ދިރިއުޅުމުގައި ކިތަންމެ ބުރަކޮށް އުޅެންޖެނުހު ކަމުގައިވީނަމަވެސް ވަގުތު ނެތިގެން ނިދާ އެނދުތައްމަތި ބަދަލުކޮށް ހެދުމަކީ ވަރަށް އަޅުގަނޑުމެންގެ ހަށިގަނޑުގައިވާ ނާޒުކު ހަން ބަލިތަކުން ރައްކާތެރިކުރުމުގެ ގޮތުން ކުރަންޖެހޭނެ ކަމެކެވެ. ބެޑްޝީޓް ދޮވުމުގައި ނުވަތަ ބެޑްޝީޓްތައް ބަދަލުކުރުމުގައި ފަރުވާކުޑަކޮށްލެވޭނަމަ ވިސްނާލާށެވެ.

މިއީ އަޅުގަނޑުމެންގެ ނާޒުކު ހަންގަނޑަށް ނުހަނު ގެއްލުންހުރި އާދައެކެވެ. ބެޑް ޝީޓު އަދި ބާލީހުން ފެންނަން ނެތް ކަމުގައިވީނަމަވެސް މިއީ ކޮންމެ ދުވަހަކުވެސް އަހަރެމެންގެ ހަށިގަނޑުގެ ހަމުން ފައިބާ އެތަކެއް ހާސް 'ޑެޑް ސްކިން ސެލް' ނުވަތަ އިންސާނާގެ ހަމުން ފައިބާ މަރުވެފައި ހުންނަ ލޮލަށް ނުފެންނަ ވަރުގެ ސެލްތައް ބެޓްޝީޓުގައި ޖަމާވެފައި ހުންނާނެއެވެ. އަދި މިކަމުގެ ސަބަބުން ބެޑްޝީޓް ތަޢައްޔަރުވެ ބަލީގެ ހާއްޔަކަށް ވެގެންދެއެވެ. އަދި އެކިއެކި ބަލިތައް ޖައްސާ ބެކްޓީރިއާއާއި ފަންގަސްއާއި އެހެނިހެން ބަލިފަތުރާ 'އޯގަނިޒްމްތައް' ބެޑްޝީޓުގައި އިތުރުވާންފަށައެވެ. އެހެންކަމުން މީގެސަބަބުން ތިމާއަށް ލިބިދޭ ގެއްލުންތައް ދަނެގަނެ ދޮޅަހެޔޮކަންމަތީ ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅުމަކީ މުހިމުކަމެކެވެ.

ގަވައިދުން ބެޑްޝީޓްތައް ނުދޮންނަނަމަ ހަންގަނޑަށް ލިބިދާނެ ބައެއް ގެއްލުންތައް:



1. ފޮލިކިއުލައިޓިސް؛

ބެޑްޝީޓް ޤަވައިދުން ނުދޮންނަނަމަ ދަލާއި ޑެޑް ސްކިންއާއި އެކި ފާޑުފާޑުގެ ބެކްޓީރިއާ ޖަމާވެ ބެޑްޝީޓް ތަޣައްޔަރުކޮށްލައެވެ. މިހެންވުމުން ހަންގަނޑުގައި ހުންނަ އިސްތަށި ބުޑުގައި ހުންނަ ހެއަރ ފޮލިކަލްތައް 'ކްލޮގް' ނުވަތަ ބެދެން ފަށައެވެ. މިއީ ފޮލިކިއުލައިޓިސް ކިޔާ ބައްޔެކެވެ. އަދި މިހެން ދިމާވުމުން ހަމުގެ އެކި ހިސާބުތަކުން ލޯލިތައް ވަށައިގެން އުސްވެ އަދި އިންފެކްޓްވާން މެދުވެރިވެއެވެ.

2. އެކްނީ/ މޫނުގައި ބިހިނެގުން؛

މޫނުގައި ދަލާއިއެއްކޮށް ބޭރުވާ އެއްޗެހި ނުވަތަ ސިބަމްއާއި ބެކްޓީރިއާތައް ގިނަވެ ބެޑްޝީޓް ހަޑިވުމުން އެތަނުގައި ނިދައި ހެދުމުން މޫނުން ބިހި ނަގާގޮތް ދިމާވެއެވެ. އަދި ކޮންމެ ރެޔަކު މިގޮތަށް ހަޑިވެފައިވާ ބެޑްޝީޓް މަތީގައި ނިދާކަމުގައިވާނަމަ މިހާރު މޫނުގައި ހުރި ބިހިތައްވެސް އިތުރަށް ގޯސްވެ މޫނު ހަލާކުވެގެން ހިނގައިދާނެއެވެ.

3. ރިންގް ވޯމް؛

ރިންގަ ވޯމްއަކީ ފަންގަސް އިން މެދުވެރިކުރުވާ ބައްޔެކެވެ. ހަށިގަނޑުގެ އެކި ސަރަހައްދުތަކުގައި ރިންގެއްހެން އުފެދޭ މިބަލި ޖެހުމަށް މެދުވެރިކުރުވާ ފަންގަސްވެސް މިގޮތަށް ބެޑްޝީޓް ބަދަލު ނުކުރާނަމަ ބެޑްޝީޓުގައި އާލާވެއެވެ. އަދި މިއީ ގައިންގަޔަށްވެސް އަރާ ބައްޔެއްކަމުން އެފަދަ ތަންތަނުގައި އަތްލެވުމުން ހަންގަނޑަށް މިބަލި ވަރަށް އަވަހަށް އަރައެވެ.



4. އިމްޕެޓިގޯ؛

އިމްޕެޓިގޯއަކީ ސްޓްރެޕްޓޯކަސް ނުވަތަ ސްޓަފީލޮކޯކަސް ފަދަ ބެކްޓީރިއާ ހަލާވުފައި ހުންނަ ފާރު ގަނޑުތަކަށް ވަދެ އެތަންތަން އިންފެކްޓްކުރުވާ ބައްޔެކެވެ. ހަޑިވެފައިވާ ބެޑްޝީޓްތަކުގައި މިފަދަ ގެއްލުންހުރި ބެކްޓީރިއާ އާލާވުން އެކަށީގެންވުމުން މިއީ ވަރަށް ނުރައްކާތެރިކަމެއް ކަމުގައި ފާހަގަ ކުރަންޖެހެއެވެ.



5. އެތުލީޓުސް ފުޓް؛

މިއީ ވެސް ފަންގަލް އިންފެކްޝަންއެކެވެ. ހަޑިވެފައިވާ ބެޑްޝީޓުގައި ޖަމާވެފައި ހުންނަ ފަންގަސްގެ ސަބަބުން ފައިގެ ހަންގަނޑު ހަލާކުކޮށްލާ މިބަލި ޖެހެން މެދުވެރިވެއެވެ. މިބަލީގެ ސަބަބުން ފައި ހިރުވައި، ރަތްވެ އަދި ފައިގެ ހަންގަނޑު ނެއްޓެން މެދުވެރިވެއެވެ.

މިފަދަ ބަލިތަކުން ސަލާމަތްވުމަށް މަދުވެގެން ހަފްތާއަކު އެއްފަހަރު ބެޑްޝީޓްތަކާއި ބާލިސްއުރަތައް ބަދަލުކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ގިނައިން ދާހިއްލާނަމަ އެއަށްވުރެ ގިނައިން ބެޑްޝީޓްތައް ބަދަލު ކުރަންވާނެއެވެ. ބެޑް ޝީޓް އެހާ ގިނައިން ދޮވުމަށް ވަގުތު ނުވާނަމަ، 3 ވަރަކަށް ބެޑްޝީޓް އިތުރަށް ގެންގުޅެވިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން