މަރްޔަމް ނަހްދާ ވަޙީދު   26 މާރިޗު 2026 - 16:25
މޫސާ އަލީ ޖަލީލް އާއި ޤާސިމް އިބްރާހިމް-
މޫސާ އަލީ ޖަލީލް އާއި ޤާސިމް އިބްރާހިމް-
މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ މަޤާމަށް، ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މޭޖަރ ޖެނެރަލް (ރިޓަޔާޑް) މޫސާ ޢަލީ ޖަލީލަށް ތާއީދުކުރަށްވާކަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް މިއަދު އިޢުލާން ކުރައްވައިފިއެވެ.

އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ޤާސިމް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލް އެންޑޯޒްކޮށް، ފުރިހަމައަށް ތާއީދު ކުރަށްވާ ކަމަށެވެ.

ޤާސިމް ވިދާޅުވީ މޫސާ ޢަލީ ޖަލީލަކީ ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑެއް އޮތް، ޤައުމުގެ ދިފާޢުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބަޠަލެއް ކަމަށެވެ. އަދި އެއީ ދިވެހި ދައުލަތުން އެމަނިކުފާނުގެ އަގު ވަޒަންކުރަށްވައި، ނިޝާން ޢަސްކަރީގެ ޢިއްޒަތް އަރުވާފައިވާ ބޭފުޅެއްކަންވެސް ޤާސިމް ފާހަގަކުރެއްވިއެވެ.

މޫސާ ޢަލީ ޖަލީލުގެ ޤައުމީ ޢަޒުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން ޤައުމު ސަލާމަތްކުރުމަށް، މޭ އައްޑަނައަކަށް ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއެކު ނުކުންނެވުމަކީ އެމަނިކުފާނުގެ ސާބިތުކަން ހާމަވާ ކަމެއް ކަމަށެވެ. އަދި އެއިރުއްސުރެ މިއަދާ ހަމައަށްވެސް އެމަނިކުފާނު ހުންނެވީ ޤައުމަށްޓަކައި ތައްޔާރަށް ކަމަށާއި، އެކި ސަރުކާރުތަކުން މަތިކުރެއްވި ކޮންމެ ޒިންމާއެއްވެސް އަދާކުރެއްވީ ތެދުވެރިކަމާއެކު، ފަސްބައިގައި ކިލަނބުކަމެއް ނެތި ކަމަށް ޤާސިމް ވިދާޅުވިއެވެ.

ހަމައެއާއެކު މޫސާ ޢަލީ ޖަލީލަކީ ނުހަނު ޚުލްޤުހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަޚްޞިއްޔަތެއް ކަމަށް ޤާސިމް ވިދާޅުވެފައިވެއެވެ. އެހެންކަމުން، ރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެ ސިޓީ ހިންގެވުމުގެ އެންމެ އިސް މަޤާމަށް މޫސާ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެރި، އަދި ޤާބިލް އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީންވާ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

މާލެ ސިޓީ ހިންގަވަން މުރާލި އަދި ދުރުވިސްނޭ މާލިމީއަކަށް އުންމީދުކުރާ މާލޭގެ ރައްޔިތުންނާއި، ޤާސިމްގެ ބަސް ޤަބޫލުކުރައްވާ އެންމެހާ ފަރާތްތަކުން މިފަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު 4، މޫސާ ޢަލީ ޖަލީލަށް ވޯޓު ދެއްވުމަށް ޤާސިމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

"‏އަޅުގަނޑު އެދެނީ، މާލެ ސިޓީ ހިންގަވަން، މުރާލި ދުރުވިސްނޭ މާލިމީއަކަށް އުންމީދު ކުރައްވައިގެން ތިޔަ ތިއްބެވި ލޮބުވެތި ރައްޔިތުން، އަދި އަޅުގަނޑުގެ އަޑުއައްސަވާ ބަސް ގަބޫލުކުރައްވާ އެންމެހާ އަޚުންނާއި އުޚްތުން، މިފަހަރުގެ އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލަށް (ކެނޑިޑޭޓް ނަންބަރު 4 އަކަށް ) ތާއީދުކުރައްވާ ވޯޓުދެއްވުން." ޤާސިމްގެ ޕޯސްޓުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު