ސައުދީ އަރަބިއްޔާގެ އަލް އިއްތިފާގުން ފްރާންސް ލީގް ޕީއެސްޖީގެ މިޑްފިލްޑަރ ޖޯޖީނިއޯ ވައިނަލްޑަމްގެ ސޮއި ހޯދައިފިއެވެ.

މި ޓްރާންސްފާގެ ޚަބަރު އަލް އިއްތިފާގުން އިއުލާންކުރީ ހޮނިހިރު ދުވަހުގައެވެ. އެހެން ނަމަވެސް، އުމުރުން 32 އަހަރުގެ ވައިނަލްޑަމް ހޯދުމަށް އަލް އިއްތިފާގުން ކޮށްފައިވާ ޚަރަދެއް އެ ކްލަބުން ހާމަކޮށްފައިނުވެއެވެ.

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސްޓީވަން ޖެރާޑް އަލް އިއްތިފާގްގައި ކޯޗްއެއްގެ ގޮތުގައި ހަރަކާތްތެރިވާއިރު، މި ކްލަބްގައި އޭނާއާއިއެކު ލިވަޕޫލްގައި މަސައްކަތްކުރި ޖޯޑަން ހެންޑަސަންވެސް ހަރަކާތްތެރިވެއެވެ.

ނެދަލޭންޑްސްއަށް ނިސްބަތްވާ ވައިނަލްޑަމް ޕީއެސްޖީއާއި ގުޅުނީ 2021 ވަނަ އަހަރުގައެވެ. އެހެން ނަމަވެސް، ފްރާންސް ލީގްގެ ޗެމްޕިއަންކަން ހޯދާފައިވާ ޕީއެސްޖީގައި އޭނާއަކަށް އެދެވޭ ފެންވަރުގެ ކުޅުމެއް ނުދެއްކުނެވެ. ނަތިޖާއެއްގެ ގޮތުން، ޕީއެސްޖީން ވަނީ ވައިނަލްޑަމް އިޓަލީ ލީގް ކްލަބް އޭއެސް ރޯމާއަށް ލޯން އުސޫލުން ދޫކޮށްލައިފައެވެ.

ނިމިދިޔަ އަހަރުގެ އޮގަސްޓް މަހު ރޯމާގެ ފަރިތަކުރުމެއްގެ ތެރެއިން ވައިނަލްޑަމްގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާއަށް އެ ކްލަބްގައިވެސް މާ ގިނަ މެޗްތަކުގައި ބައިވެރިނުވެވުނެވެ. އޭގެ ފަހުން އޭނާ އެނބުރި ފްރާންސަށް ދިއުމުން ޖެރާޑް ވަނީ އަލް އިއްތިފާގާއި ގުޅުމަށް އޭނާއަށް ދައުވަތު ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން