ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް، މިހާރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ ބައްޕަ އަޙްމަދު ނަސީމާ ބައްދަލުކުރައްވައިފިއެވެ.

ޤާސިމް އިބްރާހީމާއި ފައިސަލް ނަސީމްގެ ބައްޕައަކީ ވަރަށް ކުރިއްސުރެ ގާތް ދެރަހްމަތްތެރިންނެވެ. ފުވައްމުލަށް ސިޓީއަށް ވަޑައިގެން، އެސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ޤާސިމް އެންމެ ފުރަތަމަ ވަޑައިގެންނެވީ އަހްމަދު ނަސީމާއި ބައްދަލުކުރެއްވުމަށެވެ.

ނައިބު ރައީސް ފައިސަލް ނަސީމަކީވެސް ޤާސިމާ ވަރަށް ގާތް ބޭފުޅެކެވެ. އެމަނިކުފާނު ނައިބުރައީސްކަމަށް ވަޑައިގަތީވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހެދި ކޯލިޝަނުން ނައިބު ރައީސްގެ ސްލޮޓު ދިނީ ޖުމްހޫރީ ޕާޓީއަށެވެ.

ފައިސަލް ނަސީމް ފާހަގަކުރެވިފައިވަނީ މިހާތަނަށް ރާއްޖެދުށް ރައީސުލްޖުމްހޫރިއްޔާއަށް އެންމެ އިޚްލާސްތެރި ނައިބުރައީސްގެ ގޮތުގައެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ވަނީ ފާހަގަކުރައްވާފައެވެ.



ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި މިހާރު ފުވައްމުލައް ސިޓީއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ޤާސިމްވަނީ ވޭތުވެދިޔަ ސަރުކާރުތަކުން އެސިޓީއާމެދު އިހުމާލުވެފައިވާކަމަށް ވިދާޅުވެފައެވެ. ޤާސިމް ވިދާޅުވީ، ފާއިތުވި ފަނަރަ އަހަރުގެ ތެރޭގައި ފުވައްމުލަކަށް މާބޮޑު ތަރައްގީއެއް އައިސްފައި ނުވާކަން ފާހަގަކުރައްވާފައެވެ.

ޤާސިމްވަނީ ފުވައްމުލައް މިއީ ކޮން ކަހަލަ ސިޓީއެއްތޯ ސުވާލުކުރައްވާފައެވެ. ސިޓީއެއްގައި ހުންނަންޖެހޭ ސިފަތަކާއި ޚިދުމަތްތަކާއި ތަރައްޤީގެ ކުރިއެރުންތައް ފުވައްމުލަކުގައި ނެތްކަން ފާހަގަކުރައްވައި ޤާސިމްވަނީ މިހާތަނަށް އައި ސަރުކާރުތަކަށް ފާޑު ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން