ސާވިކްސްއަކީ އަންހެނާގެ ކުރިމަތިފަރާތާއި ރަހިމާއި ދެމެދު ހުންނަ ތަނެކެވެ. އެއީ ރަހިމާއި ވެޖައިނާއާއި ގުޅުވައިދޭ ބަޔެވެ. ވިހެއުމަށް ތައްޔާރުވުމުން މިބައި ހުޅުވެއެވެ. އަދި އަންހެނާ އެންމެ ފާޓައިލްވާ ދުވަސްވަރު ނުވަތަ ބަނޑުބޮޑުވުމަށް ހަށިގަނޑު ތައްޔާރުވުމުންވެސް ކޮންމެ މަހަކުވެސް ވަކި ދުވަސްވަރެއްގައި ދަރިފަންޏަށް ރަހިމާއި ހަމައަށް ވާސިލްވުމަށްޓަކައި

މިދޮރު ހުޅުވެއެވެ.

އަންހެނާގެ ރަހިމާއި ގުޅިފައިވާ މިގުނަވަނަކީ ޞިއްހަތު ސަލާމަތުން ބެހެއްޓުމަށާއި މާބަނޑުވުމަށް މުހިންމު ގުނަވަނެކެވެ. އަދި މިގުނަވަނުން ބެކްޓީރިއާއާއި ވައިރަސްފަދަ ނުރައްކާތަކުން ރަހިމު ސަލާމަތްކޮށްދެއެވެ. ސާވިކަލް ކެންސަރއަކީ ދުނިޔޭގެ ނިސްބަތުން އަންހެނުންނަށް ޖެހޭ 4 ވަނައަށް އެންމެ އާއްމު ކެންސަރު ބައްޔެވެ. އަދި މިއީ އެހާ ނުރައްކާތެރި ބައްޔެކެވެ. ފަރުވާ ނުހޯދިއްޖެނަމަ މިބަލީގެ ސަބަބުން ރަހިމު ނަގަންޖެހި އުމުރަށް މާބަނޑުވުމުގެ އުފަލުން މަހުރޫމުވާން ޖެހިދެއެވެ.

މިބަލި އާއްމުކޮށް ޖެހެނީ ކުރިމަތިފަރާތަށްޖެހޭ ހިއުމަން ޕެޕިލޯމާ ވައިރަސްގެ އިންފެކްޝަންއެއްގެ ސަބަބުންނެވެ. އެހެންކަމުން ކުރީބައިގައި ބަލި ދެނެގަތުމަށް ޕެޕްސްމިއާ ހެދުމާއި އެޗް.ޕީ.ވީ ޓެސްޓް ހެދުމަކީ ވަރަށް މުހިންމުކަމެކެވެ. ދުނިޔޭގެ ތަރައްޤީވެފައިވާ ގިނަ ޤައުމުތަކުގައި 21 އަހަރުންފެށިގެން އަންހެންކުދިންގެ މިދެންނެވި ޗެކަޕްތައް ހަދައެވެ.

ހިއުމަން ޕެޕިލޯމާ ވައިރަސް އަކީ ޖިންސީގޮތުން ގައިންގަޔަށް އަރާ ނުވަތަ 'ސެކްޝުއަލީ ޓްރާންސްމިޓެޑް' ބައްޔެކެވެ. މިގޮތުން މިބަލި ހުރި މީހަކާއިއެކު ޖިންސީ ގުޅުން ހިންގުމުން ޞިއްހަތު ރަނގަޅުމީހާގެ ހަށިގަނޑަށް ބަލި ވާސިލުވެއެވެ. އަދި އެއްވެސް އަލާމާތެއް ނުފެނި ހަށިގަނޑުގައި ބަލި ހުރެއެވެ. ބައެއް ފަހަރު މިބަލި ހަށިގަނޑުން އެއްވެސް އަލާމާތެއް ނުފެނިހުރެ އަމިއްލަޔަށް ރަނގަޅުވެގެންވެސް ދެއެވެ. ނަމަވެސް މިއީ ދިފާއީ ނިޒާމް ވަރަށް ވަރުގަދަ މީހުންނަށް ލިބޭ ނަސީބެކެވެ. އަނެއްބަޔަކަށް ކުރިމަތިފަރާތުންނާއި އަނގައިން އުން ނަގައެވެ.

ހިއުމަން ޕެޕިލޯމާ ވައިރަސްގެ 100 އެތައް ވައްތަރެއް ހުންނަ އިރު ބައެއް ވައްތަރުތަކަކީ ސީދާ ސާވިކްސްއަށް އަސަރުކޮށް ސާވިކަލް ކެންސަރަށް މަގުފަހިކުރުވާ ބަލީގެ ބާވަތްތަކެވެ. އެންމެ ފުރަތަމަ މަރުހަލާތަކުގައި ބަލީގެ އަލާމާތެއް ނުފެނި ހަށިގަނޑުގައި ބަލި އިތުރުވެގެންދެއެވެ. އަދި ޓިއުމަރ އުފެދުމުން ޖިންސީގުޅުން ހިންގުމުން ކުރިމަތިފަރާތުން ލޭއައުމާއި ކުރިމަތިފަރާތުގައި ނުބައި ވަހެއް ހުރުމާއި ރީނދޫ ކުލައިގެ ޑިސްޗާޖު ހުރުން ހިމެނެއެވެ. މިބަލިބޮޑުވާވަރަކަށް ބައެއް ހާލަތްތަކުގައި ބަނޑުގެ އެއްފަރާތުގައި ތަދެއް ހުރުމާއި ކުރިމަތި ފަރާތް އެގްޒަމައިން ކުރުމުން ފެންނަވަރަށް ބޮޑުކޮށް ޓިއުމަރ ފެންނަންހުރުން ފަދަ އަލާމާތްތައް ގިނަވެގެންދެއެވެ.

ދީނުގައި ކަނޑައަޅުއްވާފައިވާ އިމުން ބޭރުން އެކިމީހުންގެ ފަރާތުން ޖިންސީ އެދުންވެރިކަން ފުއްދަމުން ދިއުމާއި ގިނަ ބައިވެރިން މިކަމުގައި ގެންގުޅުމަކީ ހަށިގަނޑަށް މިފަދަ ބަލިތައް ވާސިލްވާން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. ދިފާއީ ނިޒާމް ވަރުގަދަ މީހުންގެ ހަށިގަނޑަށް މިބަލި ވާސިލުވުމުން އަހަރެއްގެ ތެރޭގައި ބަލި ރަނގަޅުވެދެއެވެ. އަހަރެއްގެ ތެރޭގައި ބަލި ރަނގަޅު ނުވާނަމަ ސާވިކަލް ކެންސާއަށް ބަދަލުވެއެވެ.

ސާވިކަލް ކެންސަރއިން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންކަން



- ޕެޕްސްމިއަރ ޓެސްޓް ހެދުން؛

ޕެޕްސްމިއަރ ޓެސްޓަކީ ސާވކަލް ކެންސަރއަށް މަގުފަހިކުރުވާ ހިއުމަން ޕެޕިލޯމާ ވައިރަސް ހުރިތޯ ޗެކުކުރުމަށް ހެދޭ ޓެސްޓެކެވެ. މިޓެސްޓް ހެދުމަށް ސާވިކްސްއިން ހަންކޮޅެއް ނެގުމަށްފަހު ލެބްގައި ސެލްތައް އެނަލައިޒްކުރެވެއެވެ. މިއީ އާއްމުކޮށް 40 އަހަރުން މަތިވުމުން އަހަރަކު 1 ފަހަރު ހެއްދުން މުހިންމު ޓެސްޓެކެވެ. އަދި ޖިންސީގޮތުން އެކްޓިވް މީހުންވެސް މިގޮތަށް ޓެސްޓް ކުރުމަކީ މުހިންމުކަމެކެވެ. މިޓެސްޓުގެ ސަބަބުން ކުރީގައިބައި ކެންސަރ ބަލި ދެނެގަނެވި ފަރުވާހޯދޭނެއެވެ.

- ހިއުމަން ޕެޕިލޯމާ ވައިރަސް ވެކްސިން؛

ސާވިކަލް ކެންސަރއާއި ބެހޭގޮތުން ހޭލުންތެރި ކުރުވުމުގައި އެންމެ ބޮޑަށް އާއްމުންނަށް ކިޔައިދެނީ މިވެކްސިން ޖެހުމަށެވެ. މިއީ ހިއުމަން ޕެޕިލޯމާ ވައިރަސްއިން ރައްކާތެރިވުމަށް ކުރެވިދާނެކަމެކެވެ. އަންހެންކުދިންގެ އުމުރުން 11 އަހަރާއި 13 އަހަރާއި ދެމެދުގެ އުމުރުފުރާއަށް އެޅުމުން 2 އަހަރުން 2 ޑޯޒް ހަމަކުރުމަށް އިރުޝާދުދެވެއެވެ. މިވެކްސިންއަކީ ރައްކާތެރިވުމުގެ ފިޔަވަޅެއް ނަމަވެސް ޤަވައިދުން ޓެސްޓުކުރުމަކީ މުހިންމުކަމެކެވެ.

- ދުންފަތުގެ އިސްތިއުމާލު ނުކުރުން؛

ދިރާސާތަކުން ދައްކާގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސާވިކަލް ކެންސާ ޖެހުމުގެ ފުރުސަތު އިތުރުވާކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ސާވިސްގައި ހުންނަ ފަށަލައަށް ބަދަލުތަކެއް އައިސް ކެންސަރއަށް މަގުފަހިކުރުވައެވެ.

- ހަގު އުމުރުގައި ޖިންސީގުޅުން ހިންގުން؛

ހަގުއުމުރުގައި ޖިންސީ ގުޅުން ހިންގުމަކީވެސް ސާވިކަލް ކެންސަރއަށް މަގުފަހިކުރުވާ ކަމެކެވެ. ލޭޓް އެޑޮލެސެންޓް އަހަރުތައް ނުވަތަ 20 ގެ އުމުރަށް އަޅައިގަންނަންދެން ޖިންސީ ގުޅުން ނުހިންގުމަކީ މިކަމުން ރައްކާތެރިވެވިދާނެ ފިޔަވަޅެކެވެ. އަދި ތަފާތު އެކި މީހުންނާއި ޖިންސީ ގުޅުން ނުހިންގުމާއި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ނުދިއުމަކީ މިކަމުން ސަލާމަތްކޮށްދޭނެ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން