ޖަޒުބާތުގައި ޖެހިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ދެކޮޅަށް ވޯޓުދީގެން ވާނެ މޮޅެއް ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޯމަތިވެފައިވާއިރު ސަޢުދު ވިދާޅުވީ، ޖަޒުބާތުގައި ޖެހިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ދެކޮޅަށް ވޯޓުލާ މީހުންނަށް ވާނެ މޮޅެއްނެތް ކަމަށެވެ. އެގޮތުން ރާއްޖެއަށް މިހަމަޖެހުން އައިސްފައިމިވަނީ ރައީސް ޞާލިޙްގެ ލީޑަރޝިޕްގައި ކަމަށް ސަޢުދު ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ޞާލިޙަކީ ހިތްހެޔޮ، އޯގާތެރި ވެރިއެއްކަމަށް ސަޢުދު ވަނީ ވިދާޅުވެފައެވެ.

"ޤައުމުގެ ހަމަޖެހުމަކީ އެޤައުމެއްގެ ކުރިއެރުން. ހަމަޖެހުމެއް ނެތް ތަނެއްގައި އިޤްތިޞާދުވެސް ދެމިނުއޮންނާނެ." ސަޢުދު ވިދާޅުވިއެވެ.

ސައުދު މީގެކުރިންވެސް ވިދާޅުވެފައިވަނީ ރާއްޖެ އާރާސްތުވާނީ ރައީސް ޞާލިޙާއެކު ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ވޯޓުލާން ޖެހެނީ ޤައުމީ ފިކުރުގައި މަސައްކަތްކުރާ ހަމައެކަނި ކެންޑިޑޭޓަށްވުމުން ކަމަށްވެސް ސަޢުދު ވަނީ ވިދާޅުވެފައެވެ.

ސެޕްޓެމްބަރ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރަށްވާނީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު އާއި، އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން