ފޮޓޯ: ކެންގަރޫކިޑްސް އެންޑް ބިލަބޮންގ ހައިއިންޓަރނެޝަނަލް ސްކޫލް އައްޑޫ ކެމްޕަސް
ފޮޓޯ: ކެންގަރޫކިޑްސް އެންޑް ބިލަބޮންގ ހައިއިންޓަރނެޝަނަލް ސްކޫލް އައްޑޫ ކެމްޕަސް
ތުއްތު ދަރިފުޅު ޕްރީ ސްކޫލަށް ގެންދިއުމަކީ ދަރިފުޅުގެ ތައުލީމީ ބިންގާގެ ފުރަތަމަ މަރުހަލާއެވެ. އަދި މިއީ ދަރިފުޅު ހެދި ބޮޑުވަމުން އަންނަ އިރު ދަރިފުޅުގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވައިދޭނެ ތަޖުރިބާއެކެވެ. އެހެންކަމުން ސްކޫލް އަލަށް ފަށާއިރު ފުރަތަމަ ދުވަސްތަކުގައި ކޮންމެވެސް ކަހަލަ ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ މާހައުލު ބަދަލުވެ ނުދަންނަ އާ މީހުންނާއި ތަޖުރިބާތަކެއް ކުރަންޖެހުމުން ކުއްޖާއަށް އެކަމާއި ކުރިމަތިލާން އުނދަގޫވުމެވެ. އަދި މިހެން ދިމާވުމުން ސްކޫލުގައި ނުހުރެ ގެއަށް ދާން ބޭނުންވެއެވެ.

އެހެންކަމުން ދަރިފުޅު އަލަށް ސްކޫލަށް ގެންދިއުމަށް ތައްޔާރު ކުރާނެ ގޮތާއިމެދު ޔުނިސެފް ޕޭރެންޓިންގ އިން ހިއްސާކޮށްފައިވާ ބައެއް ކަންތައްތައް ހިއްސާކޮށްލާނަމެވެ.

1. އެކުގައި ކުރީބައިގައި ސްކޫލަށް ޒިޔާރަތްކުރުން؛

ސްކޫލްގެ ކިޔެވުން ފެށުމުގެ ކުރިން ސްކޫލްގެ މެނޭޖްމަންޓު ނުވަތަ މުދައްރިސާއި ވާހަކަ ދައްކާފައި ދަރިފުޅާއިއެކު ސްކޫލަށް އެކުގައި ގޮސްލާށެވެ. އަދި ސްކޫލްގެ ޕްލޭ އޭރިއާ ގައި އިށީނދެލާ ކްލާސް ރޫމްތަކަށް ޒިޔާރަތްކޮށް ދަރިފުޅަށް ސްކޫލް ދައްކާލާށެވެ. އޭރުން ސްކޫލަށްދާ ފުރަތަމަ ދުވަހުގައިވެސް ސްކޫލަކީ ނުދަންނަ ގޮތްނޭނގޭ ތަނެއް ކަމުގެ އިހުސާސެއް ނުވާނެއެވެ. އަދި ހިތްހަމަޖެހިގެން ސްކޫލްގައި މަޑުކުރުމަށް ބޭނުންވާނެއެވެ.

2. އައު ރައްޓެހިންނާއި ބައްދަލުކުރުން؛

މިއީ ހުރިހާ ބެލެނިވެރިންނަށް ކުރެވިދާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ދަރިފުޅާއި އެއްކުލާހަކަށްދާ އެހެން ކުއްޖެއް އެނގޭނަމަ ދެކުދިން ބައްދަލު ކުރުވައި 'ޕްލޭ ޑޭޓް' އެއް ހަމަޖައްސާށެވެ. އަދި އެކުދިން އެކުއްޖަކު އަނެއް ކުއްޖަކަށް ތަޢާރަފްވެލައި ކުޅެލާނެ ވަގުތު ހޯދައިދޭށެވެ. އޭރުންވެސް ސްކޫލަށް ދާއިރު އެކުގައި ދާނެ އެކުވެރިއެއް ހުރުމުން ދަރިފުޅު ސްކޫލަށް ދާހިތްވާނެއެވެ.

3. ގޭގައި ހުރެ ސްކޫލް 'ޕްރެކްޓިސް' ކުރުން؛

މަންމަ އާއި ދަރިފުޅު ގޭގައި ހުންނަ ވަގުތުގައި ދަރިފުޅަށް ގޮނޑިއާއި މޭޒެއް ދީފައި ސްކޫލްގައި ކަންހިނގާނެ ގޮތުގެ 'ރޯލް ޕްލޭ' އެއް ދައްކައިދޭށެވެ. އަދި ދަރިފުޅު މިކަމުގައި ހިމަނައި ޕްރީ ސްކޫލްގައި ހުންނަ ފަދަ، ސްޓޯރީ ޓައިމްއާއި ، ރައިމްސް ކިޔާ ވަގުތާއި، ކިޔަވާ ވަގުތު ، ލިޔާ ވަގުތު އަދި ކުޅޭ ވަގުތު ދައްކުވައިދޭށެވެ. އޭރުން ސްކޫލަކީ މަޖާ އަދި ހިތްހަމަ ޖެހޭ ތަނެއްގެ ގޮތުގައި ދަރިފުޅަށް ޤަބޫލުކުރަން ފަސޭހަވާނެއެވެ. އަދި ސްކޫލަށް ނުދާން ބޮޑާހޭކުންވެސް މަދުވާނެއެވެ.

4. ސްކޫލަށް ދާން ތައްޔާރުވުމަކީ ގޭމްއެއް ގޮތަށް ސިފަކޮށްދިނުން؛

ގަމީހުގެ ގޮތް އެޅުވުމާއި ބޫޓޫ ހަރުން ނެގުމާއި ބޫޓަށް އެރައި ތައްޔާރުވާ ވަގުތު އެއީ ގޭމެއްގެ ގޮތުގައި ހަދާށެވެ. އަދި މިއީ މަޖާ ތަޖުރިބާއެއްގެ ގޮތުގައި ދަރިފުޅަށް ވިސްނައިދެވޭ ގޮތަކަށް ސްކޫލަށްދާން ތައްޔާރުކުރާށެވެ.

5. އަމިއްލަ ތަޖުރިބާ ކިޔައިދިނުން؛

އަމިއްލަ ތަޖުރިބާއިން ސްކޫލްގެ ވާހަކަތަކާއި ޚާއްސަ ހަނދާންތައް ދަރިފުޅާއި ހިއްސާކުރާށެވެ. އަދި ޕްރީ ސްކޫލް ދައުރުގެ ފޮޓޯ ހުރިނަމަ އެފޮޓޯތައް ދަރިފުޅަށް ދައްކާލުމަކީވެސް ކުރެވިދާނެ ކަމެކެވެ. އަދި ދަރިފުޅަށްވެސް ސްކޫލަށް ދިއުމުން އެކިކަހަލަ ތަޖުރިބާތައް ކުރެވިގެންދާނެ ކަން ކިޔައިދޭށެވެ.



6. ރޫޓިން އެއް ތައްޔާރުކުރުން؛

ސްކޫލް ފެށުމުގެ 3-2 ހަފްތާ ކުރިން ކުދިން ނިންދަވާ ގަޑިއާއި ހޭލާ ގަޑި ކަނޑައަޅައި ރޫޓިންއެއް ގެންގުޅޭށެވެ. މިގޮތުން ނިންދަވާ ވަގުތަކީ ދަރިފުޅު އަނެއްދުވަހު އަވަހަށް ހޭލުމަށް އުނދަގޫ ނުވާނެހެން، ދަރިފުޅަށް ބޭނުންވާ ނިދި ހަމަކުރެވޭނެ ވަގުތެއް ކަމުގައި ހަދަންވާނެއެވެ. އޭރުން ހެނދުނު ގަޑީގައި ދަރިފުޅު ހަމަޖެހިފައި ހުރުމުން އަވަސް އަރުވާލައިގެން ތައްޔާރުކުރަން ނުޖެހޭނެއެވެ.



7. ދަރިފުޅުގެ ވާހަކަތައް އަޑުއެހުން؛

އަލަށް ސްކޫލަށް ދާއިރު ތުއްތު ދަރިފުޅުގެ ސްވާލުތައް ހުންނާނެއެވެ. އެހެންކަމުން ދަރިފުޅު ދައްކާވާހަކަތަކަށް ސަމާލުކަންދީ ސުވާލުތަކުގެ ޖަވާބުދޭށެވެ. އަދި ސްކޫލަކީ ބިރުގަންނަންޖެހޭ ތަނެއް ނޫންކަން ޔަގީންކޮށްދޭށެވެ. އަދި އާންޓީމެންނަކީ މަޖާ ރަނގަޅު ބައެއްކަން ބުނެދޭށެވެ. އަދި ސްކޫލުން ގިނަ އެކުވެރިންތަކެއް ލިބޭނެކަންވެސް ބުނެދީ ސްކޫލަށް ދިއުމަށް ދަރިފުޅު ބޭނުންވާގޮތަށް ވާހަކަތައް ހިއްސާކޮށް ސްކޫލް ނިމުމުން ބަލައި އަންނާނެކަން ޔަގީންކޮށްދޭށެވެ.

8. ދަރިފުޅު ސްކޫލަށްލާ ވަގުތު ޕްލޭންކުރުން؛

އައު ބެލެނިވެރިން ދަރިފުޅު ސްކޫލަށް އަލަށް ފޮނުވާއިރު ވަރަށް އިމޯޝަނަލްވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް އެވަގުތު ދަރިފުޅަށް މަންމަ ދެރަވެފައި ހުންނަ ކަން ނުވަތަ ހާސްކަން އިހުސާސްކޮށްނުދޭށެވެ. ސްކޫލަށް ވަންނަން ދަރިފުޅު ދިއުމުގެ ކުރިން ކޮންމެވެސް ކަހަލަ ކަމެއް ރޫޓިން ތެރެއަށް ލެވިދާނެއެވެ. ދަރިފުޅު މޫނަށް ދޮނެއް ދެވިދާނެއެވެ. ނުވަތަ ދަރިފުޅު ލައްވައި ސަލާން ކޮށްލުވައި ބައްދާލެވިދާނެއެވެ. އެހެންނަމަވެސް މާގިނައިރު މިގޮތަށް ކުއްޖާ ނުހިފަހައްޓާށެވެ.

ދަރިފުޅު އަލަށް ސްކޫލަށް ފޮނުވާއިރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް ފުރަތަމަ ކޮޅު ކުޑަކޮށް ދަރިފުޅުގެ ފަރާތުން ބޮޑާހޭކުމާއި ރުއިން ފަދަ ކަންކަން ފެނެނުނުނަމަވެސް ފަހުން މިކަންކަން ހައްލުވެދާނެއެވެ. އެހެންކަމުން މިކަމުގައި ބެލެނިވެރިންވެސް ހިއްވަރުކޮށްފައި އަނެއްކާވެސް ހަމަ އެރޫޓިންއިން ކުރިއަށް ގެންދާށެވެ. މަޑުމަޑުން ދަރިފުޅު ސްކޫލަށް ހޭނިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން