންތޯއެވެ؟ މިހެން ކަންތައް ކުރުމުގެ ބަދަލުގައި، ތިމާގެ އަމިއްލަ ނަފްސުގެ އެންމެ 'ނުބައި ކްރިޓިކެއްގެ' ގޮތުގައި އިހުސާސްވާ ކޮންމެ ފަހަރަކު އެ ވިސްނުން ހުއްޓުވާލައި ރީފްރޭމް ކުރާށެވެ. " އަހަރެންނަށް ނުވާނެ" ގެ ބަދަލުގައި "ވީއެންމެ ރަނގަޅަކަށް ކުރެވޭތޯ މަސައްކަތްކުރާނަން" ބޭނުންކުރާށެވެ. އަމިއްލަ ނަފްސާއި ޗެލެންޖްކޮށް، އެތެރޭގެ ޑައިލޮގް ބަދަލުކޮށްގެން، އަޅުގަނޑުމެންގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރަކަށް އަދި ސަޕޯޓަކަށް އަމިއްލަ ނަފްސު ހަދާށެވެ.

3. އަބަދު ފަސޭހަގޮތް ހޯދުން:

ހިތްހަމަޖެހުން ހޯދަން، އަބަދުވެސް އަޅުގަނޑުމެން ކޮމްފޯޓް ޒޯންގައި ތިބުމަކީ ހަގީގަތުގައިވެސް ދިރިއުޅުމުގައި ކުރިއެރުން ނުލިބިދާނެ ސަބަބެކެވެ. ކާމިޔާބީއާއި ކުރިއެރުން ލިބެނީ ރިސްކުނަގައި އާ ކަމެއް ކުރަން އުޅުމުންނެވެ. އެއީ ޖިމަށް ދިއުން ނުވަތަ ވިޔަފާރި ފެށުން ނުވަތަ އެނޫންވެސް ނުފެށިފައި އޮތްކަމެއްގައި ކަންނެތްކަން ކަނޑުވާލާއި އެކަމާއި ކެރިގެން ކުރިމަތިލައިގެންނެވެ. ޙަޤީޤީ ކުރިއެރުން ފެންނާނީ އޭރުންނެވެ. އަދިހަމައެހެންމެ، ފަސޭހަ ގޮތްތައް ދޫކޮށް އުނދަގޫކަންކަން ކުރުމަށް ކުރިމަތިލުމާއިއެކު އަމިއްލަ ނަފްސަށް ގަވާއިދުން ޗެލެންޖް ކުރުމަކީ ވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ.

4. އެންމެ ފުރިހަމަގޮތަށް ކަންކަން ކުރަން އުޅުން:

ދިރިއުޅުމަކީ އޮޅުންބޮޅުން ގިނަ، ފުރިހަމަކަމެއް ނުވާ، އަދި ހައިރާންކަމުން ފުރިގެންވާ އެއްޗެކެވެ. ވީމާ، ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ ނިޔަތުގައި ކަންކަމަށް މާބޮޑަށް ސަމާލުކަންދޭނަމަ، އަބަދުވެސް މާޔޫސްވެފައި ހުންނަންޖެހިދާނެއެވެ. އުނިކަންތަކުގައިވެސް އެކަމަކަށް ލިބިގެންވާ ފުރިހަމަކަމެއް ވެއެވެ.

5. އަމިއްލަ ނަފުސާއި އެހެން މީހުންނާ އަޅާކިޔުން:

އެހެން މީހުންގެ ދިރިއުޅުމުގެ ހައިލައިޓްއާއި އަމިއްލަ ނަފްސުގެ ދަތުރު އަޅާކިޔުމަކީ އޮރެންޖާއި އާފަލާއި އެއްވަރުކުރުން ފަދަ ކަމެކެވެ. ހަނދާނުގައި ބަހައްޓަންވީ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކީ ފުރާފުރިހަމަ މީހެއް ނޫންކަމެވެ. އަދި ކޮންމެ މީހަކީވެސް ތަފާތުމީހެކެވެ. މާތްރަސްކަލާނގެ އަހަރެމެންގެގައިގައި ކުޅަދާނަކަމާއި ޤާބިލުކަން ލައްވާފައިވަނީ ތަފާތު ހުނަރުތައް ތަފާތު މިންވަރަށެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ މިސްރާބަކާއި، އެމީހެއްގެ އަމިއްލަ ގޮންޖެހުންތަކަކާއި އަމިއްލަ ކާމިޔާބީތައް ލިބިގެންވާ މީހެކެވެ. ތިމާގެ އަގު ވަޒަންކުރަން އެހެން މީހުންނާ އަޅާކިޔުމުގެ ބަދަލުގައި ތިމާގެ ތިމާގެ ކުރިއެރުމާއި ތިމާއަށް އުފަލާއި ހިތްހަމަޖެހުން ލިބިދޭ ކަންކަން ކުރުމަށް ސަމާލުކަންދޭށެވެ.

6. ހިތަށް އިހުސާސްކުރެވޭ ބައެއް ކަންކަމަށް 'އިންޓުއިޝަން' އަށް ސަމާލުކަންނުދިނުން:

އަޅުގަނޑުމެންގެ އިންޓިއުޝަން، ގަޓް ފީލިންގ ނުވަތަ ކަމަކާއި ގުޅީގެން ކުރެވޭ އިހުސާސަކީ، އަޅުގަނޑުމެންނަށް ކަމެއްވާނެ ގޮތްތާއިމެދު ހަށިގަނޑުން އިޝާރާތްކުރާ ގޮތެވެ. އެއީ ގިނަފަހަރަށް ކަންވާގޮތާއި ދިމާވާ ކަމެއްވެސްމެއެވެ. އެހެންނަމަވެސް، އަޅުގަނޑުމެން ކަންކަމާއި ވިސްނައި ހައްލުހޯދުމަށް ކުރާ މަސައްކަތުގައި، ބައެއްފަހަރު އަޅުގަނޑުމެން މި އިންސްޓިންކްޓުތަކަށް ސަމާލުކަން ނުދެވެއެވެ. އަދި ހަށިގަނޑުން އަޅުގަނޑުމެންނަށް އިޝާރާތްކުރަނީ ރަނގަޅު މަގަށްކަން ފަހުން އިޙްސާސް ކުރެވެއެވެ. ކޮންމެ ފަހަރަކު މިހެން ދިމާނުވިނަމަވެސް، ސިކުނޑިއާއި މީހާގެ ހިތް އިޝާރަތްކުރާ ކަންކަމަށް ސަމލުވެ އިޖާބަދޭންޖެހޭ ހާލަތްތައްވެސް އަންނާނެއެވެ. އެހެންކަމުން މިހެން އިހުސާސްކުރެވޭނަމަ ތިޔަކުރަން އުޅޭކަމެއް އިތުރަށް ދިރާސާކޮށްލުމަކީ މުހިންމުކަމެކެވެ.

7. ކޮންމެ ކަމަކަށްވެސް "އާނއެކޭ" ބުނުން: އަބަދު ހުރިހާކަމަކަށް "އާނއެކޭ" މީހަކަށް ވުމަކީ ކޮންމެހެން ރަނގަޅު ކަމެއް ނޫނެވެ. ކޮންމެ ކަމަކަށް ވެސް އަބަދުމެ އެއްބަސްވުމަކީ މިހާ ކަންކަމާއި ހާސްވެ ރުޅިވެރިކަން އުފެދޭކަމެކެވެ. ނޫނެކޭ ބުނުމަކީ އަމިއްލަ އެދުން އިސްކޮށް އަދި އޯގާތެރިކަން ނެތުމެއްވެސް ނޫނެވެ. ޙަޤީޤަތުގައި، އަޅުގަނޑުމެންގެ އަމިއްލަ މިންގަނޑުތައް ކަނޑައެޅުމާއި، އަޅުގަނޑުމެންގެ ލިމިޓްތައް ދެނެގަތުމަކީ، އަމިއްލަ ނަފްސަށް ހޭލުންތެރިވެ، ތިމާގެ ދުޅަހެޔޮކަމަށް އިޙްތިރާމްކުރުމުގެ އަލާމާތެކެވެ.

8. އޯވަރ ތިންކިންގ ނުވަތަ ކަންކަމާއި މާބޮޑަށް ވިސްނުން:

ކޮންމެކަމެއްގެ ތަފްސީލް ހޯދައި ހުރިހާމަކެއް އޯވައެނަލައިޒް ކުރުމުން ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އަދި އެކަމުގެ ސަބަބުން ނުތަނަވަސްކަން އިތުރުވެގެންދެއެވެ. ދިރިއުޅުމަކީ އަންދާޒާ ނުކުރެވޭ ވަރުގެ އެއްޗެކެވެ. އެއްވެސް މިންވަރެއްގެ ވިސްނުމާއި ފިކުރާއި ޚިޔާލަށް ހުރިހާ ޖަވާބެއް ނުދެވޭނެއެވެ. ވީމާ މާބޮޑަށް ތިޔަ ވިސްނާ ވިސްނުން ދޫކޮށްލާށެވެ.

9. ބަދަލުތަކަށް ތަބާނުވުން:

ޓެކްނޮލޮޖީއާއި މީހުންގެ ވިސްނުމާއި ލައިފްސްޓައިލަށް އަންނަ ބަދަލާއިގުޅިގެން ތިމާގެ ވިސްނުމާއި ކަންކަން ކުރުމުގެ އުސޫލަށްވެސް ބަދަލު އަންނަންޖެހޭނެއެވެ. މިހެން ބަދަލުތަކަށް ނަބާވުމަކީ އުނދަގޫކަމަށްވީނަމަވެސް، ބަދަލުތައް ޤަބޫލުކުރުމަކީ، އަޅުގަނޑުމެންނަށް ކުރިއެރުމާއި، އުނގެނުމާއި، ޙަޤީޤަތުގައި ވެސް ދިރިއުޅުން ކާމިޔާބުކުރުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

މިދެންނެވުނު ކަންކަމަށް ސަމާލުކަންދީ ތިމާގެ ދިރިއުޅުމުގެ ވަށްޓަފާޅިއާއި އާދަކާދައަށް ބަދަލުގެނެވިއްޖެ ކޮންމެ މީހެއްގެ ދިރިއުޅުން ބައްޖަވެރިވެ، އުފަލާއި ހިތްހަމަޖެހުމާއެކު ދިރިއުޅުން އާރާސްތުކުރެވިގެންދާނެ ކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން