ގިނަ ދިވެހިންގެ ތެރޭގައި ޤަބޫލުކުރެވިފައި އޮންނަނީ ދަތުރުކުރުމަކީ ބޭކާރު ޚަރަދުކުރުން ކަމުގައެވެ. އެހެންނަމަވެސް، މުޅި އަހަރުދުވަހު ބުރަކޮށް މަސައްކަތްތަކަށް ފަހު ޢާއިލާއެކު ނުވަތަ އަމިއްލަ ޢާއިލާއެއް ނެތްނަމަ ރައްޓެހިންނާއެކު އަހަރަކު އެއްފަހަރު ނަމަވެސް ތަފާތު މަންޒިލަކަށް ދަތުރުކޮށް ޗުއްޓީހޭދަކޮށްލުމަކީ ހިތްހަމަޖެހުން ލިއްބައިދޭނެކަމެކެވެ. ދިރިއުޅުމަށް އުފާވެރިކަން ގެނުވައިދޭނެކަމެކެވެ. އަދި މާޒީއާއެކު ހަނދާނުގައި އަބަދުވެސް ހުންނާނެ ކަމެކެވެ.



ނަފްސާނީ އިލްމުވެރިން ވިދާޅުވާގޮތުގައި މިގޮތަށް މާހައުލު ބަދަލުކޮށްލުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް މީހާގެ ހަށިގަނޑަށް ފައިދާ ހުރި ކަމެކެވެ. މަސައްކަތުގެ މާހައުލުގައި މީހާއަށް ބުރަބޮޑުވެ ސްޓްރެސްވާނަމަ މިފަދަ ގޮތަކަށް ޗުއްޓީ ހޭދަކޮށްލުމަކީ ހަށިގަނޑަށް ލުއިކަން ގެނުވައިދީ މީހާގެ ސިކުނޑި ތާޒާކޮށްދޭނެ ކަމެކެވެ. އެހެންކަމުން ދަތުރުކުރުމަކީ މީހާގެ ސިކުނޑިއާއި ހަށިގަނޑުގެ އާއްމު ޞިއްޙަތަށްވެސް ފައިދާހުރި ކަމެކެވެ. ތިރީގައިމިވަނީ ދަތުރުކުރުން މުހިންމުވާ ބައެއް ސަބަބުތަކެވެ.

1. ސްޓެރެސް ފިލުވައިދިނުން

ކޮންމެ ދުވަހަކު އެއްގޮތަކަށް އެއް ޝެޑިއުލްއެއްގެ މައްޗަށް ބިނާވެފައިވާ ދިރިއުޅުމާއި ދުރަށްޖެހިލައި އެހެން މަންޒިލަކަށް ދަތުރުކޮށްލުމަކީ އާއްމު މާހައުލާއި ހާލަތު ވަގުތީގޮތުން ބަދަލުކޮށްލަދޭނެ ކަމެކެވެ. އެހެންކަމުން މަސައްކަތުގެ މައިދާނުގައި ޖަމާވެފައިވާ ސްޓެސް ފިލުވާލައި ހަށިގަނޑާއި ސިކުނޑި ތާޒާކޮށްލުމަށް ފުރުޞަތުލިބި މީހާގެ ސްޓްރެސް ފިލައިގެންދާނެއެވެ. އަދި މީގެ ސަބަބުން އަނބުރާ މަސައްކަތުގެ މާހައުލަށް އަންނަ އިރު އުފާވެރިކަމާއި ހިތްހަމަޖެހުމާއިއެކު ސާފު ސިކުނޑިއަކުން އަލުން ފަށައިގަތުމަށް ފުރުޞަތުވެސް ލިބިގެންދާނެއެވެ.



2. ހިތުގެ މައްސަލަތަކުން ދުރުކޮށްދިނުން

ދަތުރުކޮށްލުމުން ހަމައެކަނި ފައިދާކުރަނީ މީހާގެ ނަފްސާނީ ދުޅަހެޔޮކަމަކަށް އެކަންޏެއް ނޫނެވެ. މީގެ އިތުރުން ހިތުގެ ބަލިތަކުން ދިފާޢުކޮށްދީ މީހާގެ އާއްމު ޞިއްޙަތަށްވެސް މީގެ ސަބަބުން ފައިދާތަކެއް ލިއްބައިދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި މަސައްކަތުގެ މައިދާނުގައި އަންނަ ޕްރެޝަރުތަކުން އެކަހެރިވެލުމަށް މިގޮތަށް ވަގުތު ހޭދަކުރުމުން ހިތް ހުއްޓުން ފަދަ ހިތުގެ ބަލިތަކުން ދިފާއުކޮށްދެއެވެ.



3. ބައިވެރިޔާއާއި ގުޅުން ވަރުގަދަވުން

ދަތުރުކުރުމުގެ ސަބަބުން އަމިއްލަ ނަފްސަށް ލިއްބައިދޭ ފައިދާގެ އިތުރުން ޒަވާޖީ ހަޔާތަށްވެސް މިކަމުގެ ސަބަބުން ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެއެވެ. އެކުގައި ހޭދަކޮށްލެވޭ ވަގުތުތައް އާއްމު ދިރިއުޅުމުގައި މަދުވެފައި ދެމީހުން އެކަކު އަނެކަކަށް ދޭންވާ ވަގުތު ނުދެވުމުގެ ސަބަބުން ގިނަ މައްސަލަތަކެއް އާއްމުކޮށް ހުރިހާ ދިރިއުޅުމެއްގައިވެސް ޖެހެއެވެ. އެކި މަންޒިލްތަކަށް ދަތުރުކުރުމުން ދެމީހުން އެކުގައި ވަގުތު ހޭދަކުރުމަށް ފުރުޞަތު ލިބި ދެމީހުންނަށް އުފާވެރި އެތައް ކަންތައްތަކެއް އެކުގައި ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ދެމީހުންގެ ދެމެދުގައި ލޯތްބާއި އެކުވެރިކަން އިތުރުވެ ދެމީހުންގެ ގުޅުން ވަރުގަދަވެގެންދާނެއެވެ.

ދިރިއުޅުމުގައި ފައިސާ ހޯދުމުގެ ބޭނުމަކީ އެކުގައި އުފާވެރި ދިރިއުޅުމެއް ހޭދަކޮށް ވަގުތު ހޭދަކޮށްލުން ނޫންތޯއެވެ؟ އެހެންކަމުން ހުރިހާ ކަމަކަށް ރައްކާކުރަމުން ގެންދާއިރު ކޮންމެވެސް މިންވަރެއް އާއިލާ ގޮވައިގެން ދަތުރުކޮށްލުމަށް ރައްކާކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކި ކޮންމެ މަހަކުވެސް ކޮންމެވެސް މިންވަރެއް މިކަމަށްޓަކައި ރައްކާކުރުމަކީ ކުރެވިދާނެ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން