މައިންބަފައިން އަދި ބެލެނިވެރިން ދަރިންނާއި މުޚާތަބު ކުރާއިރު ގެންގުޅޭ ބަސްތަކަކީ ވަރަށް މުހިންމު އެއްޗެކެވެ. ވަރުބަލިވެ ސްޓްރެސްވެފައި ހުންނައިރު އެންމެ ފައްސި ގޮތަށް ބަސްމަގު ގެންގުޅެން އުނދަގޫވެދާނެއެވެ. އެހެންނަމަވެސް، ބަސް ބުނެވޭގޮތް ވަރަށް މުހިންމެވެ. ކޯޗް ޕޭރެންޓިންގެ ލިޔުންތެރިޔާ އެރިކާ ކެޓްޒް ބުނާގޮތުގައި ގިނަ ކުދިންތަކެއް އެއްފަހަރާ ބަލަމުންގެންދާއިރު، މީހާ ވަރުބަލިވެ ނުތަނަވަސްކަން ހުންނަ ވަގުތުތަކުގައި ބައެއް ފަހަރު ކުދިންނާއި މުޚާޠަބު ކުރުމުގައި ބަސްމަގު ބޭނުންކުރެވޭ ރާގާއި ބޭނުންކުރެވޭ ޢިބާރާތްތަކަކީ ކުދީންނަށް އޭގެ ސަބަބުން ނޭދެވޭ އަސަރުކުރުވާ އެއްޗެކެވެ.

އެހެންކަމުން ކުދީންނަށްވެސް އަދި ބޮޑެތިމީހުންނަށްވެސް ކުށްކުރެވޭނެކަން ދަނެ، ކުދީންގެ ފަރާތުން ނެއެދެވޭ ނުވަތަ ހިތްހަމަ ނުޖެހޭ ކަމެއް ނުވަތަ އުމުރާނުގުޅޭކަމެއް ފެނުނުކަމުގައިވިޔަސް އެފަދަ ވަގުތުގައި ކުދީންނާ މުޚާޠަބުކުރާއިރު ތިމާގެ ބަސްމަގަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. ސަބަބަކީ އެވަގުތު ހިތްހަމަނުޖެހި ރުޅިއައިސް އަޑުލައި ހަދާނަމަ އެކުދިން ދެކޭނީ އެއީ އެކުދިން ކުށެއް ކޮށްގެން ދެވޭ އަދަބެއް ކަމުގައެވެ. އަދި އެފަދަ ވަގުތުތަކުގައި އަޑުލައި ހެދުމަކީ ކުށްވެރިއެއްކަމަށް އަމިއްލަ ނަފްސަށް ގަބޫލުކުރެވި އެކަމާއި ލަދުގަނެ އަމިއްލަ ނަފްސަށް އެކުދީންކުރާ އިތުބާރުވެސް ގެއްލިގެންދާނެ ކަމެކެވެ.

މިއާޚިލާފަށް އޯގާތެރިކަމާއިއެކު ދަރިންނާއި މުޚާތަބުކުރުމުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ ކުދިން އަމިއްލަ ނަފްސަށް އޮންނަންޖެހޭ އިތުބާރު ބޮޑުވެ ހާސްވުމުގެ މައްސަލަތައް ކުޑަވެގެންދެއެވެ.

އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލަފޯނިޔާ، ޑޭވިސް އިން ހޯދިފައިފާ ހޯދުންތަކުން ބަލާއިރު ދަރިން ބޮޑުވަމުން އަންނަ އިރު ތަރުބިއްޔަތު ކުރުމުގައި ފައްސިގޮތްތައް ބޭނުންކުރުމުން އެކުދިން ބޮޑެތި ވަމުންއަންނައިރު ކިޔެވުމުގައި ކުރިއަރައިދެއެވެ.

މިދެންނެވި ދިރާސާތަކުން ދައްކާގޮތުގައި މައިންބަފައިން ކުދިން ލަދުގަންނަވާނަމަ އެކުދިންގެ ނަފްސަށް އޮންނަ އިތުބާރު ގެއްލި ކަންކަން ހާސިލްކުރުމަށް އޮންނަންޖެހޭ އަޒުމާއި ހިއްވަރު އެލިގެންދެއެވެ. ދިގު މުއްދަތުގައި އެކުދިންގެ ކާމިޔާބީއަށް އެންމެ މުހިންމީ އެކުދީން ބޮޑެތިވަމުން އަންނައިރު ދިރިއުޅުމުގައި ދިމާވާ ތަފާތު ގޮންޖެހުންތައް އެކުދިން އަމިއްލައަށް ހައްލުކޮށް ކުރިއަރައި ދިއުމުގެ ވިސްނުން ތަރައްޤީ ކުރުމެވެ. މިކަން ކުރެވޭނީ ކަންކަން ދިމާވުމުން ބެލިނިވެރިން އެކުދިން ލައްވައި ކަންކަން ހައްލުކުރުމަށް ޚިޔާރުކުރެވޭ ބަސްމަގު ހުންނަ ގޮތެއްގެ މައްޗަށް ބިނާކޮށެވެ.

ތިރީގައި މިވަނީ ބެލެނިވެރިން ކަމަކާއި ސްޓްރެސްވެފައި ހުންނަ ވަގުތު ދަރިފުޅާއި މުޚާތަބު ކުރަން ޖެހިދާނެ 4 ހާލަތެއްގައި ބަސްމަގު ގެންގުޅެވިދާނެ ގޮތްތައް ކަމަށް ކެޓްޒް ލިޔެފައިވާ ބައެއް ގޮތްތަކެވެ. އެގޮތުން ދަރިފުޅާއި މުޚާތަބު ކުރާއިރު ހަމްދަރުދީ އިސްކުރުމަކީ ތިރީގައިމިވާ ކޮންމެ ނުކުތާއެއްގައިވެސް އެންމެ ބޮޑަށް ސަމާލުކަންދޭންވާ ކަމެވެ.

1. ދަރިފުޅާއި ހަވާލުކުރި މަސައްކަތެއް ނުނިންމުން؛

މިހާލަތުގައި ނުނިމި ހުރި ކަންކަމަށް ސަމާލުކަން ދިނުމަށް ބަސްމަގު ބޭނުންކުރުމުގައި އެކަން ނުނިންމީ ކީއްވެތޯއިން ސުވާލުކުރަން ނުފަށާށެވެ. މީގެ ބަދަލުގައި ދަރިފުޅު ފުރަތަމަ މިމަސައްކަތުގައި މިކަން ނިންމިގޮތް ހާދަ ފުރިހަމައެވެ. ބާކީ ބައިވެސް ހަމަ އެހާ ފުރިހަމަކޮށް ނިންމާލަމާ ހިނގާށެވެ. މިފަދަގޮތަކަށް ދަރިފުޅާއި މުޚާތަބު ކުރާށެވެ.

2. ރުޅިގަދަވެ ބޮޑާހާކާވަގުތު؛

ރުޅިގަދަވެ ބޮޑާހާކަމުން ބައެއް ކުދިން އެކުދިންގެ ރުޅި ބޭރުކުރުމަށް ތަކެތި އުކައެވެ. ނުވަތަ ކައިރީގައި ތިބި މީހުން ގައިގައި ޖަހައެވެ. މިހާލަތުގައި ވަގުތުން ރުޅި އައިސް ބެލެނިވެރިޔާ ބާރަށް ހަޅޭނުލަވާށެވެ. އަދި އެކަންކަން ނުކުރުމަށް ބުނުމުގެ ކުރީގައި އެންމެ ފުރަތަމަ އެކުދިން ހިތްހަމަނުޖެހިއްޖެކަން ދެނެގަންނަކަން އެކުދިންނަށް އިހުސާސްކޮށްދޭށެވެ. މިގޮތުން އެންމެ ފުރަތަމަވެސް ދަރިފުޅު ދެރަވާކަން މަންމައަށް އެބައެނގެއެވެ. މިގޮތަށް ފަށާށެވެ. ދެން އެއަށްފަހު، ދަރިފުޅު ދެރަވިޔަސް އެއްޗެހި އުކައި މީހުންގައިގައި ނުޖަހާށޭ ބުނެ ނަސޭހަތްދޭށެވެ.

3. ފިލާވަޅު ނުނިންމިގެން އުޅޭވަގުތު؛

ފިލާވަޅުތައް ގިނަވެ ފުނިޖެހުމުން ކުދިންނަށް ވަރަށް ސްޓްރެސް ބޮޑުވެއެވެ. އެހެންކަމުން ދަރިފުޅު އެއްބައި ފިލާވަޅު ނިންމާފައި އަނެއްބައި ނުހަދަންވެގެން ބޮޑާހާކައެވެ. މިހާލަތުގައިވެސް ނިންމާފައި ހުރި މަސައްކަތްތައް ފުރިހަމަކަމަށް ބުނެދީ އަދި އިތުރު މަސައްކަތްތައްވެސް ދަރިފުޅަށް ނިންމޭނެކަމަށް ވިސްނައިދޭށެވެ. އަދި ދަރިފުޅަކީ މޮޅު ކުއްޖެއްކަމަށްވެސް ވިސްނައިދޭށެވެ.

4. ބެލެނިވެރިޔާއަށް ބާރަށް އެއްޗެއް ބުނެވުމުން؛

ބައެއްފަހަރު ދަރިފުޅާއި ދިމާލަށް ކުށެއްނެތި ބާރަށް ބަސްބުނެވެއެވެ. ސްޓްރެސްވެގެން ނަމަވެސް އެހެން ކަންތައް ކުރެވޭ ހާލަތެއް އަތުވެއްޖެނަމަ ދަރިފުޅު ކުރެން މާފަށް އެދޭށެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ މުހިންމު އިސްކަމެއް ދޭންވާކަމަކަށް ކެޓްޒް ބުނަނީ ފައްސިގޮތަށް މުޢާމަލާތު ކުރުމެވެ. ދަރިފުޅުގެ ކިބައިން ނޭދެވޭ ކަމެއް ފެންނަނަމަ ފުރަތަމަ އެކުދިންގެ ފަރާތުން ފެންނަ ރަނގަޅު ކަމެއް ފާހަގަގޮށް ވާހަކަ ދައްކަން ފަށައިގަތުމަށް އޭނާ ނަސޭހަތްތެރިވެއެވެ. އަދި ކަމެއް ގޯސްކޮށް ކުރެވުމުން މައިންބަފައިންވެސް ދަރިން ކައިރީގައި މާފަށް އެދުމަކީ މުހިންމު ކަމެއްކަމުގައި އޭނާ ދެކެއެވެ. މިއީ ބައެއް މީހުން ޤަބޫލުކުރާގޮތުގައި މައިންބަފައިންނަށް އޮންނަންޖެހޭ އިހުތިރާމް އުނިވާކަމެކެވެ. އެހެންނަމަވެސް، މިގޮތަށް މައިންބަފައިންވެސް މާފަށް އެދުމުން، ބޮޑެތި މީހުންނަށްވެސް ކުށް ކުރެވޭނެކަން އިހުސާސްވެ ކުދިންގެ ކިބައިގައި މާފަށް އެދުމުގެ އާދަވެސް އަށަގަންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން